ބޭންކިންގެ މުހިންމު މުއާމަލާތްތައް މި ހަފްތާގައި ނިންމަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިއްޖެއެވެ.

މި ފެށޭ ބޮޑު އީދާ އަދި ހަފްތާ ބަންދާ ގުޅިގެން ބީއެމްއެލްގެ ބޭންކްތައް ނުވަ ދުވަހަށް ބަންދުވާނެއެވެ. އަދި އަންނަ ބުރާސްފައްޗަށް ފަހު ބޭންކުން ހިދުމަތް ދޭން ފަށާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

އެހާ ގިނަ ދުވަސްތަކެއް ބަންދުވާތީ ކަސްޓަމަރުންނަށް ދަތި ނުވާނެހެން ހިދުމަތް ހޯދުމަށް ކުރިން ޕްލޭންކޮށް ހިދުމަތަށް އެދުމަށް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.

"ޓީޓީ ޗެކް ޕްރޮސެސްކުރުމާއި، ލޯކަލް ޓްރާންސްފާ ފަދަ މުހިންމު ހިދުމަތްތަކަށް މި ވަނީ ސުންގަޑި ކަނޑައެޅިފައި. އެހެންކަމުން އެ ސުންގަޑީގެ ކުރިން ހިދުމަތަށް އެދި ހުށަހެޅުއްވުމަކީ ވަރަށް މުހިންމުކަމެއް. ސުންގަޑިއަށް ފަހު ލިބޭ ރިކުއެސްޓް އަދި ޗެކްތައް ޕްރޮސެސް ކުރެވޭނީ ދެން ބޭންކް ހުޅުވޭ ދުވަހު" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.