ރާއްޖޭގައި ބާއްވާ އެންމެ ކާމިޔާބު އެކްސްޕޯގެ ތެރޭގައި ހިމެނޭ ލިވިންގ އެކްސްޕޯ 37 ބައިވެރިންނާއި އެކު މިއަދު ފަށައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދު ފެށި މި އެކްސްޕޯ ކުރިއަށްދާނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

"މޯލްޑިވްސް ލިވިން އެކްސްޕޯ 23" މިއަދު ފަށާފައިވާއިރު، މިއީ މި އެކްސްޕޯ ބާއްވާ 11 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

މި އެކްސްޕޯގައި ޖުމްލަ 37 ބައިވެރިން ބައިވެރިވާއިރު، އެކްސްޕޯގެ މައިގަނޑުގެ މަގްސަދަކީ އެއްތަނަކަށް އެންމެން އެއްވެ، އާއްމު ރައްޔިތުންނާއި، ވިޔަފާރިތަކުން، ގޯތިގެދޮރާއި ގުޅޭ މައުލޫމާތާއި، އެހެނިހެން ހިދުމަތްތަކާއި، ހާއްސަ ލަކީ ޑްރޯ، އާ ޕްރޮޖެކްޓްތަކުގެ މައުލުމާތު ދިނުމެވެ.

ލިވިން އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ވަގުތު އިމޭޖެސް

ލިވިންގް އެކްސްޕޯއަކީ އާންމު ފަރާތްތަކަށާއި އިންވެސްޓަރުންނަށް ރިއަލްއެސްޓޭޓް ދާއިރާގެ ތަފާތު އެކި ޕްރޮޖެކްޓްތަކާއި، އިންޓީރިއާ، އެކްސްޓީރިއާގެ އިތުރުން ފައިސާގެ މުއާމަލާތްތައް ގެންދާނެ ގޮތުގެ މައުލޫމާތު އެއްތަނަކުން ލިބިގެންދާނެ އެކްސްޕޯއެކެވެ.

މި އެކްސްޕޯ ވެގެންދާނީ ވިޔަފާރިތަކަށް ބޭނުންވާ އެންމެ އެކަށޭނެ އިންވެސްޓަރުންނާއި އެ ވިޔަފާރިތައް އެއްތަންކުރުވާ ބައްދަލުކޮށްދޭ މެދުވެރިއަކަށެވެ. މި ފެއާއަށް ވަދެވޭ ގަޑިތަކަކީ މެންދުރުފަހު 3 އަކުން ހަވީރު 6 އަކަށް އަދި ރޭގަނޑު 8 އިން 11އަށެވެ.

މި އެކްސްޕޯގައި ކޮންމެ އަހަރަކު ވެސް ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނިތަކާއި، އިމާރާތްތަކާއި ދިރިއުޅުމަށް ބޭނުންވާނެ ޚިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސްދެއެވެ.