ސަރުކާރުން ނަގާ ލޯންތަކަށް ފައިސާ ދެއްކުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލާފައިވާ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)ގެ ބެލެންސުން އެއް މަސް ދުވަހުގެ ތެރޭގައި 400 މިލިއަން ރުފިޔާ މަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު އެސްޑީއެފް ފަންޑުގައި 1.1 ބިލިއަން ރުފިޔާ ހުއްޓެވެ. އެހެންނަމަވެސް މިހާރު އެ ފަންޑުގައި ބާކީ ހުރި ކަމަށް ހިސާބުތަކުން ދައްކަނީ 700 މިލިއަން ރުފިޔާއެވެ. މިއީ 400 މިލިއަން ރުފިޔާގެ މަދުވުމެކެވެ.

އިދިކޮޅު ޕީޕީއެމްގެ ވެރިކަމުގައި 2017 ވަނަ އަހަރުގެ ތެރޭގައި އޭރުގެ ރައީސް ޔާމީން އުފެއްދެވި އެ ފަންޑަށް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި 3.8 ބިލިއަން ރުފިޔާ ޖަމާކޮށްފައިވާއިރު އެ ފަންޑުން އާންމުކޮށް އިންވެސްޓްކުރަނީ ސަރުކާރުން ވިއްކާ ޓީބިލަށެވެ. އެހެންވެ އެއިން ބޮޑު ބައި ހޭދަ ވަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ހަމަޖެއްސުމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން އަތުން ނަގާ ފީ އަކީ މި ފަންޑަން ޖަމާ ކުރާ ފައިސާ އެކެވެ. މި ފީގެ ގޮތުގައި އިކޮނޮމީ ކްލާހުން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު ނަގާއިރު ބިދޭސީންގެ އަތުން ނަގަނީ 30 ޑޮލަރެވެ. ބިޒްނަސް ކްލާހުގައި ދަތުރުކުރާ މީހުންގެ އަތުން 60 ޑޮލަރު ނަގާއިރު، ފަސްޓް ކްލާހުން 90 ޑޮލަރު އަދި ޕްރައިވެޓް ޖެޓުތަކުން ދަތުރުކުރާ ފަސިންޖަރުން 120 ޑޮލަރު ނަގައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި، ދައުލަތުގެ ދަރަނި އަދާކުރަން ފައިސާ ރައްކާކުރާ ފަންޑެއްގެ ގޮތުގައި އުފެއްދި އެސްޑީއެސްއެއީ އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން މެނޭޖްކުރާ ފަންޑެކެވެ.

ސަވޮރިން ފަންޑެއް ގާއިމު ކުރުން އެއީ ބޭރުގެ މާލީ އިދާރާތަކުން މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދިވެހި ސަރުކާރަށް ހުށަހަޅަމުން އައި ހުށަހެޅުމެކެވެ. ނަމަވެސް ޔާމީންގެ ވެރިކަމާއި ހަމައަށް އެއްވެސް ސަރުކާރަކުން އެކަން ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަން

    އެއީ އިންތިހާބަށް ނުފޫޒު ފޯރުވަން ވެގެން ނެގި ބައި ލޯނު ބަޔަށް ޖައްސާލީ

    26
    2
  2. ކަމަނަ

    ޔަގީން ކޮމަނޑޫ ދާއިރާ އަށް ގޯނި ގޯނީގައި ލާރި އޮއްސީ

    27
    1
  3. ދަރަނި ދަންތުރަ

    ރުފިޔާ ހުސްވާ ވާހަކަނުދައްކާ ފިނޭންސް މިނިސްޓަަރަކަށް ތިޔަހުރީ ސަފަރަކަތްދަ ރައީސަކަށް ހުރީ ސައްތިމަރިޔަނބު ސަފަރަކަތްދަ ސަފަރަ ފިހާވަރަކަށް ސައްތިމަރިޔަނބު ދަތްގޯނިން ހަފަހަފާފަ ކަނީ މިއުސޫލުން ދައުލަތުގެ ހަޒާނާ ވެސް ކައިހުސްކޮށްފި އިބޫ އަމީރު

  4. އަސަ

    ތިހިރީ ސުރުހީ ލިޔާ ގޮތް. ތި ފަންޑުން ޓީބިލް ގަތް ވާހަކަ އެހެން މީޑިޔާ ތަކުގަ އޮތީ.