މި އަހަރުގެ މިހާތަނަށް އިންޑިއާ އާއި ރަޝިޔާއިން ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށް ވުރެ ގިނަ ފަތުރުވެެރިން ރާއްޖެ އައިސްފައި ވެއެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާއިންނެވެ. އެ ގައުމުން ރާއްޖެއަށް 123،731 ފަތުރުވެރިން އައިސްފައިވާއިރު، އިންޑިއާއިން 121،046 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ތިން ވަނައަށް އިނގިރޭސިވިލާތް އޮތްއިރު، އެ ގައުމުން 88،204 ފަތުރުވެރިން އައިސްފައި ވެއެވެ. އަދި ޗައިނާ އެ ލިސްޓުގެ ހަތަރު ވަނައިގައި އޮތްއިރު، އެ ގައުމުން ރާއްޖެއަށް 87،662 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖެ އަށް މި މަހުގެ މިހާތަނަށް 121،054 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަދި އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު އިތުރު ވުމެކެވެ. މިހާރު ދުވާލަކަށް ރާއްޖެއަށް 4،600 ފަތުރުވެރިން އަންނައިރު، އާއްމު ގޮތެއްގައި ހަތް ދުވަސް ވަންދެން މި ފަތުރުވެރިން ރާއްޖެ ތިބެއެވެ.

މިވަގުތު ރާއްޖޭގެ 175 ރިސޯޓެއް އޮޕަރޭޝަނަށް ގެނެސްފައިވާއިރު، 13 ހޮޓެލް އަކާއި، 910 ގެސްޓް ހައުސްއެއްގެ އިތުރުން، 161 ސަފާރީ އުޅަނދު އޮޕަރޭޝަނަށް ގެނެސްފައި ވެއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި އަހަރު ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަކީވެސް ރަޝިޔާ މީހެއް ކަމެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ޖުލައި 16 ވަނަ ދުވަހުއެވެ.

މި އަހަރު ރާއްޖެއަށް 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް ވަނީ އަމާޒު ހިފައިފައެވެ.