ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހެދި ކާގޯ ޓާމިނަލް އިމާރާތުގައި ކާގޯ އޮފީސްތަކެއް ހިންގަން ޖާގަ ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގެ މުއްދަތު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިތުރުކޮށްފި އެވެ.

އެމްއޭސީއެލްއިން ކާގޯ އޮފީސް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެމްއޭސީއެލްއިން މިހާރު ވަނީ އިތުރުކޮށްފަ އެވެ.

އެމްއޭސީއެލްއިން ބުނީ އެ މުއްދަތު އިތުރުކުރީ ބީލަމަށް ރަޖިސްޓްރީވުމުގެ މުއްދަތު ހަމަވިއިރުވެސް ގިނަ ފަރާތްތަކަކުން ރަޖިސްޓްރީވުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާތީ ކަމަށެވެ.

އޭގެ އިތުރުން ބީލަން ހުށަހެޅުމުގެ މުއްދަތު ވެސް އެމްއޭސީއެލްއިން ވަނީ ފަސް ކޮށްފަ އެވެ. ބީލަން ހުށަހެޅުމަށް މިހާރު ފުރުސަތު ދީފައިވަނީ މިއަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 11:00 ގެ ނިޔަލަށެވެ.

ކާގޯ އޮފީސް ހިންގަން ކުރިމަތިލެވޭނީ އިންޓަނޭޝަނަލް އެއާލައިނެއްގެ ކާގޯ ސޭލްސް އެޖެންޓްއެއްގެ ގޮތުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ ގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށާއި އޭގެ އިތުރުން އެފަދަ ފަރާތްތަކަކީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި ބްރޯކަރެއް ނުވަތަ އެޖެންޓެެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކާގޯ ބްރޯކަރެއް ނުވަތަ ކާގޯ އެޖެންޓަކަށް ވެސް ވާންޖެހޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ އޮފީސް ޖާގައަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 15،000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ.

ވެލާނާ އެއާޕޯޓްގެ އާކާގޯ ޓާމިނަލް އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށި މަޝްރޫއުއެކެވެ. ޓާމިނަލްގެ މަސައްކަތް މިހާރު ހުރިހާ ގާތްގަނޑަކަށް ނިމިފައެވެ. ނަމަވެސް ޓާމިނަލް ހުޅުވާނެ ތާރީޚެއް އަދި އިއުލާނެއް ނުކުރެއެވެ.