ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމުގެ ދަސްވެނިވުން ބާއްވައިފި އެވެ.

ބީއެމްއެލްއިން ބުނީ 12 މަސް ދުވަހަށް ބަހާލާފައިވާ އެ އިންޓާންޝިޕް ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ލިބުމުގެ އިތުރުން ބޭންކުން ނުވަތަ މާލީ ދާއިރާގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

އަދި އިންޓާންޝިޕްގެ ބައިވެރިންނަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް އެ ބޭންކް އިން ބުނެފައި ވެއެވެ.

ބީއެމްއެލްއިން ބުނީ އެ ޕްރޮގާރާމްގައި ބޭންކުގައި މަސައްކަތްކުރާ ދުވަސްތަކުގައި ކޮންމެ ބައިވެރިއަކަށް ވެސް އިރުޝާދު ދޭނެ ހާއްސަ މުވައްޒަފެއް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ޕްރޮގްރާމުގެ ބައިވެރިންނަށް ދެވޭ އިނާޔަތަކީ ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމަކަށް ދެވޭ އެންމެ ރަނގަޅު އިނާޔަތް ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ. އަދި އިންޓާންޝިޕް މުއްދަތުގައި ވަޒީފާއަށް ބޭނުންވާ ހުނަރު ދަސްކޮށްދީ އަދި ކާމިޔާބުކަމާއެކު މި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގައި ދާއިމީ ވަޒީފާއެއް ހޯދުމުގެ ފަހި ފުރުސަތެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެ އެވެ.

ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ އެ ޕްރޮގްރާމް މެދުވެރިކޮށް ތައުލީމް ފޯރުކޯށްދޭ އިދަރާތަކުން ދަސްވެނިވާ ދަރިވަރުންނަށް ވަޒީފާއަށް ބޭނުންވާ ތަޖުރިބާ ހޯދައިދެވޭނެ ކަމަށެވެ.

"މި ޕްރޮގްރާމްގައި މިހާތަނަށް ބައިވެރިވެ ނިންމި ފަރާތްތަކުގެ ތެރެއިން %80 އަށް ވުރެ ގިނަ ބައިވެރިންނަށް ބީއެމްއެލް އާއި އެހެނިހެން މުވައްސަސާތަކުން ދާއިމީ ވަޒީފާ ލިބިފައިވާކަން އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެން ކުރިއަށް އޮތްތާނގައިވެސް ހުނަރުވެރި ގާބިލް މުވައްޒަފުން ވަޒީފާގައި ދަމަހައްޓައި މުވައްޒަފުންނަށް ކުރިއެރުން ލިބޭނެހެން މަސައްކަތްކުރަމުންދާނަން." އާއިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނުކުރުމާ އަދި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔާ ބްރޭންޑިން އިންސްޓިޓިއުޓްއިން އިން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއަރސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވިދިވިދިގެން ހަތަރު ފަހަރަށް ލިބިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތީ މިހާރު ވަރަށް ގިނައިން ފައިސާ ގެއްލޭ ބޭންކަކަށް ވެއްޖެ. ކަސްޓަމަރުންނަށް ނޭނގި ކަސްޓަމަރުންގެ އެކައުންޓުތަކުގައި ހުން ފައިސާ ގެއްލެނީ. ވާނުވާ ގޮތެއް ބޭންކަކަށް ނޭނގެ. މީ ކިހާ ދެރަކަމެއް؟