ދުނިޔޭގެ އެންމެ ބޮޑެތި އިގުތިސާދުތައް ކަމަށް ބުނާ ޖީ-7 ގެ ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުމުގެ އަގު ކޮންޓްރޯލުކުރުމާއެކު، ތެޔޮ އުފައްދާ ބޮޑެތި ގައުމުތަކުން ތެޔޮ އުފެއްދުން މަދުކުރުމުން ބާޒާރުގައި ތެލުގެ އަގު ބޮޑުވެއްޖެއެވެ.

މިއަދު ހެނދުނު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 0.6 އިންސައްތަ މައްޗަށް ގޮސްފައެވެ. މިހާރު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގުވަނީ 86 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ. ހުކުރު ދުވަހު ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ހުރީ 85.42 ޑޮލަރުގައެވެ.

މިދިޔަ ހުކުރު ދުވަހު ޖީ-7 ގެ ގައުމުތަކުން ވަނީ ހަނގުރާމައިގައި ރަޝިއާއަށް ޕްރެޝަރުކުރުމުގެ ގޮތުން ރަޝިއާގެ ތެޔޮ ގަންނާނެ އަގަކީ ފީފާއެއް 60 ޑޮލަރަށްކަމަށް ކަނޑައަޅާފައެވެ. މި ނިންމުމަށް އަމަލުކުރާނީ މިއަދު ފެށިގެންނެވެ.

އޭގެ ފަހުން ތެޔޮ އުފައްދާ ގައުމުތައް ހިމެނޭ އޮޕެކް+ ގުރޫޕުން ވަނީ އެފަރާތްތަކުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު މަދުކުރުމަށް ނިންމާފައެވެ. އޮޕެކް+ ގުރޫޕުގައި ރަޝިއާ ހިމެނޭހެން ތެޔޮ އެކްސްޕޯޓްކުރާ 23 ގައުމު ހިމެނެއެވެ. ބާޒާރަށް ނެރޭނީ ކިހާ ތެލެއްތޯ ނިންމަނީ މި ގުރޫޕްގެ ތެރޭންނެވެ.

ކަމާބެހޭ ބައެއް މާހިރުން ލަފާކުރައްވާ ގޮތުގައި ތެލުގެ އަގު ބޮޑުވެގެން މިދިޔައީ ޗައިނާއިން އެގައުމުގައި ކޮވިޑާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ ސަބަބުން އެގައުމުގައިވެސް ތެލަށް އޮތް ޑިމާންޑު ބޮޑުވުމާއިވެސް އެކުގައެވެ.

ޖީ- 7 ގެ ގައުމުތަކާއި އޮސްޓްރޭލިއާއިން ގުޅިގެން ރަޝިއާގެ ތެޔޮ ގަންނަ އަގު ކޮންޓްރޯލްކޮށްފައި މިވަނީ ރަޝިއާއިން ޔުކްރޭނުގައި ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމަށް ދަތިކުރުމުގެ ގޮތުންނެވެ.

މި ކޮންޓްރޯލް ކޮށްފައިވާ އަގުގެ މާނައަކީ ޖީ-7 އާއި އީޔޫގެ ޓޭންކަރުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ކްރެޑިޓް އިންސްޓިޓިއުޝަންސް ބޭނުންކޮށްގެން ޝިޕް ކުރެވޭނީ ހަމައެކަނި 60 ޑޮލަރަށްވުރެ ދަށުން ގަނެފައިވާ ރަޝިއާގެ ތެލެވެ. ބޮޑެތި ގިނަ ޝިޕިންގް އަދި އިންޝުއަރެންސް ކުންފުނިތައް ހުންނަނީ ޖީ- 7 ގައި ކަމުން ރަޝިއާއަށް މިއަށްވުރެ ބޮޑު އަގުގައި ތެޔޮ ވިއްކަން އުނދަގޫތަކެއް ކުރިމަތިވެދާނެއެވެ.

ނަމަވެސް ރަޝިއާއިން ބުނެފައިވަނީ މި އަގު ގަބޫލުނުކުރާނެ ކަމަށެވެ. އަދި ހުޅަނގުން އަޅާފައިވާ މި ފިޔަވަޅުތަކާއި އެއްބައިވާ ގައުމުތަކަށް ތެޔޮ ނުވިއްކާނެކަމަށްވެސް ރަޝިއާއިން ވަނީ ބުނެފައެވެ.

ތަޖުރިބާކާރުން ލަފާކުރައްވާ ގޮތުގައި މި ކަންކަމުގެ ސަބަބުން ކުރިއަށް އޮތްތާ ތެލުގެ އަގު އުފުލުން އެކަށީގެންވެއެވެ.

ހުޅަނގުން މި ފިޔަވަޅުތައް އަޅައިގެން ތިއްބަސް ރަޝިއާއިން އެންމެ ގިނައިން ތެޔޮ ގަންނަ ދެ ގައުމު ކަމަށްވާ އިންޑިއާ އާއި ޗައިނާއިން މިކަމުގައި ހުޅަނގާއި އެއްބައިވެފައެއް ނުވެއެވެ.

ދުނިޔޭގެ ބާޒާރަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓް ކުރާ ގައުމަކީ ސައުދީ އަރަބިއްޔާއަށްފަހު ރަޝިއާއެވެ.