އިނގިރޭސި ވިލާތުގެ ރައްޔިތުން ދަތުރު ކުރުން މަނާ ގައުމުތަކުގެ ލިސްޓުގައި (ރަތް ލިސްޓު) މި ފަހަރު ވެސް ރާއްޖެ ހިމެނިއްޖެއެވެ.

ރާއްޖެ އަށް އެންމެ ގިނަ އިން ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތު ރަތް ލިސްޓަށް ރާއްޖެ އިތުރުކޮށްފައިވަނީ މެއި މަހުގައެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން "ރަތް ލިސްޓު" ގައި ނެތް ހަމައެކަނި ގައުމަކީ ބޫޓާނެވެ.

އިނގިރޭސި ވިލާތުގެ ސަރުކާރުން މި ފަހަރުގެ "ޓްރެފިކް ލައިޓް ސިސްޓަމް ރިވިއު" އާއްމުކޮށްފައެވެ. ރަތް ލިސްޓަށް ހަތަރު ގައުމެއް އިތުރުކޮށްފައިވާ އިރު ހަތް ގައުމެއް ވަނީ ގްރީން ލިސްޓަށް އިތުރުކޮށްފައެވެ. އެ ގައުމުތަކަކީ އޮސްޓްރިއާ، ޖަރުމަނު ވިލާތް، ސްލޮވޭނިއާ، ސްލޮވާކިއާ، ލެޓްވިއާ އަދި ރޮމޭނިއާގެ އިތުރުން ނޯވޭއެވެ.

ޔޫކޭގެ ޓްރެވެލް އެކްސްޕާޓުން ކުރިން ލަފާކުރި ގޮތުގައި މި ފަހަރުގެ ރަތް ލިސްޓުން ރާއްޖެ އުނިވާނެއެވެ.

ގްރީން ލިސްޓަށް ރާއްޖެ އިތުރުވެއްޖެ ނަމަ ފައްސި ވެފައިވާ މިހަކާއެކު ދަތުރުނުކުރާހާ ހިނދަކު ކަރަންޓީނު ވާން ނުޖެހޭނެއެވެ. ނަމަވެސް އިނގިރޭސި ވިލާތަށް އެތެރެވުމުގެ ދެ ދުވަސް ކުރިން ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

އިނގިރޭސި ވިލާތުގައި މިހާތަނަށް ފަސް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ފައްސިވެފައެވެ. ދުވާލެއްގެ މައްޗަށް 27 ހާހެއް މީހުން ދަނީ ފައްސިވަމުންނެވެ.