ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް އަންނަ މަހު ފެށުމަށް ނިންމައިފިއެވެ.

ބެންކޮކް އެއާވޭސް އިން މީގެ ކުރިންވެސް ރާއްޖެއަށް ދަތުރުކުރިއެވެ. އޭރު ދަތުރުކުރަމުން ދިޔައީ ހަފްތާއަކު ހަތަރު ފްލައިޓް ޝެޑިއުލްކޮށްގެންނެވެ. ނަމަވެސް ކޮވިޑް-19 އާއި ގުޅިގެން އެ އެއާލައިނުން ރާއްޖެއަށް ކުރި ދަތުރުތައް ހުއްޓާލީ 2020 ވަނަ އަހަރުގެ މާޗްމަހުއެވެ.

އެ އެއާލައިނުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަލުން ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

އެއެއާލައިނުން ދަތުރުތައް ފަށާކަން އިއުލާންކޮށްފައިވާއިރު، މާލެ އާއި ބެންކޮކާ ދެމެދު ދަތުރުކުރާ އެއާ އޭޝިއާގެ ދަތުރުތައް މެދުކެނޑުމަކަށްފަހު ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު މާލެއާ ބެންކޮކާ ދެމެދު ކުރެއެވެ.

ތައިލެންޑަކީ ދިވެހިން ގިނައިން ޒިޔާރަތްކުރާ ގައުމެކެވެ. ކޮވިޑް-19 އާއި ގުޅިގެން ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާނަމަ އެ ގައުމަށް އެރުމަށް ނައްސި ނަތީޖާއެއް ނުވަތަ ކަރަންޓީނެއް ބޭނުމެއް ނުވާނެއެވެ.