ދުނިޔޭގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރަން އެމިރޭޓްސް އެއާލައިނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްލޯބަލް މާކެޓުގައި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ޓޫރިޒަމް މިނިސްޓްރީ އާއި ވިޒިޓް މޯލްޑިވްސް އިން ޔޫއޭއީގެ ގައުމީ އެއާލައިން، އެމިރޭޓްސް އެއާލައިނާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ސޮއި ކުރި އެމްއޯޔޫ އާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް މަބްރޫކް ވެސް އަދި އެހެން އިދާރާއަކުން ވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

މިއެއްބަސްވުމުގައި ސޮއި ކުރީ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯގައެވެ.

އެމިރޭޓްސް އާއިއެކު ސޮއި ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސޯލިހް އިއްޔެ ވަނީ ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް އިއްޔެ ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފިއެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާރޓްސް، ވިޜުއަލް އާރޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް އުންމީދީ މުސްތަޤްބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރ

    އިސްތިހާރެއްގައި ސޮއި ކޮށްލިއަސް ރައީސް އަހަރެްމެން ބޭނުންވަނީ ރާއްޖެއަށް އެހީގެ ފައިސާ ވަންނާނެގޮތް ބޮޑެތި މަސްރޫޢޫ ތައް ތިކަހަލަ ކުދި ކުދި ކަންކަމުގައި ރައީސް ބައިވެރިވެ ބޮޑު ޚަރަދު ކުރުން ތީ ފީކަޅާ ސިޔާސަތެއް ބޮޑު ވަފުދަކާއެކު ބޭކާރު ދަތުރެއް ތިޔަ ކުރައްވަނީ ރައީސް އަށް ލަފާދޭ މީހުން ވެސް އެޑްވައިޒަރުން މިކަމަށް ވިސްނަން ޖެހޭ