ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ސްކޫލް ކުދިންނަށް ބައިސްކަލު ދުއްވުމުގެ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

މިއީ ދިރާގުން ބާއްވަމުން އަންނަ ތިންވަނަ މަމެން އިންޓަރ ސްކޫލް ސައިކްލިންގ ޗެމްޕިއަންޝިޕް މުބާރާތެވެ.

އަދި އެ މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީކުރަން މިހާރު ވަނީ ހުޅުވާލައިިފައެވެ.

އެ މުބާރާތުގައި ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުނެފައި ވެއެވެ.

މި އަހަރު މި މުބާރާތް ކުރިއަށްދާނީ މި މަހު 17 ވަނަ ދުވަހު ހުޅުމާލޭ ފޭސް 2 ގައި އޮންނަ ސައިކްލިން ޓްރެކްގައެވެ. އަދި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ އަށަކާއި ހަމައަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

ދިރާގުން ބުނީ ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށް ފޯމު އެ ދަރިވަރުންނަށް
ފޯރުކޮށްދޭނީ އެ ދަރިވަރަކު ނިސްބަތްވާ ސްކޫލްއަކުންނެވެ. އަދި މި ފޯމު ދިރާގާއި ބައިކް މޯލްޑިވްސްގެ މީސް މީޑިއާ އިންވެސް ލިބޭނެ ކަމަށެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގެ 10 އިވެންޓެއް ކުރިއަށް ދާނެ އެވެ.

11 އަހަރުން ދަށުގެ އުމުރުފުރާ – 1000 މީޓަރުގެ ފަން ރައިޑް
13 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
13 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
15 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
15 އަހަރުން ދަށުގެ އުމުރުފުރާ - 1000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)

17 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
17 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)
19 އަހަރުން ދަށުގެ އުމުރުފުރާ - 200 މީޓަރުގެ ސްޕްރިންޓް (އަންހެން / ފިރިހެން)
19 އަހަރުން ދަށުގެ އުމުރުފުރާ - 3000 މީޓަރުގެ ރައިޑް (އަންހެން / ފިރިހެން)

3000 މީޓަރުގެ ޓީމް ފާސޫޓް

އޭގެ އިތުރުން 1000 މީޓަރުގެ ފަން ރައިޑް ފިޔަވައި ވާދަވެރި ކޮންމެ ކެޓަގަރީ އަކުން ވެސް ތިން އަންހެން އަދި ފިރިހެން ނަސީބުވެރިން ހޮވާނެއެވެ.

އެ މުބާރާތާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ އެސިސްޓެންޓް މެނޭޖަރ ބްރޭޑް ނާޔާ ޝަރީފް ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ބައިކް މޯލްޑިވްސް އަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އުންމީދަކީ މިފަދަ
ޓޯނަމަންޓް ތަކުން ސްކޫލް ކުދިންގެ މެދުގައި ބައިކް ކުރުމުގެ ޝައުގުވެރިކަން އިތުރުވެ، ޅައުމުރުގައި ދުޅަހެޔޮ، ދެމެހެއްޓެނިވި ދިރިއުޅުމެއް ގެ މުހިންމުކަން އެކުދިންނަށް އިނގިގެންދިއުން." ނާޔާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު