ބައެއް ކުންފުނިތަކުގައި ނަމުގައި އާއި އަދި ޝަޚްސު އޮޅުވާލައިގެން ނަންނަމުގައި ފޯނުން ގުޅައިގެން އިންޓާނެޓް ބޭންކިން މެދުވެރިކޮށް ފައިސާގެ މުއާމަލާތްތައް ކުރުވައި މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ސަމާލުވުމަށް ބީއެމްއެލްއިން އަންގައިފި އެވެ.

ބީއެމްއެލްއިން ބުނީ ސޯޝަލްމީޑިއާ އެކައުންޓްތަކުގެ އެކްސެސް ހޯދައި، ރައްޓެހިންނަށް މެސެޖްކޮށް އެ އެކައުންޓް ބޭނުން ކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދާކަމުގެ މައުލޫމާތުވެސް ބޭންކަން ލިބެމުންދާ ކަމަށެވެ.

އެ ކޯލްތަކުގައި ކަސްޓަމަރުންނަށް އޮޅުވާލުމުގެ ގޮތުން ވާހަކަދައްކަމުންދަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ކަމަށާއި އޭގެ އިތުރުން ބޭންކާއި އަދި ބަައެއް އެހެން ކުންފުނިތަކުގެ ނަމުގައި ގުޅައިގެން ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކިންއާ ގުޅޭ މައުލޫމާތު ހޯދައި އިންޓާނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓުން މުއާމަލާތްކޮށްފައިވާ ކަމުގެ ޝަކުވާ ކަސްޓަމަރުން ބޭންކަށް ހުށަހަޅާފައިވާ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

އެގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް ނުދިނުމުގެ ގޮތުން، ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކަށް ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

"ނުދަންނަ ފަރާތްތަކުން ގުޅައި ފައިސާ ފޮނުވައި ދިނުމަށް އެދި ކުރާ ކޯލްތަކަށް ޖަވާބު ނުދެއްވުމަށްވެސް އެދެން. އަދި އެކި ނަންނަމުގައި ކުރާ ފޯނު ކޯލުތައް މެދުވެރިކޮށް ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ބޭންކް އެކައުންޓް، އިންޓާނެޓް ބޭންކިން އަދި ކާޑުގެ އެއްވެސް މައުލޫމާތެއްގެ އިތުރުން އޯޓީޕީ ހިއްސާ ނުކުރެއްވުމަށްވެސް ދަންނަވަން." ބީއެމްއެލްއިން ބުންޏެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގައިވެސް އޮޅުވާލައިގެން ފައިސާ ހޯދާ ފަރާތްތަކުން ދަނީ އެކި ގޮަތްގޮަތަށް އެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދަމުންނެވެ.

އެހެންކަމުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާ އެކު ފައިސާ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވުމަށާއި ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުލައި

    މީބހަމައެކަނި ބީއެމްއެލް ކަސްޓަމަރުންނަށް އަށް ޖެހޭ ކަމެއްތަ.

  2. ވަގުންގެބޭންކް

    ކަލޭމެން ހުއްޓުވަން ނޫޅޭ. އަހަރަމެން މައްސަލަ ލީތާވެސް 3 މަސް. ގުޅީމަ ބުނަނީ ލީގަލް އޮފިސަރ އޮފީހަށް ނާދެޔޯ. ޕްލިސް ވެސް ހަމަ އެއްވަރެއް

  3. އައްކޫ

    ކޮބާ ފުލުހުންގެ ދައުރު؟
    ނަމެއްގައި ތިބޭބައެއް، ދުވަހަކުވެސް ކުރެވޭކަމެއް ނޯވޭ
    ތަންތަނުން ހެކި ހޯދާފައި ދެއްކިޔަސް ކަމެއް ނުކުރެވޭ.

  4. ޑޮނާޑް

    ތީ ސީދާ ޕޮޅިހުން ނާއި އޮޕަރޭޓަރުން އަދި ބެންކުން ހިންގާ ޖަރީމާއެއް،