ދިވެހިރާއްޖޭގެ ރީތި ކަމާއި، ހަމަހިމޭންކަމަކީ ދުނިޔެއަށް މިސާލެކެވެ. ބައެއް ގައުމުތަކުންނާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލް މަންޒިލްތަކުން އިތުރަށް އިސްތިހާރުވެ މީހުންގެ މަގުބޫލުކަން ހޯދަން އެއީ ރާއްޖެ އާއި ވައްތަރު ސިފަތަކެއް ލިބިގެންވާ ތަނެއްކަން އިސްތިހާރު ކުރެއެވެ. މިހާރު ތުރުކީގައި ވެސް މިވަނީ "އިޖިއަން ދިވެހިރާއްޖެ" ނަމުގައި ސަރަހައްދެއް އިސްތިހާރު ކުރަން ފަށާފައެވެ.

މިއީ އިޖިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ދޮންވެލި ގޮނޑުދޮށެއް ލިބިފައިވާ ހަމަހިމޭން ސަރަހައްދެކެވެ. 25 މޭލުގެ ސަރަހައްދަކަށް ފެތުރިފައި އޮންނަ ގޮނޑުށުގެ ރީތިކަމާއި، ސަރަހައްދުގެ ހަމަހިމޭންކަމަކީ މިސަރަހައްދަށް ލިބިފައިވާ އެންމެ ހާއްސަ އެއްސިފައެވެ. ކައިރީގައި ހުރި އުސް ފަރުބަދަ ތަކުގެ ސަބަބުންނާއި ޖަންގަލީގެ ސަބަބުން މިއީ މީހުން ވަޒަންވެރިވެގެން އުޅޭ ސަރަހައްދެއް ނޫނެވެ. މިސަރަހައްދަށް ޒިޔާރަތް ކުރަނީ ހަމައެކަނި ޗުއްޓީ ހޭދަކޮށްލާ، ހަމަހިމޭން ސަރަހައްދެއްގައި ދުވަސްކޮޅަކު މަޑުކޮއްލަން ބޭނުންވާ މީހުންނެވެ.

މިސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ޓްއަރިޒަމް މެނޭޖަރ ވިދާޅުވީ ތުރުކީގެ އެހެން ސަރަހައްދުތަކާއި ދުރުގައި އެކަހެރިކޮށް މިސަރަހައްދު އޮތުމުން ކޮވިޑް-19 ހާލަތުގައި ވެސް މިސަރަހައްދަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ދިޔަ ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ތުރުކީ މީހުންނާއި އަދި އެހެން ގައުމުތަކުގެ މީހުންނަށް ވެސް އެސަރަހައްދު އިސްތިހާރު ކުރަމުން ގެންދަނީ އެއީ ދިވެހިރާއްޖެ އާއި އެއްފަދަ ތަނެއްގެ ގޮތުގައި ކަމަށެވެ. "ތުރުކީގައި ވެސް އަދި އަވައްޓެރި ގައުމުތަކުގައި ވެސް އެބަތިބި ދިވެހިރާއްޖެ އަށް ދާން ބޭނުންވެ އެކަން ނުކުރެވޭ މީހުން. އެފަދަ މީހުން ކައިރީ އަޅުގަނޑުމެން މިބުނަނީ ދިވެހިރާއްޖެ އިން ކުރެވޭ އިހްސާސް ކޮށްލަން މިސަރަހައްދަށް އަންނާށޭ." މެނޭޖަރު ވިދާޅުވިއެވެ.

ރާއްޖެ އަށް ދަތުރު ކޮށްފައިވާ ތުރުކީ މީހުން ވެސް ބުނާ ގޮތުގައި އިޖިއަން ކަނޑުގެ އައްސޭރިފަށުން އެމީހުންނަށް ކުރެވެނީ ރާއްޖެއިން ކުރެވޭ ފަދަ އިހްސާސެކެވެ.