ދިރާގުން ވަނީ ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމަށް މަސައްކަތް ފަށައިފިއެވެ.

މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ،13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީ ގޮތުން ވަނީ ފަށާފައެވެ. މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖު ތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބި ގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ދިރާގުން ދަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން މި ލޭންޑިންގ ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ދިރާގާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދެވެ. އަދި އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ސުހައިލް އަހްމަދެެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ ދުނިޔޭގެ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ ސަބްމެރިން ކޭބަލްއަކެވެ. މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމް އާ ރާއްޖެ ގުޅާލުމަށް ވަނީ ހަމަޖެހިފައިވެއެވެ. ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރުތަމަ ކުއާޓަރއަށް ނިމޭނެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ. ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލް ތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަނުން، އިންޓަރނެޓް ގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސާއި އޭ.އާރުގެ ކުރިއެރުންތަށް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހުވެގެންދާނެއެވެ.

ދިރާގަކީ ކަސްޓަމަރުން ބޭނުންކުރައްވަމުންދާ ދިރާގުގެ ޑިޖިޓަލް ޚިދުމަތްތަކުން ލިއްބައިދޭ ފަސޭހަތަށް އިތުރަށް ފުރިހަމަކޮށް ޑިޖިޓަލް ޚިދުމަތްތަކުން ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު