މާލޭގެ ކާރުބާރުބޮޑު މަގުތަކާއި، އިމާރާތްތައް އުސް މާހައުލުން ބޭރަށް ނުކުމެލަން ފުރުސަތު ލިބުނީ ހުކުރު ދުވަހުގެ ހަވީރެވެ. ކޮވިޑް-19ގެ ސަބަބުން ބަންދުވެފައިވާ މާލެއިން ބޭރަށް މަދު ވަގުތު ކޮޅަކަށް ނަމަވެސް ބޭރަށް ޖެހިލަން ލިބުނު ވަގުތުކޮޅެކެވެ. ވަޒީފާގެ ބުރަ ބޮޑު މާހައުލާ ދުރަށް ދިއުމަށް ލިބުނު ފުރުސަތެކެވެ. މިއީ ކޮވިޑް-19ގެ ބޮޑު ބަންދަކަށްފަހު އަލުން ކްރޮސް ރޯޑް ސެޕްޓެމްބަރ މަސް ތެރޭގައި ހުޅުވާލުމުން ދިން ފުރުސަތެކެވެ. އެތަނުގައި ހިނގާ ކަންކަމާއި ތަންތަން ބަލާލުމަށް ދިން ފުރުސަތެވެ.

ހުކުރު ދުވަހުގެ ހަވީރު 16:00 ގައި މާލޭގެ މަސްވެރިންގެ ޕާކު ކައިރިން ކްރޮސް ރޯޑްގެ އަރާމު ފެރީ ނައްޓާލީމެވެ. ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނުޓް ތެރޭގައި ފެރީ ކައިރި ކޮށްލީ ކްރޮސް ރޯޑްގެ ޖެޓީއާއެވެ. ޖެޓީ މަތިން މަރުހަބާ ކީ ބޮޑުބެރުގެ ފަރި ހަރަކާތުންނެވެ.

ކްރޮސް ރޯޑަށް ކުރި ޒިޔާރަތުގައި ބޮޑުބެރުން ކީ ހޫނު މަރުހަބާއެއް

މިއީ އުފާވެރި އިހުސާސްތަކެއް ގެނުވި ކަމެކެވެ. އެތައް ދުވަހެއް ވަންދެން މާލެއިން ބޭރަށް ނުދެވިފައި ހުރި، އަޅުގަނޑަށް ލިބުނު ހިތްހަމަޖެހުމެކެވެ. މިހާރުގެ ކޮވިޑް ހާލަތާއެކު ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޕީސީއާރް ޓެސްޓު ހެދެމެއް ނެތި އެތަނަށް ދެވޭނެއެވެ.

މަޑުމަޑުން ހިނގާފައި ކްރޮސް ރޯޑްގެ ތެރެއަށް ވަދެގެން ދިޔައިރު ފުރަތަމަ ފެނުނީ ސްޓްރީކް މާކެޓް ޖަހާފައިވާ ބޯޑެކެވެ. އެ ސަރަހައްދު ހީވަނީވެސް ރާއްޖެއިން ބޭރުގައި ހުންނަ މާކެޓް ކަހަލަ ތަނެއް ހެންނެވެ. އެތަނުގައި ސްޓޯލްތައް އެވަގުތު ތައްޔާރު ކުރަމުން ދިޔައެވެ. އަހަރުމެން ގޮސް ވަނީ ކެފޭއަކަށެވެ. އެތަނުން ވެލްކަމް ޑްރިންކާއެކު އެތައް މައުލޫމާތެއް ލިބުނެވެ. ފުރަތަމަވެސް އެތަނުން ބައްދަލު ކުރީ ކްރޮސްރޯޑްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ ޔުނާނެވެ.

ކްރޮސް ރޯޑްގައި ދިވެހިންގެ ބަޔަކު - ވަގުތު އިމޭޖްސް

ޓޮލްގާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތާއެކު ކްރޮސް ރޯޑް އާއްމުންނަށް ހުޅުވާލެވިގެން ގޮސްފައިވާއިރު، އެތައް ދިވެހިންނެއް މަސައްކަތް ކުރާ އެ ތަނުގައި ދިވެހިންނަށް އެތައް ކަމެއް ކުރެވިގެން ދާނެ ކަމަށެވެ.

އޭގެ ތެރޭގައި މިހާރުވެސް އެތަނުގައި ހިންގަމުންދާ ސައި ލެގޫން މޯލްޑިވްސް ރިސޯޓްގައި ދިވެހިންނަށް ޗުއްޓީ ހޭދަކޮށް ހާޑު ރޮކް ހޮޓެލް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ކްރޮސް ރޯޑްގެ ތިން ވަނަ ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތް ފަށައި 22 މަސް ތެރޭގައި އެތަނުގެ މަސައްކަތް ނިމޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކްރޮސްރޯޑްގެ މެނޭޖިންގ ޑިރެކްޓަރ ޓޮލްގާ - ވަގުތު އިމޭޖްސް

ކްރޮސް ރޯޑްގެ ޑައިރެކްޓަރ އޮފް ސޭލްސް އަނާ ވިދާޅުވީ، މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ހިތްހަމަޖައްސައިލާން ވަރަށް ރަނގަޅު އަދި ފަސޭހައިން ދެވޭ ތަނެއް ކަމަށެވެ. ނަމަވެސް މިތަނަކީ ސީދާ ކޮން ތަނެއް، އަދި ކީއްކުރާ ތަނެއްކަން ގިނަބަޔަކަށް ނޭނގޭ ކަމަށާއި، އެކަމަކު މިއީ ފަސޭހައިން އައިސް ގޮސް ހެދޭ ތަނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެކަމަކު މިތަނަށް އައުމުން އެ މީހުންނަށް ވަރަށް ހިތްހަމަ ޖެހުން މި ލިބެނީ، މިތަނަކީ ޕްރޮމޯޝަނަލް އެކި ހަރަކާތްތައް އޮންނަ ތަނެއް، މިސާލަކަށް ފްރައިޑޭ ކުޑަކުދިންނަށް އޮންނާނެ ފެރީއެއް ފްރީކޮށް، އެގޮތަށް ބައިވަރު ކަންކަން އޮވޭ،" އޭނާ ވިދާޅުވިއެވެ.

ކްރޮސް ރޯޑްގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ބައެއް ފަރާތްތަކުން - ވަގުތު އިމޭޖްސް

މިތަނަކީ 30 އަށްވުރެ ފިހާރަ އާއި އައުޓްލެޓްތައް ހުންނަ ތަނެކެވެ.

އާއްމުންނަށް ކްރޮސް ރޯޑަށް ދެވޭނީ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށެވެ. ކްރޮސް ރޯޑްގެ ދަ މެރީނާގެ ނަމްބަރަކީ 7307000 އެވެ.

ކްރޮސް ރޯޑްގެ ސްޓްރީޓް މާކެޓްގެ ސްޓޯލެއް، މިއީ ދިވެހިންނަށް ވިޔަފާރި ހިންގަން ރަނުގެ ފުރުސަތެއް - ވަގުތު އިމޭޖްސް

އެ ދުވަހު އެތަނުން އެކި އުމުރުގެ މީހުންނާއި ދިމާވިއެވެ. އެއްބަޔަކު އުޅުނީ އެތަނުގައި ފޮޓޯ ނެގުމުގައެވެ. އާއިލާއެކު އުފާވެރި ވަގުތު ހޭދަކުރަމުންދާ ދިވެހިންވެސް އެތަނުުން ފެނިގެން ގޮސްފައި ވެއެވެ.

ސައި ލެގޫން މޯލްޑިވްސް

ހިތްގައިމުކޮށް ފަރުމާކޮށްފައިވާ ސައި ލެގޫން މޯލްޑިވްސްއަކީީ ޑިލަކްސް ކޮޓަރިތަކާއި ބީޗް ވިލާ އަދި މޫދު ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި ހުންނަ މިހާރުވެސް ދިވެހިން ދާ ރިސޯޓެކެވެ. ހިލްޓަން ބްރޭންޑްގެ މި ރިސޯޓުން ދިވެހިންނަށް ހާއްސަ ޕެކޭޖްގެ ފެށޭ އަގު 199 ޑޮލަރަށް އަރައެވެ.

ސައި ލެގޫން ރިސޯޓް

އިތުރު މައުލޫމާތު ހޯދެވުމަށާ ބުކިންނަށް ގުޅާނީ 7306164 އަށެވެ.

ހާޑް ރޮކް ހޮޓެލް

ހާޑް ރޮކް ހޮޓެލަކީ ގެސްޓް ރޫމް، ވިލާ، ސުއިޓްސްގެ އިތުރުން މޫދު ވިލާ ހިމެނައިގެން ޖުމްލަ 178 ކޮޓަރި ހުންނަ ރިސޯޓެވެ. ހާޑް ރޮކް ހޮޓެލް އަދި ހާޑްރޮކް ކެފޭ އަކީ ވެސް ދިވެހިން ވަރަށް ކަމުދާ މާހައުލެއްކަން ފާހަކޮށްލަން ޖެހެެއެވެ. މިގޮތުން، ހަފްތާ އަކު ދެ ފަހަރު ތަފާތު ދިވެހި ބޭންޑް ތައްކަށް ފުރުސަތު ދީ، މިޔުޒިކް ކުޅެއެވެ. ސައި ލެގޫންގައި ޗުއްޓީ ހޭދަ ކުރިކަމުގައިވިޔަސް މެރީނާ އަދި ހާޑް ރޮކް އަށް ވަދެ ލުމުގެ ފުރުސަތު ލިބޭނެއެވެ.

ހާޑް ރޮކް ހޮޓެލް

ޔޮޓް މެރީނާ

މިއީ ރާއްޖޭގައި އެންމެ ބޮޑު ޔޮޓް މެރީނާ އޮންނަ ތަނެވެ. ބޮޑެތި ޔޮޓްތައް މިތަނަށް ބަނދަރު ކުރެވޭނެއެވެ. އަދި ހުރިހާ ހިދުމަތެއް ލިބޭނެއެވެ. އެގޮތުން އެތަނުގައި ބަނދަރުކޮށްގެން ޔޮޓަށް ބޭނުންވާ ސާވިސްތަކާއި، ތެޔޮ ފަދަ އެއްޗެހި ސީދާ އެތަނުން ލިބޭނެއެވެ. އަދި މި ޔޮޓްތަކުގައި އަންނަ ފަތުރުވެރިންނަށް ކްރޮސް ރޯޑް އިން ލިބެން ހުންނަ ހުރިހާ ހިދުމަތްތަކެއް ލިބިގެން ދާނެއެވެ.

ޔޮޓް މެރީނާ ސަރަހައްދުގެ ފޮޓޯއެއް

ސްޓްރީޓް މާކެޓް

ސްޓްރީޓް މާކެޓް ފެށުނީ 5:30ގައެވެ. އެތަނުގައި ގިނަ ސްޓޯލްތައް ހުއްޓެވެ. ދިވެހި ކެއުންތަކާއި، ދިވެހި އަތްތެރި މަސައްކަތްތައް ދައްކާދިނެވެ. އެގޮތަށް ދިވެހި ވިޔަފާރިތަކަށް ހާއްސަ ނުވަ ސްޓޯލެއް އެތަނުން ފެނިގެން ދިޔައެވެ. މިއީ އެ ވިޔަފާރިވެރިންނަށް އެ މީހުންގެ ވިޔަފާރި އަދި ބާވަތް ކުރިއަރުވާ ވިއްކާލުމަށް ލިބޭނެ ރަނުގެ ފުރުސަތަކަށް ވެގެން ދާނެއެވެ. އެގޮތުން އެތަނުގައި އިންސްޓާގްރާމްގައި އަމިއްލަ ވިޔަފާރިތައް ފަށައިގެން އުޅޭ މީހުން އެތަނަށް ގޮސް ސްޓޯލް ހިންގާ މަންޒަރު ފެނިގެން ދެއެވެ. އެހެންކަމުން މިއީ އެފަދަ ވިޔަފާރިތައް ކުރިއަރުވަން ލިބިގެން ދިޔަ ފުރުސަތަކަށް ވެގެން ދާނެކަން ޔަގީނެވެ.

ސްޓްރީޓް މާކެޓަކީ ކޮންމެ މަހަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ.

"މިފަހަރު ސްޓްރީޓް މާކެޓު މާލެ އިން އަންނަ ދަތުރު ވެރިންނަށް ހުޅުވާލީމަ އެބަހުރި ނުވަ ސްޓޯލްސް ދިވެހިންނަށް ހާއްސަކޮށް، އަހަރުމެން އިންސްޓަގްރާމުން ރެންޑޮމްލީ ހަމަ މީހުންނާއި ވާހަކަދައްކައިގެން ހޯދި ބައެއް". އަނާ ވިދާޅުވިއެވެ.

ކްރޮސް ރޯޑްގެ ސްޓްރީޓް މާކެޓް މިއީ ދިވެހިންނަށް ވިޔަފާރި ހިންގަން ރަނުގެ ފުރުސަތެއް - ވަގުތު އިމޭޖްސް

އެހެންކަމުން މި ސްޓްރީޓް މާކެޓް ވެގެން ދާނީ ދިވެހިންނަށް އެ މީހުންގެ މުދާތައް ފަސޭހައިން ވިއްކާލެވޭނެ ޕްލެޓްފޯމަކަށެވެ. މިކަމަށް ކްރޮސް ރޯޑުން ފީއެއްގެ ގޮތުގައި ނަގަނީ 100 ޑޮލަރެވެ.

"ފްރީ ޓްރާންސްފާ އެބަ ދެން، މިސާލަކަށް ސަޕްލައި އެއްޗެހި ގެންނަން ވިޔަސް، 100 ޑޮލަރު ތެރޭގައި މި ކޮށްދޭ ކަންކަމަކީ އެ މީހުންނަށް އާދެވޭނެ ސަޕްލައި ބޯޓުގައި ހުރިހާ އެއްޗެއް ހިފައިގެން، އިތުރަށް އެއް މިހަކަށް މި ދެނީ ފްރީ އެއް ޓިކެޓް، މެރީނާގެ ފެރީގައި މިސާލަކަށް އަންނަ އެ މީހުންގެ ބޮޑު މީހާ، ދެން ސަޕްލައި ފެރީގައި ފަސް މީހުން 10 މީހުން އަހަރުމެން އޯކޭ".

ސްޓްރީޓް މާކެޓް އޮންނާނީ ކޮންމެ މަހެއްގައި އެއް ފަހަރުއެވެ. އެ އޮންނަ ދުވަހެއްގައި ހަވީރު 5:30 ރޭގަނޑު 9:00 އަށެވެ. އެވަގުތުގައި އެ ސްޓޯލަކަށް ލިބޭ ފައިސާ އަކީ އެ ވިޔަފާރިއަކަށް ލިބޭ ފައިސާއެވެ.

ކްރޮސް ރޯޑްގެ މެރީނާގައި ސްޓްރީކް މާކެޓް ފެށީ މި އަހަރުގެ ޖޫން މަހުން ފެށިގެންނެވެ. އެއިރު އެ މާކެޓް ހާއްސަކޮށްފައި އޮތީ އެތަނުގައި ހިންގާ ތަންތަނަށް ހާއްސަކޮށެވެ.

ބީޗް ކްލަބް

ބީޗް ކްލަބަކީ މިއީ ކްރޮސް ރޯޑަށް އަންނަ ފަރާތްތަކުން ހިތްހަމަ ޖައްސާލުމަށް ދާން ވަރަށް ކަމުދާނެ ތަނެކެވެ. އެތަނުގެ ގާއިމްކޮށްފައި އެންމެ "ބެސްޓް"ސްވިމިންގ ޕޫލެވެ. އެތަނުގައި ތަފާތު ކެއުންތައް ލިބޭ ރެސްޓޯރެންޓަކާއި، ބީޗް ގެ ބާތައް ހުރެއެވެ. އަދި އެ ބީޗްގައި އިނދެގެން އިރުއޮއްސޭ މަންޒަރު ވަރަށް ހިތްގައިމުކޮށް ބަލާލެވޭނެއެވެ.

މި ބީޗް ކްލަބަށް ދީފައިވާ ނަމަކީ ސެންސޭޝަން ބީޗް ކްލަބެވެ. އެއީ 10،000 އަކަފޫޓުގެ ބީޗެކެވެ.

މޯލްޑިވްސް ޑިސްކަވަރީ ސެންޓަރު

ރާއްޖޭގެ ފުރަތަމަ މެރިން ޑިސްކަވަރީ ސެންޓަރު ގާއިމްކޮށްފައި ވަނީ މިތަނުގައެވެ. އެތަނުން ކަނޑުގެ ދިރުންތަކާއި ގުޅުން ހުރި އެންމެ ފަހުގެ މައުލޫމާތުއް ލިބޭނެއެވެ. އެގޮތުން ކޯމަސް، ވެލާ އާއި މުރަކަ އިންދުމާއި ގުޅުން ހުރި އެތައް މައުލޫމާތެއް އެތަނުން ލިބޭނެއެވެ.

ދެ ރިސޯޓުގެ ގެސްޓުންގެ އިތުރުން މެރީނާ އަށް އަންނަ މީހުންނަށް ވެސް މިތަން ބަލާލާ، ތިމާވެޓާ ބެހޭ މައުލޫމާތު ހޯދާ ލެވޭނެއެވެ.

"ދިވެހި ކެއުންތަކަށް ހާއްސަ، ކަޅު އޮޑި ރެސްޓޯރެންޓް!

މިއީ ދޮންހިޔަލާ އަލިފުޅު ބޭނުން ކުރި އެނދެރި ކަޅު އޮޑިއަަށް ހާއްސަކޮށް ދީފައިވާ މި ނަމަކީ ރެސްޓޯރެންޓަކަށް ކިޔަން ތަފާތު ނަމެެކެވެ. މި ކޮންސެޕްޓް މެނޫއިން ފަށައިގެން ހުރިހާ އެއްޗެއްވެސް ހުންނާނީ ވަރަށް ބޮޑަށް އެއާ ގުޅުވާފައެެވެ.

އެތަނުގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިނާޒް ވިދާޅުވީ، މިއީ ރާއްޖޭގެ ފައިންޑައިން ކޫޒިންއެއް އާއްމުންނަށް ލިބޭނެ ފުރަތަމަ ފަހަރު ކަމަށެވެ.

"މި ފައިން ޑައިން ރެސްޓޯރެންޓް ހެދުމުގެ ބޭނުމަކީ ރާއްޖޭގެ ދިވެހި ފުޑް އެންމެ ހައި ލެވެލްގައި ބޭރުން އަންނަ މީހުންނަށް އެއް ތަނަކުން ކެވޭނެ ފުރުސަތު ހޯދައިދިނުން".

އެގޮތުން މި ރެސްޓޯރެންޓްގެ އެންމެ ހާއްސަ ކަންތައްތަކުގެ ތެރޭގައި ހުރިހާ ކަމެއް ގުޅިފައި ވަނީ ރާއްޖޭގެ ތާރީހާއި ސަގާފަތާއެވެ.

"އެެތެރޭގެ އިންޓީރިއާ ޑިޒައިނަށް ބޮޑަށް ބޭނުންކޮށްފައި ހުންނާނީ ރާއްޖޭގެ އިހުގައި ބޭނުންކޮށްފައި ހުންނަ ޕެޓާންތަކާއި، ކުލަތަކާއި، ހުރިހާ އެއްޗެއް".

މިއީ ދިވެހިން ފަހުރުވެރިވާ ފަދަ ދިވެހި ކާތަކެތި އެއްތަނަކުން ލިބޭނެ ރެސްޓޯރެންޓަކަށް ވާނެ ކަަމަށް އިނާޒް ވިދާޅުވިއެވެ.

މިތަން ހުޅުވަން ނިންމާފައި ވަނީ މި މަސް ތެރޭގައެވެ. ހުކުުރު ދުވަހު އޮތް ސްޓްރީޓް މާކެޓްގައި އެތަނުން ތައްޔާރު ކުރާނެ އެއްޗެއްސާއި އެ ނޫންވެސް އެއްޗެހި ދައްކާލާފައި ވެއެވެ. އަދި ދިވެހި ވަންތަ ހަރަކާތްތައް ދައްކާފައި ވެއެވެ.

މި ރެސްޓޯރެންޓްގެ އެތެރޭގައި 19 މޭޒު ހުންނާނެެވެ. 26 މޭޒު ޖަހާފައި ހުންނައިރު، ކޮންމެ މޭޒަކީ އެއީ ރާއްޖޭގެ އަތޮޅެކެވެ. މޭޒު މަތީގައިވެސް ހުންނާނީ އަތޮޅު ކުރަހާފައި އަތޮޅުގެ ނަން ޖަހާފައެވެ. އެހެންކަމުން ފަތުރުވެރިންނަށް އެ އަތޮޅަކީ ކޮބައިކަމާއި ގުޅުން ހުރި މައުލޫމާތުތައް ދޭނެެވެ. އަދި ރެސްޓޯރެންޓްގެ އެތެރޭގައި ގަލުންކަނޑާފައި ގާ ވަޑާން ވަރަށް ރަނގަޅަށް ފެންނަން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެެ.

މީގެ އިތުރުން، ކްރޮސްރޯޑްގައި ސްރީލަންކާގެ މަޝްހޫރު މިނިސްޓްރީ އޮފް ކްރެބް އާއި ޗައިނީސް، ތައިލޭންޑް އަދި އިންޑިއާ ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް މިތަނުގައި ހުރެއެވެ. އަދި މިތަނަށް ދާ ގިނަބަޔަކަށް އެންމެ ހާއްސަ ރެސްޓޯރެންޓަކީ ހާޑް ރޮކް ކެފޭއެވެ. ލައިވް މިއުޒިކާއެކު އެތަނުގައި ހިތްގައިމު ވަގުތުތައް ހޭދަ ކުރެވޭނެއެވެ.

ކްރޮސް ރޯޑް

ކްރޮސް ރޯޑް އިން އިތުރު ފުރިހަމަކަން ފެންނަން އަދި ދުވަސްތަކެއް ނަގާނެއެވެ. އެތަނުގައި އާ ރިސޯޓްތައް ހުޅުވާނެެވެ. އެތަނަށް ފުރިހަމަކަން ގެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ބީރުމީހާ

  ޝުކުރަން ރައީސް ޔާމިން

  38
  1
 2. ޣައިރު

  ކީިއްވެ މި ހެދިވެރިކަމުގެވާހަކަ މި ލިޔުގައިނެތީ.މި ސޮލިހުވެރިކަމުގެކަމަކަށް ހަދާލާފަ އޮށްވަ ދެންފެންނާނީ. ސާބަސް ތަރައްްީގެ ބާނީި.

 3. ތަރައްޤީގެ ބާނީ

  ދުރު ވިސްނޭ އިގުތިސާދީ ބާނީ ،ތަރައްގީގެ ބާނީ އަކީ ޔާމީނޭ ކިޔަނީ ކިޔަންވެގެން.މިހާރު މިތިބަ މީހުން ވެރިކަމުން ފައިބައިގެން ގޮސްސަ މި ކަހަލަ އެއްވެސް ކަމެއް ކޮށްފައި ޢާދޮގޭ އެއޮތީ ކޮށްފަޢޭ ބުނެވޭނެ ހެން ހީވެސް ނުވޭ.ޔާމީނަށް ވޯޓު ނުދެވުނު ދެރަ ހަގީގަތގައިވެސް އަހަރެެން ކުރަން