ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ރިސޯޓަކަށް ވަލްޑޮފް އެސްޓޯރިއާ މޯލްޑިވްސްގެ ބަދަލުގައި ކްލަބްމެޑް ފިނޮޅު ވިލާސް ހިމެނިއްޖެއެވެ. ކްލަބްމެޑް ފިނޮޅު ރިސޯޓުން ކޮންމެ މުވައްޒަފަކަށް ސާވިސް ޗާޖުގެ ގޮތުގައި 1،304 ޑޮލަރު (20،107ރ.) ބެހިއެވެ.

"ރިސޯޓު ވޯކާސް މޯލްޑިވްސް" ފޭސްބުކް ޕޭޖުގައި ކުރިން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު މަހު ސާވިސް ޗާޖުގެ ލިސްޓުގައި އޮތީ ވަލްޑޮފް އެސްޓޯއިއޯ މޯލްޑިވްސްއެވެ. އެކަމަކު ފަހުން އަޕްޑޭޓް ކުރި ލިސްޓުގައި އެ ރިސޯޓު ވަނީ ދެ ވަނަ އަށް ވެއްޓިފައެވެ.

ފޭސްބުކް ޕޭޖުން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާ އިރު، މިދިޔަ މަހު ތިން ރިސޯޓަކުން ވަނީ 1،000 ޑޮލަރަށް ވުރެ ބޮޑުކޮށް ސާވިސް ޗާޖު ބަހައިފައެވެ. އެއީ ކްލަބްމެޑް ފިނޮޅާއި ވަލްޑޯފް އެސްޓޯރިއާ އާއި އަޔާޑާ މޯލްޑިވްސްއެވެ.

މިދިޔަ މަހު ވޯލްޑޮފް އެސްޓޯރިއާ އިން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 1،062 ޑޮލަރު (16،376.04ރ.) ވަނީ ދީފައެވެ. އަދި އަޔާޑާ މޯލްޑިވްސް އިން ވަނީ ސާވިސް ޗާޖު ގޮތުގައި މީހަކަށް 1049.27 ޑޮލަރު (16،179.74ރ.) ދީފައެވެ.

ލިސްޓުގެ ހަތަރު ވަނައިގައި އުޅޭ ތާޖް އެގްޒޮޓިކާ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މީހަކަށް 834 ޑޮލަރު (12،860.28ރ.) ވަނީ ދީފައެވެ. ފަސްވަނައިގައި އޮތް ހުރަވަޅި އައިލެންޑް ރިސޯޓާއި ކުޑަދޫ ރިސޯޓުން ދިނީ 817.91 ޑޮލަރު (12،612ރ.) އެވެ.

ސާވިސް ޗާޖު ލިސްޓުގައި އާންމުކޮށް އެންމެ ކުރި ހޯދަމުން އަންނަ ވެލާ ރިސޯޓު މިފަހަރު ލިސްޓަކު ނެތެވެ. އެ ލިސްޓުގައި ހިމަނަނީ "ރިސޯޓު ވޯކާސް މޯލްޑިވްސް" ޕޭޖަށް މައުލޫމާތު ފޮނުވުމުންނެވެ. މިދިޔަ މަހުގެ 58 ރިސޯޓެއްގެ ސާވިސް ޗާޖުގެ މައުލޫމާތު ރިސޯޓް ވޯކާސް ޕޭޖަށް ވަނީ ދީފައެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 އިންސައްތަ ނަގަން ފަތުރުވެރިކަމާ ބެހޭ ގާނޫނުގައި ވަނީ ބުނެފައެވެ. ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު، ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އަށް އޮވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަބޭސްބޭ

    މިހާރު ސީޒަންތެރޭ 1000 ޑޮލަރު އެއީ މާ ބޮޑު އެއްޗެއްނޫން ދެން އިނގޭތޯ. މިތަންތަނުން ލާރި ހަދާލާ ވަރާ ބަލާފަ.

    13
  2. ބުއްޅަބެ

    ބަނޑޮސް އައިލެންޑް ރިޒޯޓް ކޮންމެ މުއައްޒަފަކަށް 350 ޑޮލަރު. އެއީ މުޅި ރަށް ފުލްކޮށް ގެސްޓުން އޮވެ. ކަޑަތަ؟