ލާމަރުކަޒީ ގާނޫނު އޮންނަ ގޮތުން ސިޓީ ކައުންސިލެއް އުފެދެން އަންނަނީ 10،000 ރަށްވެހިންގެ އާބާދީއެއް އެ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުގައި އޮންނަ ނަމައެވެ. އެ އުސޫލުގެ މަތިން ހަތަރު ސިޓީ ކައުންސިލެއް ވެސް އުފައްދައިފިއެވެ. އެއީ ވެރިރަށުގެ މާލެ ސަރަހައްދުގެ ސިޓީއާއި، އެންމެ ދެކުނުން އައްޑޫ ސިޓީއާއި، ފުވައްމުލައް ސިޓީ އަދި އުތުރުގައި އޮންނަ ހދ. ކުޅުދުއްފުށި ސިޓީއެވެ.

މި ހަތަރު ސިޓީ ވެސް އުފެދިފައި މި އޮތީ ތަފާތު ގޮތަކަށެވެ. ފުރަތަމަ މާލެ ސިޓީއަށް ބަލާއިރު، މިއީ ކ. އަތޮޅުގައި އޮތް ސަރަހައްދެއް ނަމަވެސް ލާމަރުކަޒީ އަދި އިދާރީ ހިންގުމުގައި މި ސިޓީ އޮންނަނީ ކ. އަތޮޅުން މުޅިން ވަކިކޮށްފައެވެ. އައްޑޫ ސިޓީއަށް ބަލާއިރު އެއީ ގުދުރަތީ މުޅި އަތޮޅުގެ ހުރިހާ ރަށެއް ހިމަނައިގެން އުފައްދާފައި އޮތް ސިޓީއެކެވެ. ހުޅުމީދޫ ފިޔަވައި އަނެއް ހަތަރު ރަށް އޮންނަނީ ވެސް ލިންކް ރޯޑްއަކުން ގުޅާލައި ގާތްގަނޑަކަށް އެއް ފަސްގަނޑަކަށެވެ.

އެއް ފަސްގަނޑެއް އަތޮޅެއްގެ ގޮތުގައި ހިނގަމުން އައި ހަމައެކަނި ރަށް، ފުވައްމުލައް ސިޓީ ވެސް އަނެއް ދެ ސިޓީއާ ތަފާތު ވަނީ ޖިއޮގްރަފިކަލީ ގޮތުން ވެސް އެ ރަށް އޮންނަ ސަރަހައްދުގެ ގޮތުންނެވެ. އިތުރު އެއްވެސް ރަށެއް މާ ކައިރިއަކު ނޯންނާނެތީއެވެ. ދެން އެންމެ ފަހުން އުފެއްދި ހދ. ކުޅުދުއްފުށި ސިޓީ އޮތީ އަދިވެސް ހދ. އަތޮޅު ކައުންސިލްގައި އޮންނަ ގޮތަށެވެ. ސިޓީގެ މޭޔަރު ވެސް އަތޮޅު ކައުންސިލްގައި އިންނަވާނެއެވެ.

ތަފާތު ހަތަރު ވިސްނުމެއްގައި އުފައްދާފައި އޮތް ހަތަރު ސިޓީ ކައުންސިލެއް ރާއްޖެގައި ހިނގަމުންދާއިރު ފަސްވަނަ ވިސްނުމެއްގައި ސިޓީ ކައުންސިލެއް އުފެއްދުމުގެ މަސައްކަތެއް ކުރަން މިހާރު ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ފަށައިފައެވެ. އެއީ އެންމެ ފަހުން ވެސް ސިޓީ ކައުންސިލެއް އުފެއްދި ކުޅުދުއްފުށި އޮންނަ ހދ. އަތޮޅުގައި އިތުރު ސިޓީ ކައުންސިލެއް އުފެއްދުމެވެ.

ސިޓީ ކައުންސިލެއް އުފެއްދުމަށް ގާނޫނުގައި އަދިވެސް މާ ތަފްސީލީ ތަރުތީބުތަކެއް ބަޔާން ކުރެވިފައެއް ވެސް ނެތެވެ. އެކަމަކު ގާތްގަނޑަކަށް އެއް ސަރަހައްދެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކެއް ގުޅިގެން އެ ކައުންސިލްތަކުގެ އިހްތިސާސްއަށް 10،000 ރަށްވެހިންގެ އާބާދީއެއް ހަމަވާނަމަ ސިޓީ ކައުންސިލެއް އުފެއްދުމުގެ ޖާގަ އޮވެއެވެ.

އެކަމަކު އެ ވިސްނުމަށް މިހާތަނަށް ރަށްރަށުގެ ކައުންސިލްތަކެއް މަސައްކަތް ކޮށްފައެއް ނެތެވެ. ފުރަތަމަ ފަހަރަށް މިފަދަ ވިސްނުމެއްގައި މަސައްކަތް ކުރުުމުގެ ޚިޔާލު ހުށަހެޅުއްވީ ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރެވެ. "ތިލަދުން" ޚިޔާލާތު އުފެދިގެން އައި ފަސްގަނޑުގެެ ކައުންސިލް ރައީސް ޒަމީރު ހުށަހަޅުއްވަނީ އެ އަތޮޅުގެ ބައެއް ރަށްރަށް ގުޅިގެން 10،000 މީހުންގެ އާބާދީ ހަމަވާ ސިޓީ އެއް ކައުންސިލް އުފެއްދުމަށެވެ.

vaikaradhoo
ހދ. ވައިކަރަދޫ، ފޮޓޯ: ވައިކަރަދޫ އައިލެންޑް ފޭސްބުކް ޕޭޖް

ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ "ވަގުތު" އަށް ވިދާޅުވީ މާލީ ގޮތުންނާއި، އިގްތިސާދީ ގޮތުން އަދި ސިޔާސީ ގޮތުން ކުރިއެރުން ހޯދުމަށްޓަކައި ހދ. އަތޮޅުގައި އިތުރު ސިޓީއެެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މިހާރު ވެސް ލާމަރުކަޒިީ ގާނޫނުގައި އެކި ރަށު ކައުންސިލްތައް ގުޅިގެން ކަނޑައެޅިފައިވާ އާބާދީ ހަމަވާނަމަ ސިޓީ އެއް ކައުންސިލެއްގެ ގޮތުގައި އެފުދުމުގެ ފުރުސަތު އޮންނަ ކަން ފާހަގަ ކުރައްވައި ޒާމިރް ވިދާޅުވީ ހަނިމާދޫއާއި، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް އެއްކޮށްގެން އެ އާބާދީ ވަރަށް އަވަހަށް ހަމަވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. މިހާރު ވެސް މި ތިން ރަށުގެ އާބާދީ 7،000 އާ ގާތް ކުރެއެވެ. ހދ. އަތޮޅުގެ ހުރިހާ ރަށެއް ގުޅިއްޖެނަމަ 15،000 އާ ގާތް ކުރާ އަދަދެއް ހަމަވާނެއެވެ.

ޒަމީރު ވިސްނުމަށް ތާއީދު ކުރައްވައި، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން ވިދާޅުވީ ހދ. އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ވެގެން ދިއުމަކީ އޭގެ ސަބަބުން ރައްޔިތުންނަށް އެތައް ގޮތަކުން ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އޭނާ ގަބޫލު ކުރައްވާ ގޮތުގައި ބްރިޖްއަކުން ރަށްރަށް ނުގުޅުނަސް އަދި އެއް ފަސްގަނޑަކަށް ހެދެން ނެތަސް އެ ރަށްރަށް ގުޅިގެން އެއް ސިޓީ ކައުންސިލެއް ހިންގޭނެއެވެ.

ހދ. ހަނިމާދޫ
ހދ. ހަނިމާދޫ

ސިޓީ ކައުންސިލެއް އުފެއްދުމުގެ ވިސްނުމަކަށް އޭނާ ތާއީދު ކުރައްވަނީ ރަށު ކައުންސިލްތަކަށް ނުލިބޭ އިތުރު ބައެއް ބާރުތައް ވެސް ސިޓީ ކައުންސިލަކަށް ލާމަރުކަޒީ ގާނޫނުގެ ދަށުން ލިބޭތީއެވެ. ސިޓީގެ އިހްތިސާސްގައި ހިމެނޭ ގިނަ ކަންކަން، އަތޮޅު ކައުންސިލަށް ވެސް ބަރޯސާ ނުވެ ހިނގޭނެތީ ކަން އޭނާ ފާހަގަކުރައްވައެވެ.

"ހދ އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ވެގެން ގޮސްފިނަމަ، އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ވެގެންދާނެ. ބްރިޖް ނޭޅުން ކަމުގައި ވިޔަސް ތިން ރަށް ފެރީއަކުން ގުޅުނީމަ ރައްޔިތުންނަށް ފައިދާތަކެއް ވެގެން ދާނެ. ދަތުރުފަރުތުރުގެ ނިޒާމް ގުޅާލައި ދެވަނަ ސިޓީއެއް އަތޮޅުގައި ތަރައްގީވުމުން މަސްވެރިކަމާއި، ދަނޑުވެރިކަން އަދި އުމްރާނީ ތަރައްގީގެ ގޮތުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ،" ސައްތާރު ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވެސް ވިދާޅުވީ ޒާމިރުގެ ހިޔާލަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް، ހދ. އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ކުރަން ނަދީމް ބޭނުން ވަނީ ކައިރީގައި އޮތް ތިން ރަށް ކަމުގައިވާ ނޮޅިވަރަންފަރު، ނޮޅިވަރަމް، އަދި ހަނިމާދޫ ބްރިޖް އަކުން ގުޅާލައިގެން ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެއީ ހަތަރު ރަށުން ތިން ރަށް ކައިރީގައި އޮތުމުން ބްރިޖް ކަނެކްޓިވީއެއް ދިނުމުން ޚިދުމަތް ދޭން ފަސޭހަ ވާނެތީއެވެ.

ހދ. ނޮޅިވަރަންފަރު

"ބްރިޖްއަކުން ތިން ރަށް ގުޅާލައިގެންނަމަ ތާއީދު. ބްރިޖްއަކުން ގުޅާލައިގެން ނޫންނަމަ ހިދުމަތްތައް ހޯދުމުގައި ދަތިތަކަކާއި ކުރިމަތިވާނެ،" ވައިކަރަދޫގެ އިތުރުން ކައިރީގައި އޮންނަ ހަނިމާދޫ، ނޮޅިވަރަމް އަދި ނޮޅިވަރަންފަރު އެއްކޮށްގެން ހދ. އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ކުރުމާ ގުޅިގެން ނަދީމްގެ ހިޔާލު ޚިއްސާ ކުރައްވަމުން ވިދާޅުވިއެވެ.

ނަދީމް ވިދާޅުވީ އެ އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ވެގެން ގޮސްފިނަމަ އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާތަކެއް ވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ހަނިމާދޫގައި އެއާޕޯޓެއް އޮވެފައި ތިން ރަށް އެއްކޮށްގެން ސިޓީއެއް ތަރައްގީ ކޮށްފިނަމަ، ފެސިލިޓީތައް އިތުރުވެ ހޮސްޕިޓަލުތައް އިތުރަށް ތަރައްގީވެގެން ދާނެކަމަށް ނަދީމް ގަބޫލުކުރައްވައެވެ.

ނަމަވެސް މި ދެ ރަށުގެ ކައުންސިލަރުންނާއި ނޮޅިވަރަމް ކައުންސިލްގެ ރައީސް ޔޫސުފް މޫސާގެ ހިޔާލު ތަފާތެވެ. އޭނާ "ވަގުތު" އަށް ވިދާޅުވީ ހަނިމާދޫ، ނޮޅިވަރަންފަރު އަދި ނޮޅިވަރަމް އެއްކޮށްގެން ހދ އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ކުރުމަށް މުޅިން ތާއީދު ނޫން ކަމަށެވެ. މި ތިން ރަށަށް ވުރެ ސިޓީއެއް ތަރައްގީކުރުމުގައި އިސްކަންދޭންވީ އެހެން ރަށެއް އެ އަތޮޅުގައި އެބައޮތްކަން މޫސާ ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މުޅިއަކުން އެ ހިޔާލަށް ތާއީދެއް ނުކުރަން. އަޅުގަނޑު ގަބޫލު ކުރަނީ އެ ތިން ރަށުގެ ތެރޭގައި މަކުނުދޫ ކަމަށް އޮންނަން ޖެހޭނެ ކަމަށް. ސިޓީއެއް އުފައްދާއިރު އިސްކަން ދޭންވާނީ އެރަށަށް. އެއީ އެރަށާއި ގުޅިފައި ބޮޑު ފަޅެއް އޮވެފައި، ރިސޯޓުތައް ތަަރައްގީކުރާނެ ތަންތަން އޮތީމަ" ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރްގެ ހިޔާލަށް މުޅިން ތާއީދު ނުކުރާ ސަބަބު ހާމަކުރައްވައި މޫސަ ވިދާޅުވިއެވެ.

އޭގެ އިތުރުން މޫސަ ވިދާޅުވީ ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދޭންވާނީ މަކުނުދޫއަށް ކަމަށެވެ. ނޮޅިވަރަމް ވެސް ތަރައްގީވާން ބޭނުންވާ ކަމަށާއި، ކޮންމެހެން މަކުނުދޫގެ ނަން އެތަނުގައި ފާހަގަ ކޮށްފައި އެވަނީ އެރަށުގައި ވަރަށް ހަރަދުބޮޑުކޮށް އުޅެން ޖެހިފައިވާތީކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ހދ އަތޮޅުގެ ގިނަ ރަށްރަށުގެ މީހުން ޑޮކްޓަރަށް ދައްކަން ދާންވެއްޖެ ނަމަ ދަތުރުކުރަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށެވެ. ނޮޅިވަރަމުން ކުޅުދުއްފުއްޓަށް ހެޔޮ އަގުގައި ދެވުނު ކަމުގައި ވިޔަސް މަކުނުދޫއިން ކުޅުދުއްފުއްޓަށް ދިއުމަށް ހާހުން ރުފިޔާ ހޭދަވާކަން މޫސަ ފާހަގަ ކުރެއްވިއެވެ.

ނޮޅިވަރަމް ، ފޮޓޯ: މީސް މީޑިއާ

މޫސަގެ ހިޔާލު ފާޅުކުރަމުން އޭނާ ވިދާޅުވީ ހދ.އަތޮޅުގައި ދެވަނަ ސިޓީއެއް ތަރައްގީ ކުރުމުން އޭގެ ސަބަބުން ރައްޔިތުންނަށް ފައިދާ ވާނެ ކަމަށްް އެބޭފުޅާ ގަބޫލު ނުކުރައްވާ ކަމަށެވެ. ސިޓީއެއް ތަރައްގީކުރުމުން ރައްޔިތުންނަށް ލިބިގެންދާ ފައިދާއަށް ވުރެ ގެއްލުން ބޮޑުކަން އޭނާގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ދެވަނަ ސިޓީއެއް މި އަތޮޅުގައި ތަރައްގީވެގެން ރައްޔިތުންނަށް ފައިދާވާނެ ކަމަކަށް ގަބޫލެއް ނުކުރަން، ސަރުކާރަށް ނޫން ގޮތަކަށް ފައިދާއެއް ނުވާނެ. ސަރުކާރަށް ފައިދާ ވާނީ މިއީ ސިޓީއެކޭ ކިޔައި ދައްކައިގެން ބޭރުގެ ގައުމުތަކުން ލޯނު ހޯދަން ފަސޭހަ ވާނެތީ، ސިޓީއެއް ތަރައްގީ ވުމުން މެމްބަރުން ވެސް މަދުވޭ. އެހެން ކަމުން ވަޒީފާގެ ފުރުސަތުތައް ވެސް ގެއްލިގެންދޭ،" މޫސަ ވިދާޅުވިއެވެ.

ނޮޅިވަރަމް ކައުންސިލް ބައްދަލުވުމެއްގެ ތެރެއިން

އެއް ފަސްގަނޑަކަށް ނެތް ހަތަރު ރަށެއް ގުޅިގެން ސިޓީ ކައުންސިލެއް އުފެއްދުމަކީ އަނެއްކާ ވެސް އާ ވިސްނުމެކެވެ. ލާމަރުކަޒީ ގާނޫނު ތަންދޭ ކަމަކަށް ވިޔަސް ކުރަން އެހާ ވެސް ފަސޭހަ ކަމަކަށް ނުވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް، މިހާރު އޮތް ކައުންސިލްތަކުގެ ތެރެއިން ތިން ރަށެއްގެ ކައުންސިލްގެ ރައީސް މި ޚިޔާލަށް ތާއީދު ކުރެއެވެ. ހދ. އަތޮޅުގެ މި ރަށްރަށް ގުޅިގެން ސިޓީ ކައުންސިލެއް އުފެދިއްޖެނަމަ މި ވާނީ އަތޮޅެއްގައި ދެ ސިޓީ ކައުންސިލް އޮތް ފުރަތަމަ ސިޓީ ކައުންސިލަށެވެ. މި ޚިޔާލާއެކު އެހެން ބައެއް އަތޮޅުތަކުގެ ކައުންސިލްތަކުން ވެސް އެ ޚިޔާލަށް ދިއުމަކީ ވެސް ދާދި ގާތް ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސަންފައްތަ

    ސިޓީއަކަށް ވުމުން ރައްޔިތުންނަށް ވަނީ ކޮން ފައިދާއެއް. ކައުންސިލަރުންގެ މުސާރަ ބޮޑުވާނެތީ ތިކަން ކުރަން ތިއުޅެނީ.

    8
    1
  2. ސަރުދާރު

    ބޭކާރު އަނގަ ތަޅަން ނަގާފަ ތިބި ކައުންސިލަރުން ތަކެއް. ތިއުޅެނީ ކޮންމެހެން ތަރައްގީވާނެތީއެއް ނޫން. ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުވީމަ.

  3. ހަސަން

    މިހާރު ސިޓީ ކައުންސިލް ހަދާފަ އޮންނަނީ ނަމެއްގައި ، ޤާނޫނުގައި ފުރިހަމަ ކުރަންޖެހޭ އެއްވެސް ކަމެއް މިހާތަނަށް ފުރިހަމަ ވެފައި ނުވާއިރު އިތުރު ސިޓީ އެއް ރަށްތައް ގުޅިގެން ހަދައިފިނަމަ އެރަށްރަށަށް ދޭންޖެހޭ އަސާސީ ޚިދުމަތްވެސް ނުލިބޭނެ ކަން ޔަޤީން، އިޚިޔާލަކީ ސިކުނޑި ހަމަޖެހޭ ކައުންސިލަރުން ދައްކާޒާތުގެ ވާހަކައެއް ކަމުގައި ޤަބޫލު ނުކުރެވޭ..

  4. ޖުޑީ

    ކެލާ-ދައްފަރު-ފިއްލަދޫ-ބާރަށް-ހަނިމާދޫ-ނޮޅިވަރަންފަރު-ނޮޅިވަރަމް-ކުޅުދުފުށި-ކުމުންދޫ ބޮޑު ހަރަދެއް ކޮށްގެން ވިޔަސް ސަރުކާރުން ޖެހޭ ބުރިޖުން ގުޅާލަން އަދި ކުދިރަށް ރަށުގެ އާބާދީތަކަށް ގެދޮރުދީގެން މިރަށް ރަށަށް ބަދަލުކޮށް މީން ކޮންމެ ރަށެއް ވަކިކަންކަމަށް ހާއްސަކުރަށް. މިސާލަކަށް ކުމުންދޫ މަތީތައުލީމުދޭ މަރުކަޒުތަކަށް ކުޅުދުފުށި މަތީފެންވަރުގެ މެޑިކަލް ކަންކަމަށް ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާ ލޯކަލް ޓުއަރިޒަމްއަށް ނޮޅިވަރަންފަރު ލޯކަލް ޓުއަރިޒަމަށް ބާރަށް މެރިކަލްޗަރއަށް ފިއްލަދޫ - ދައްފަރު ޕޯޓުހަބަކަށް ކެލާ ދަޑުވެރިކަމާ ލޯކަލް ޓުއަރިޒަމްއަށް. އޭރުން ދުރުމުސްތަގުބަލަށް ބަލާއިރު ކުދިކުދި ރަށްރަށަށް ދައުލަތުން ކުރާ ހަރަދު ކުޑަވެ ދިވެހި އިގްތިސާދަށް ވަރަށް ބޮޑުހެޔޮ އަސަރުކުރާނެ.

    9
    2
    • ނަދާ

      ވަރަށް ބަރާބަރު

  5. އަބްދޫ

    ރާއްޖޭގެ ހުރިހާރަށެއް ގުޅިގެން އެއްގައުމުވެސް މިހުންގެނި ދޯ .އައްޑު ކައުންސިލު ގަ ނުހިމެނޭ ހުޅުދޫ މީދޫ ގުޅިގެން ހދ، ވައިކަރަދުޫއާއެކު ސިޓީކައުންސިލެއްހެދިދާނެ. އެކަމަކު އާބާދީ އެއްފަސް ވުން ބްރިޖަކުން ނުވަފަ ތާލަމަކުން ނަމަވެސް ގުޅިފަ ނެތި ސިޓީ ހެދޭނެ ގޮތެއް އޮތްނަމަ ކޮންމެ އަތޮޅަކީ ސިޓީއަކަށް ނުވާ ގޮތަށް އޮތީ ދެތިން އަތޮޅު ދެންހުރި ހުރިހާ އަތޮލެއްގަވެސް ދިހަހާސް ހަމަވޭ . ނަންބަދަލު ކޮށްލާ . މިހާތަނަރާއްޖޭގަ ހެދިފަ ހުރީ ނަންސިޓީ .އެއިންތަނެއަގަ ނަރުދަމާއެއް ފެނެއް މަގެއް ހެދުނީކީނޫން . ބަލަގަ ސިޓީއެއް ހެދުމަކަށް އާބާދީ ބޭ ނުމެއްނުވޭ. ސިޓޭއަކަށް ހެދުމަށް ބޭނުންވަނީ ތަރައްގީ އަސާސީ ހުރިހާކަމެއް ދުނިޔޭގެ ސިޓީ ފެންވަރަށް ތަރައްގީވުމުން ސިޓީނުކިޔަސް އެތަނަކަށް އާބަދީ ހިޖްރަ ކުރާނެ.

  6. Anonymous

    ސިޔާސީ މަންފާ ހޯދަން ނަމެއްގަ ކޮންހާ ސިޓީ އެއްތަ! ލޮލް! ސިޓީ ކައުންސިލް ހަދާގެން މޭޔަރ ގެ މަގާމް އުފައްދާ ބޮޑެތި މުސާރަ ނަގާގެން ކޮފީ ބޯން ތިބެން! ފުރަތަމަ ސިޓީ މި ލަފުޒު އިގިރޭސި މަހުން ބޭނުން ކުރާ ގޮތް ބަލަމާ! ދެން ބަލާ ސިޓީ އެއްގެ ދަރަޖަ ދެވޭތޯ ! އައްޑޫ ވިއްޔާ ހުރިހާ ރަށެއް ގުޅިފަ އޮތީމަ ބިމުގެ ގޮތުން ކިއިދާނެ ސިޓީ އެކޭ އެކަމަކު އެ ވެސް ސިޓީ އަކަށް އަސްލު ކުފޫ ހަމަނުވޭ! ކޮބާތޯ މާލެ ނައިސް އައްޑު އިން ވެސް ކުރެވޭނެ ކަމެއް!

  7. އައްބޭބެ

    ހުރިހާ އަތޮޅުތައް ސިޓީ ތަކެއްގެ ނަމަށް ބަދަލުކުރީމައި ނިމުނީ. ނަމުން ވާނެކަމެއްވިއްޔާ ވާނެ އޭރުން. މިރާއްޖޭގައި ނޫނިއްޔާ ރަށުނަމުގެ ފަހަތައް ސިޓީ ލާބައެއްވެސް ދުނިޔޭގައި މަދުވާނެ. ޓޯކިޔޯ، ބެއިޖިންގ، ސޯލް، މޮސްކޯ، ސިޑްނީ، ޕެރިސް، ބެންކޮކް، ދިއްލީ، މުމްބާއި، ކޮލަންބޯ، މިފަދަ އެތައް ސިޓީތަކެއްގައި އެތަނުގެ ނަމުގެ ފަހަތައް ސިޓީއެކޭ ނުކިޔާދޯ. ދިވެހިންނަކީ ގަމާރުބައެއް. މާލެ ސިޓީ، އައްޑޫ ސިޓީ، ފޯއްމުލައް ސިޓީ، ކުޅުދުއްފުށީ ސިޓީ. ކިހާދެރަކަމެއް މިއީދެން. ފަރަންޖީ ބަހެއްވައްދައިގެން ރަށްރަށަށް ކިޔާފައިވާ ދިވެހި ނަންތައް ގެއްލި ދިވެހި ބަހުގެ ތަރިކަ ނެތިދަނީ. ކަތީބުންގެ ބަދަލުގައި ކައުންސިލަރުން. ކަތީބުން އަތޮޅުވެރިން ކާތިބުން ފަދަ ނަންތައް ފަރަންޖީކޮށްފި.

  8. އިބޫ ހޯލިސް

    ކާމިޔާބަށް އެދެން
    ސިޓީއަކީ ކާމިޔާބުގެ އަސްލުކަމަށް ގަބޫލު ކުރެވޭނަމަ ހުރިހާ ރަށެއްވެސް ސިޓީ އަކަށް ބަދަލު ކުރަންވީ، އޭރުން ހުރިހާ ރަށެއްވެސް އޮންނާނީ ތަރަށްގީ ވެފަ
    މި ވިސްނުމަކީ ވަރަށް ހަމަ ނުޖެހޭ ވިސްނުމެއް