ސްރީލަންކާގެ އެއިޓްކެން ސްޕެންސް ހޮޓެލްސް ހޯލްޑިންގްސްއިން ރިސޯޓު ހެދުމަށް ކުއްޔަށް ނަގާފައިވާ ނ.ރާފުށި ވިއްކާލައިފިއެވެ.

ރާފުށި ވިއްކާލުމުން މިހާރު ޓްއަރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވީ ރާފުށި ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށްހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްޤުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅުއްވާފައިވާތީ، އެ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި ޓްއަރިޒަމް މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް އަންގަވައި ދެއްވުން އެދޭ ކަމަށެވެ.

އެރަށް މިހާރު ވިއްކާލީ ކިހައި ވަރަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް
އެއިޓްކެން ސްޕެންސް ހޮޓެލްސް ހޯލްޑިންގްސްގެ ފައިނޭންޝަލް ރިޕޯޓަކާއި ހަވާލާދީ ސްރީލަންކާގެ ވިޔަފާރި ނޫހަކުން 2019 ވަނަ އަހަރު ރިޕޯޓުކޮށްފައިވާ ގޮތުގައި އެއިޓްކެން ކުންފުނީގެ ސަބްސިޑަރީއެއްކަމަށްވާ އެއިޓްކެން ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއިން ރާފުށި ވިއްކާލުމަށް ނިންމާފައިވަނީ 5.38 މިލިއަން ޑޮލަރަށެވެ.

މިކުންފުނިން ރިސޯޓު ތަރައްޤީކުރުމަށް ރާފުށި ކުއްޔަށް ހިފާފައިވަނީ 2015 ވަނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ. ތިން އަހަރުގެ ތެރޭގައި ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ނިންމާ 250 ކޮޓަރި ރިސޯޓުގައި ތަރައްޤީކުރުމަށް އޭރު ހަމަޖެހިފައި އޮތް ނަމަވެސް މި ރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.

އެކުންފުނީގެ ފައިނޭންޝަލް ރިޕޯޓުގައިވާ ގޮތުން އެކުންފުނިން މި ރަށް ވިއްކާލުމަށް ނިންމާފައިވަނީ ރިސޯޓު ކޮންސްޓްރަކްޝަންގެ ބަދަލުގައި ރިސޯޓުތައް މެނޭޖްކުރުމަށް އިސްކަންދޭން ނިންމާފައިވުމާއެކުވެ. އެގޮތުން ކޮންސްޓްރަކްޝަންގެ ސިނާއަތް ދޫކޮށް، ކޮންޓްރެކްޓް މެނޭޖްމެންޓާއި ދިމާލަށް ކުންފުނިން ދިއުމަށް ވިސްނާފައިވާކަމަށް އައިޓްކެން ކުންފުނީގެ މި ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މިއަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، އިންޑިއާ އަދި އޮމާންގައި ޕްރޮޕަޓީތައް ހިންގުމުގެ މަސައްކަތްކުރާނެކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

އައިޓްކެން ކުންފުނިން ރާއްޖޭގެ 6 ރަށެއް ކުއްޔަށް ހިފާފައިވާއިރު މިހާރުވެސް އަދާރަން އަދި ހެރިޓެންސް ބްރޭންޑްގެ ދަށުން އާރަށް އަދި ހުދުރަންފުށީގައި މި ކުންފުނިން ރިސޯޓުތައް ހިންގަމުންދެއެވެ.

ނ.ރާފުށްޓަކީ 45.25 އޭކަރުގެ ބިމެއް އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަންމާދު

    ކޮން ބަޔަކަށް ހޭ ވިއްކާލީ. މި ސުވާލުގެ ޖަވާބެއް ހަބަރަކުން ނުލިބުނު

  2. މޮޔަ ހަސަނު

    ހުސް ޖަރީމާ