ހައިރައިޒް ކުންފުނިން އިންތިޒާމްކޮށްގެން ބާއްވަމުންދާ ލިވިންގް އެކްސްޕޯގެ މިއަހަރުގެ އެޑިޝަން 35 އެގްޒިބިޓަރުންނާއެކު މިއަދު ހަވީރު ފަށައިފިއެވެ.

މި އެކްސްޕޯ މިފަހަރު ކުރިއަށް ގެންދަނީ ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ. މިއަދު ހަވީރުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް މި އެކްސްޕޯ ކުރިއަށްދާނީ ހަވީރު 4:00 އިން ރޭގަނޑު 10:00 ޖެހުމާއި ހަމައަށެވެ.

ލިވިންގް އެކްސްޕޯ2021 ގެ ސްޓޯލެއްގައި ބައެއް އާއްމުން - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މި އަހަރުގެ އެކްސްޕޯގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މަގްބޫލު ކުންފުނިތައް ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގަައި އިންޑިއާ އާއި މެލޭޝިއާގެ ކުންފުނިތައް ހިމެނެއެވެ. ކުންފުނިތަކުގެ ތެރޭގައި މަޝްހޫރު ކޮންސްޓްރަކްޝަންސް ދާއިރާގެ ކުންފުނި މޯހަން މުތާ އެކްސްޕޯޓްސް އަދި ސެންޑަލް މޮރީޝަސް ހިމެނެއެވެ. މެލޭޝިއާ ކުންފުންޏަކީ ލިމް ބަކް އެވެ. އެއީ މެލޭޝިއާގެ ރެޒިޑެންސް ކުންފުންޏެކެވެ.

ލިވިންގް އެކްސްޕޯ2021 ހުޅުވުމުގެ ހުޅުވާދެއްވީ ހައުސިންގ މިނިސްޓަރ އަސްލަމް - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި އެކްސްޕޯ ހުޅުވާދެއްވީ ހައުސިންގް މިނިސްޓަރ މުހައްމަދު އަސްލަމެވެ.

މި އެކްސްޕޯ ހުޅުވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މިއީ ގޭގޭގެ މީހުންނަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނާއި ދިރުއުޅުމަށް ބޭނުންވާ ހުރިހާ ސާމަަނާއި ލިވިންގްއަށް ބޭނުންވާ ހުރިހާ ސާމާނެއް އެއްތަނަކުން ޑިސްޕްލޭކުރާ އެކްސްޕޯއެއް ކަމަށެވެ.

އަދި މިފަދަ އެކްްސްޕޯތަކުން މާކެޓްގައި ލިބެން ހުންނަ އެންމެ ފަހުގެ އުފެއްދުންތަކާއި ގުޅޭ މައުލޫމާތު ލިބިގެންދާއިރު، މިއީ ރައްޔިތުންނަށް ފަސޭހައަކަށް ވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ލިވިންގް އެކްސްޕޯ2021 ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އަސްލަމް ވާހަަކަދައްވަނީ - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

ޔަގީނުންވެސް މިފަދަ އެކްސްޕޯތަކަކީ ދުނިޔޭގެ އެހެން ތަންތަނުގައިވެސް އަދި ރާއްޖޭގައިވެސް މިފަދަ އެކްސްޕޯތައް ހިންގަނީ އެވަގުތު މާކެޓްގަައި އެވަައިލަބަލްކޮށް ހުންނަ ޕްރޮޑަކްޓެއް އާއްމު ރައްޔިތުންނަށް ތައާރަފް ކުރުމަށްޓަކައި ބޭއްވޭ އެކްސްޕޯއެއް. މީގެ ތެރެއިން ލާފައި އަޅުގަނޑަށް ޔަގީން ކިތަންމެ ބަޔަކަށް އެ މީހުންގެ ދިރިއުޅުމުގެ ކަންތައް ހަމަޖެއްސުމާއި، ގޭތެރޭގެ ކަންތައް ހަމަޖެއްސުމަށް ބޭނުންވާ ތަކެތީގެ މައުލޫމާތު ލިބިގެންދާނެ ކަމަށް” އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވަނީ މި އެކްސްޕޯގެ ހުރިހާ ސްޓޯލަކަށް ވަޑައިގެން އެންމެ ފަހުގެ މައުލޫމާތުތައް އެއްކޮށްފައެެވެ.

ލިވިންގް އެކްސްޕޯ2021 ގެ ސްޓޯލެއް - ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މި އެކްސްޕޯގައި އެޗްޑީސީ އާއި އެސްޓީއޯ ވިލާ ހަކަތަ ފަދަ ބޮޑެތި ކުންފުނިތައް ބައިވެރިވެފައިވެއެވެ. އެ ކުންފުނިތަކުން ޕްރޮޑަކްޓްތަކާއި އެ ކުންފުނިތަކުން ހިންގާ ޕްރޮމޯޝަންތަކާއި ގުޅޭ މައުލޫމާތުތައް ހިއްސާ ކުރާނެއެވެ. އެހެންކަމުން މިއީ ކޮންމެ މީހަކުވެސް އެކްސްޕޯއަށް ޒިޔާރާތްކޮށް ގެއަށް ބޭނުންވާ އެންމެ ޒަމާނީ ފަރުނީޗަރާއި ގެއަށް ބޭނުންވާ ތަކެއްޗާއި، އަދި އަމިއްލައަށް ބޭނުންވާ ފެންވަރުގެ އެޕާޓްމެންޓެއްވެސް ހޯދުމަށް ވަރަށް ފަސޭހަ މަގަކަަށް ވެގެން ދާނެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ގާއިމްކޮށްފައިވާ ސްޓޯލްތަކުން އެންމެ ފަހުގެ މިފަދަ މައުލޫމާތުތައް ލިބޭނެއެވެ.

ލިވިންގް އެކްސްޕޯއަކީ އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ އެކްސްޕޯއަކަށް ވާނެ ކަމަށް ހައިރައިޒުން މައުލޫމާތު ދެއެވެ.

ލިވިންގް އެކްސްޕޯ2021 ގައި ހައުސިންގ މިނިސްޓަރ އަސްލަމް ސްޓޯލްތަކަށް ޒިޔާރަތް ކުރަނީ- ވަގުތު އިމޭޖްސް: އަހުމަދު އަޝްހާދު އަބްދުﷲ

މި އެކްސްޕޯގެ ޕްލެޓިނަމް ޕާޓްނަރަކީ މޯހަން މުތާއެވެ. ގޯލްޑް ޕާޓްނަރަކީ ސެންޑަލް މައުރިޝަސްއެވެ. ސަޕޯޓިންގް ޕާޓްނަރުންގެ ތެރޭގައި ޕްލޭނިންގް މިނިސްޓްރީ އާއި އެޗްޑީސީ އާއި މެޑްޓެކްގެ އިތުރުބް އެޕިކް ޝެލްޓާ ބައި ލަކްސްއެވެ.

މިއީ ލިވިންގް އެކްސްޕޯގެ 9 ވަނަ އެޑިޝަނެވެ. އެހެންކަމުން މި އެކްސްޕޯ ވެގެން ދާނީ ރާއްޖޭގައި ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ބާއްވާ ފުރަތަމަ އަދި އެންމެ ކާމިޔާބު އެކްސްޕޯއަށެެވެ. މިއީ 2013 ވަނަ އަހަރު ފެށި އެކްސްޕޯއެކެވެ.

މިފަހަރުގެ އެކްސްޕޯއަށް ޒިޔާރަތްކޮށްގެންވެސް ހާއްސަ އިނާމްތަކެއް ސްޕޮންސަރުންނާއި ޕާޓްނަރުންގެ ފަރާތުން ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދޯ

    ޕްލެޓިނަމް ޕާޓްނަރަކީ މޯހަން މުތާ އިންޑިޔާ، މިހާރުދިވެހި ދައުލަތުގެ އެއްމެ ނުފޫޒް ގަދަ ކުންފުނި... ދެންފެން ނާނީ އެސްޓިއޯ ގަނެ ލާތަން

    • ޒިޔަޒަން

      އެންމެ ހިނި އަންނަނީ އާރުސީސީ ތަންތަނުން ވެސް އެކްސްޕޯގަ ބައިވެރިވޭ އަގުބޮޑު ދެ ޕެންޓް ހައުސް ގަންނާނެ މީހެއް ހޯދަން.. ބާކީ ވިކި ހުސްވެފަޔޯ ބުނަނީ.. އަދި ފައުންޑޭޝަން ނާޅާ.. ކުންފުނީގެ މުވައްޒަފުންނަށާ ތިމާގެ އަދި ޕާޓީ ކުދިންނަށް ދީ ހުސްކޮށާފަ އިއުލާނުވެސް މިކުރަނީ.. ދެން މި ކިޔަނީ ވިކި ހުސްވެފައޭ.. މިކަންކަން ބަލާނެ މީހަކު ހުރީއެއް ވެސް ނޫން.. މިހާރު ނޫހުން އެކަނި ކަންބޮޑު ވުމެއް ފާޅުކޮށް ރިޕޯޓެއް ގެނެސްދީވެސް.. ކޮބާ މަޖިލިސް އޭސީސީ؟؟ އެޗުޑީސީ ކަޓު ނެގުމުގަ..