ރަޝިއާ އިން ޔޫކްރޭނަށް ހަމަލާތައް ދޭން ފެށުމުން އުފެއްދިފައިވާ މައްސަލަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަރަށް ބޮޑަށް މައްޗަށް ދިއުމަށް ފަހު މިއަދު ތެލުގެ އަގު ވެއްޓިއްޖެއެވެ. މިއަދު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެއްޓުނީ ތެޔޮ އުފައްދާ މިންވަރު އިތުރު ކުރަން ޔޫއޭއީ އިން ނިންމުމުންނެވެ.

ޔޫއޭއީ އިން ތެލުގެ ސަޕްލައި އިތުރު ކުރާނެކަން އިއުލާން ކުރުމުން މިއަދު އެމެރިކާގެ ބާޒާރުގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 109 ޑޮލަރަށް ވެއްޓިފައެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބަލާ ބެންޗްމާކެއް ކަމަށްވާ ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ މިއަދު 111 ޑޮލަރަށް ވެއްޓިފައެވެ.

މިދިޔަ ހޯމަ ދުވަހު ވެސްޓް ޓެކްސަސް އިންޓަމެޑިއޭޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 130.50 އެމެރިކާ ޑޮލަރަށް އެރިއެވެ. އަދި ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 139.18 އެމެރިކާ ޑޮލަރަށް އެރިއެވެ.

ޔޫއޭއީ އިން ތެލުގެ ސަޕްލައި އިތުރު ކުރާނެ މިންވަރެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ތެލުގެ ސަޕްލައި އިތުރު ކުރާނެ ކަމަށް ޔޫއޭއީ އިން ބުނި ނަމަވެސް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ އަދި އޯޕެކްގައި ވެސް ހިމެނޭ އެންމެ ނުފޫޒުގަދަ ގައުމު ކަމަށްވާ ސައުދީ އަރަބިއްޔާ ގެންދަނީ ތެލުގެ ސަޕްލައި އިތުރު ކުރަން ދެކޮޅު ހަދަމުންނެވެ. އޯޕެކް ޕްލަސް އިން މިހާރު ނިންމާފައި ވަނީ އަންނަ އޭޕްރީލް މަހުން ފެށިގެން ދުވާލަކު އިތުރު ހަތަރު ލައްކަ ފީފާގެ ތެޔޮ ބާޒާރަށް ނެރޭށެވެ.

ނަމަވެސް އެއީ ދުނިޔެ އިން ރަޝިއާ އާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަށް ބަލާއިރު ތެލުގެ އަގު ކޮންޓްރޯލް ކުރެވިދާނެ އަގެއް ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

މިއަދު ތެލުގެ އަގު ދަށަށް ދިޔަ ނަމަވެސް ޔޫއޭއީ އިން އަގު އިއުލާން ކުރުމުން ނުވަތަ ތެލުގެ ސަޕްލައި އާއިމެދު އޯޕެކުން ނިންމާ ނިންމުމަކުން ތެލުގެ އަގު އަނެއްކާވެސް އުފުލުމުގެ ފުރުސަތު އެބައޮތެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ގގފ

    އަދި އެއްވެސް ހަބރެއްގަ ނެތް އެސްޓީ އޯއިން ވިއްކާ ތެލުގެ އަގު ހެޔޮ ވީކަމަށް

    އެކަމަކު އަގު ބޮޑު ވާއިރަށް ހަބަރު ގަ އޮންނަނީ ތެލުގެ އަގަށް ބަދަލު ގެނެސް

    12
  2. ފައްޔާޒް

    ބޭރުގައި ތެޔޮ އަގުބޮޑު ވުމާއެކު ބޮޑު ކުރި. ކޮބާ ކުޑަ ކުރަން ދެން ނުޖެހޭތަ

    12
  3. ދެބޯގެރި

    ތެލުގެ އަގު ދުނިޔޭގެ ބާޒާރުގަ 109 ޑޮލަރަށް ވެއްޓި އެހާބޮޑަށް އަގު ދަށްވީމަވެސް ރާއްޖޭގަ ކުރިން ގެންސްފަހުރި ތެޔޮ އަގުބޮޑުކޮށް ރައްޔިތުން ފެލަމުންދާއިރު ހެޔޮވިޔަސް ހެއުކުރުމަކީ އޮންނަކަމެއްނޫން އެންމެ ފަސޭހައިމން ރައްޔިތުންގެ ަތުން ވަގުތުން ފައިސާ ފޭރިގަނެވޭނެ މަގަކީ ތެލުގެ އަގު ބޮޑުކޮށްގެންކަމަށްވާތީ މި ސަރުކާރުން ހަފުތާއަކު 3 ފަހަރު ތެލުގެ އަގުބޮޑކޮށްގެން ފޭރެނީ

    7
    1
  4. ހުސޭނުބޭ

    ދެން ކީއްވެޔޯ ރާއްޖޭގައި މި އުޅޭ މީހުން ރެވިތެޔޮލައިގެން މި އުޅެނީ. އެސްޓީއޯ މިފްކޯއިން ތެލުގެ އަގު ހުރީ ޖައްސާނެ އެންމެ މައްޗަށް ޖައްސާފައި. ތެލުގެ އަގުބޮޑުވިއްޔޭ ކިޔާފައި ޓެކްސީ ޑްރައިވަރުންވެސް ވަކި ސަހަލެއްނޫން.

  5. މަރީ

    މިގޮތަށް ހަބަރު ލިޔާއިރު ރާއްޖޭގަ ތެޔޮ ލިޓަރެއް ލިބެން ހުރި އަގު ހިމަނާލުން މުހިންމު

    9
    2
  6. ޙަސަންބެ

    އެންމެ ހިތްގައިމުކަމީ ބޭރުން ތެލޭބުނާއިރަށް ތެލުގެ އަގު ބޮޑުކުރާނެ ، އަގުދަށައް ދިޔާމާ ބުނަނީ ކުރީގެ ސްޓޮކް ހުސްވެގެން ނޫނީ އަގު ހެއު ނުކުރެވޭނެކަމައް، މިވެސް ހަމަ ހުއްދަ ކަމެއްތޯ؟!!!

    11
    1
  7. ބަރަވެލި

    ކޮބާ އެސްޓީއޯ ބޭރުގައުމަކުން ތެލޭ ބުނާއިރައް ބޮޑުކުރަން އެނގޭ ދެންމިހާރު އަގުހެޔޮވީމަ ބުރުމާ އެއްބަސް ނުވީތަ އަގު ކުޑަކުރަން

  8. ޓެކްސީ ޑްރައިވަރު

    ތެލުގެ އަގު ތިރިވީމަ ކީއްވެތަ މި ޑްރައިވަރުން ދަތުރު އަގު ކުޑަ ނުކުރަންވީ. އަގު ހަމަ ބޮޑުވެލާއިރަށް އެވީ އަވަހަށް ދަތުރު އަގު ބޮޑުކުރަން ގޮވަން. ހީވަނީ މިމީހުން މި ރާވާ ސަކަރާތް ރަތްޔިތުންނަށް ނޭނގޭ ކަމަށް ދޯ. މިމީހުންގެ ހިތެއް ނުފުރޭނެ ދުވަހަކުވެސް.