ފަތުރުވެރިންނަށް ދިވެހިރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެ ކަމަށް ވީނަމަވެސް ރިސޯޓްތަކުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނާއިމެދު ކަންތައް ކުރެވެމުން އަންނަނީ ވަރަށް ނިކަމެތި ގޮތަކަށް ކަމަށާއި އެއީ ދެވަނަ ދަރަޖައިގެ ރަށްވެހިންހެން ހީވާކަމަށް ވިޔަފާރި ޚަބަރުތައް ގެނެސްދޭ ދުނިޔޭގެ އެންމެ ބޮޑު އެއްނޫސް ކަމަށްވާ "ބިޒްނަސް އިންސައިޑާ" އިން ބުނެފިއެވެ.

އެނޫހުގައި ގެނެސްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ ރިސޯޓްގައި ވަޒީފާ އަދާކުރުން އެއީ ދަތިކަމެއް ކަމަށާއި ރިސޯޓްތައް ހިންގާ ކުންފުނިތަކުން މުވައްޒަފުންނާއިމެދު ކަންތައް ކުރަމުން އަންނަނީ ރަނގަޅަށް ނޫން ކަމަށެވެ. އެތައް މަހެއް އެކަހެރި ރަށެއްގައި ހޭދަކުރުން ޖެހުމުގެ ދަތިކަން މުވައްޒަފުން އިހްސާސް ކުރަން ޖެހިފައި ވާކަން ފާހަގަކޮށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ރިސޯޓްތަކުގެ މުވައްޒަފުންނާއިމެދު ކަންތައް ކުރެވެމުން އަންނަ ނިކަމެތި ގޮތްތައް އެގޮތައް ދެމިގެން އައިނަމަވެސް މިކަންކަން ބަދަލު ކުރުމުގެ މަސައްކަތް ރާއްޖޭގައި ރިސޯޓް ހިންގާ ސިންގަޕޫރުގެ ޕޮޓިއެކް ލޭންގް ގްރޫޕުން ފަށާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އެއީ "ފަރި އައިލެންޑްސް" ނަމުގައި ހަތަރު ރަށެއް ތަރައްގީ ކުރަމުން އަންނަ ކުންފުންޏެވެ.

އެއްފަޅެއްގެ ތެރޭގައި އޮންނަ ހަތަރު ރަށުގެ ތެރެއިން އެއް ރަށަކީ ރިޒް ކާލްޓަން އެވެ. ދެވަނަ ރަށަކީ ކަޕެއްލާއެވެ. ތިން ވަނަ ރަށަކީ ޕެޓީނާއެވެ. ހަތަރު ވަނަ ރަށަކީ ފަަރި ކެމްޕަސް އެވެ. ފަރި ކެމްޕަސް އަކީ މުވައްޒަފުންނަށް ހާއްސަ ކޮށްފައިވާ ރަށެކެވެ.

ހުރިހާ ފަރި އައިލެންޑެއް ހުޅުވުމުން އެތިން ރިސޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު 1200 އަށް އަރާނެ ކަމަށް ބެލެވެއެވެ. ޖޫން މަހު ވަނީ ފުރަތަމަ ރަށް ކަމަށްވާ ރިޒް ކާލްޓޮން ހުޅުވާފައެވެ. ކުރިއަށް އޮތް 18 މަސް ދުވަހާއި 24 މަސް ދުވަހާއި ދެމެދުގެ މުއްދަތެއްގައި ހުރިހާ ރިސޯޓެއް ވެސް ހުޅުވޭނެ ކަމަށް ލަފާކުރެވެއެވެ.

ރިސޯޓްގެ ޑިވެލޮޕްމެންޓް މެނޭޖަރު ކެވިން ވިދާޅުވީ ރާއްޖޭގެ ރިސޯޓްތައް ތަރައްގީ ކޮށްފައި އޮންނަނީ ކުދިކުދި ރަށްތަކެއްގައި ކަމުން މުވައްޒަރުން ތިބެން ހުންނަ ފެސިލިޓީތައް ބަހައްޓަން ޖެހެނީ ރަށުގެ މެދުގައި ވަރަށް ކުޑަކުޑަ ޖާގައެއްގައި ކަމަށެވެ. އެހެންކަމުން މުވައްޒަފުން ބޭނުންވާ ގިނަކަންކަން އެތަންތަނުގައި ފުރިހަމަ ކޮށްދެވޭ ގޮތެއް ނުވިއެވެ.

ނަމަވެސް ފަރި އައިލެންޑްގައި ވަކި ރަށެއްގައި މުވައްޒަފުންނަށް ހާއްސަ ކުރުމުން މުވައްޒަފުންނަށް ވެސް ބީޗް ވިލާތަކުގައި ދިރިއުޅުމުގެ ފުރުސަތު ވެސް ލިބިގެން ދާނެއެވެ. މިއީ މީގެ ކުރިން ރާއްޖޭގެ އެއްވެސް ރިސޯޓަކުން ލިބުނު ފުރުސަތެއް ނޫނެވެ.

ރިސޯޓް މުވައްޒަފުންނާއިމެދު ކަންތައްތައް ކުރަމުން އަންނަ ގޮތުން ރިސޯޓް މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް އަބަދުވެސް ހުރެއެވެ. ނަމަވެސް އެފަދަ ގިނަ ޝަކުވާތަކަށް ނިމުމެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ތުއްތުނާ

    ގަބޫލުކުރާނެމީހުންމަދުވާނެ. ނަމަވެސް ހަގީގަތްވާނީ ހަމަހަގީގަތަށް..

    52
    • ޙައްގުބަސް

      ގަބޫލުކުރަން ބަޔަކަށް އުނދަގޫވިޔަސް ބުނެލަން ބޭނުންވަނީ ރާއްޖޭގެ ރިސޯޓް މުވައްޒަފުންނާމެދު އެންމެ އިހާނެތިކޮށް ކަންތައްތައް ކުރަނީ ރާއްޖޭގެ ރިސޯޓް އޯނަރުން!! ވިލާ ކުންފުނި، ޗަމްޕާ ކުންފުނި، ސަން ޝިޔާމް ކުންފުނި އަދި ޔުނިވަރަސަލް ކުންފުނި! ކުޑަ މުސާރައެއްދޭއިރު ސަރވިސް ޗާޖްކޮލުވެސް ކާލަނީ! ރާއްޖޭގައި ހުރި ބޭރުގެ ރިސޯޓް ޗެއިންތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖްގެ ގޮތުގައިވެސް ދިހަހާހުން ފަންސަވީސް ހާހުން ދެމުންދާކަން ނޫސްތަކުން އެނގިފައި އެބަހުރި!! އެކަމަކު މިރާއްޖޭގައި ޓޫރިޒަމް އުފެދުނީއްސުރެ އުޅޭ ރާއްޖޭގެ ބޮޑެތި ގިނަ ކުންފުނިތަކުގެ ވެރިންގެ ދަހިވެތިކަމާ މުށްބާރުކަމާ ނޭއްގާނީކަން ހަމަ އިންތިހާއަށް ބޮޑު އަދިވެސް!

      81
  2. އެލެކްސް

    ވިލާއިން އެންމެ ފުރަތަމަ މުސާރަ ކެޑީ އަ ދިވެސް ހަމަމުސާރަނު ދޭ

    41
  3. Anonymous

    ހައްގު ތެދު އެތައްޖީލެއް އެހާލުގަ ފަނާވެގޮސްފި އެތައްބަޔަކު މިލިއަނަރުންނައްވެއްޖެ

    48
  4. އަލިކޮއެ

    ތިގޮތޮތައް ތިތަން ހަދާފަ އޮތަސް މަދު ސްޓާފްން ކޮޅެއް ލާގެން ގަނަތަޅުވާ ކަމައް ވާނަމަ ތި ރެސޯޓް އެކޭ އެހެން ހުރިހާ ރެޒޯޓް އެކޭ ހަމަ ހަމަ އެވެ

    32
    4
  5. އަޙްމަދު

    މިކަމުގެ ޒިންމާ ނަގަންޖެހެނީ ދިވެހި ސަރުކާރާ ޓޫރިޒަމް މިނިސްޓްރީ! ޒަމާނުއްސުރެ އެމިނިސްޓްރީ ތެރޭގައި ތިބޭ އިސްމީހުން ބައެއްމީހުން ތިބެނީ ރިސޯޓް އޯނަރުންގެ ޖީބުތެރޭގައި ތާށިވެފައި! ސަރުކާރުން މިކަމުގައި ތިބެނީ ލޯމަރާލައިގެން! ރާއްޖެއަށް އާމްދަނީ ލިބޭދޯ! އެހެންވިމާ ވަރިހަމަ ވެފައި! މުވައްޒަފުންނާއި މެދު ރަނގަޅަށް ކަންކަން ކުރެވޭނަމަ މިދާއިރާގެ ސަބަބުން ޤައުމަށް ލިބޭ ފާއިދާ މާބޮޑުތަނުންވެސް ބޮޑުވާނެ! 50 އަހަރު ވެގެންދާއިރު ޓޫރިޒަމް ދާއިރާއިން މީހުން ބިނާކޮށް ދިވެހިން މިދާއިރާ ޑޮމިނޭޓް ކުރެވޭފަރު ވެފައި ނެތުމަކީ ކޮންމެވެސް ބަޔަކު ބޮޑުތަނުން އިހްމާލު ވެފައިވާކަުމެ ހެކީ! އަމިއްލަ ގޮތުން ބަޔަކު ނުކިޔަވާވާހަކައެއްނޫން! ދެވިހިންގެ ތެރޭގާއި ހިންގުމުގެ ދާއީރާ ތަކުގެ ތަޖްރިބާ ކާރުން އެބައުޅޭ! ނަމަވެސް ފުރުސަތު ކުޑަ!

    22
  6. ކޮރަލް

    ރިސޯޓް މުވައްޒަފުންނަށް ނިކަމެތިކަމެއް ނުލިބެ އެވެ. ރިސޯޓް ގަ އުޅޭ ދިވެހި މުވައްޒަފުންނަށް ނިކަމެތި ކަން ވ ބޮޑަށް ލިބިއްޖެ އެވެ.

    8
    1
  7. ރަދީފް ހުސެން

    މުއައްޒަފުންނައް ރަނގަޅު މުސާރަޔަކާ، ރަނގަޅު ކެއިންބުއިމާ، ރަނގަޅު ނި ދޭނެގޮތަކާ، ސަރވިސް ޗާޖުކޮޅު ދޭންވީމާ! ލާރިއެއްނެތް، ވިޔަފާރިއެއްނުވެ؟ އޯނަރުންގެ ރައްޓެހިންނާ އާއިލާ މީހުން އަޗާތަޅާ ގެ ދޮރާ ފްޅެޓްގަންނާށާ، ސިޔާސީ ޕާޓީއައް ސަޕޯޓަރުން އެއްކުރަން އެކްޓިވިސްޓުންނައް ހަރަ ދުކުރަން ބޯކޮއްއޮވެ؟؟؟؟ މީ ރިސޯޓު ނޫނަސް ޕްރައިވެޓް ކުންފުނިތަކުގެވެސް ހާލަތު.