މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ލޯނެއްގެ އިދާރީ ފީ އިއްޔެ އިން ފެށިގެން އެއް ޕަސެންޓަށް ކުޑަކުރަން ނިންމައިފިއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އިދާރީ ފީތައް ކުޑަކުރުމުން އެކަމާ ގުޅުން ހުރި މަސައްކަތްތައް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުން ކަމަށެވެ. ލޯނަށް ގެންނަ ބަދަލުތައް އެ ދަރިވަރުންނަށް ލިޔުމުން އަންގަން ވަނީ ނިންމާފައެވެ.

މަތީ ތައުލީމުގެ ލޯނުގެ އިދާރީ ފީގެ ގޮތުގައި ކުރިން ނަގަމުން އައީ ފަސް ޕަސެންޓެވެ. ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވުމާ އެކު އެ އަދަދު ތިން ޕަސެންޓަށް ދަށްކުރީ އެވެ. ނަމަވެސް މިނިސްޓްރީން މިދިޔަ ފެބްރުއަރީ މަހު މަތީ ތައުލީމުގެ 720 ލޯނަށް ފުރުސަތު ހުޅުވައިލީ އިދާރީ ފީ އެއް ޕަސެންޓަށް ކުޑަކޮށްފަ އެވެ.

އިއްޔެ އިން ފެށިގެން ގެނައި ބަދަލަކީ އޭގެ ކުރިން ލޯނު ނެގި ދަރިވަރުންގެ އިދާރީ ފީތައް ވެސް ކުޑަކުރުމެވެ.

އިއުލާނުގައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިވެގެން ބީއެމްއެލުން ލޯނު ނަގާފައިވާ ދަރިވަރުންގެ އިދާރީ ފީ ކުޑަކުރަން ބޭނުންވާ ނަމަ ސިޓީއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް [email protected] އަށް އައިޑީކާޑު ކޮޕީއާއެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މިނިސްޓްރީން އެ މައުލޫމާތުތައް ކަށަވަރުކުރުމަށް ފަހު، ބީއެމްއެލްއާ ހިއްސާކުރުމުން އެ ކަމާ ގުޅުން ހުރި އެހެނިހެން ކަންތައްތައް ކުރިއަށް ގެންދާނީ އެ ބޭންކުން ކަމަށް އިއުލާނުގައި ބުންޏެވެ.

ލޯނު ނަގައިގެން މި ވަގުތު 9،054 ދަރިވަރުން އަންނަނީ ކިޔަވަމުން ކަމަށް ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.