ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ގޮތުގައި މިއަދު ބީއެމްއެލް ހެކަތަން އިފްތިތާހުކޮށްފިއެވެ.

އަލަށް ތައާރަފްކުރި އިނޮވޭޝަން ލެބް އަށް ބައިވެރިން ހޮވުމަށް މި ހެކަތަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 'ބޭންކިންގ ސޮލިއުޝަންސް ޓު އެންހޭންސް ކަސްޓަމަރ އެކްސްޕީރިއެންސް' ތީމްގެ ދަށުންނެވެ.

48 ގަޑިއިރަށް ދެމިގެންދާނެ މި ހެކަތަން ގައި ފިންޓެކްގެ ދާއިރާއިން އީޖާދީ ހިޔާލުތަކާއި ހައްލުތައް ހުށަހެޅުމަށް އަމިއްލަ ފަރުދުންނާއި ޓީމްތަކަށްވެސް ރަޖިސްޓަރ ކުރެވޭނެއެވެ.

މި ލިންކް މެދުވެރިކޮށް ހެކަތަން އަށް ރަޖިސްޓްރީ ކުރެވޭނެއެވެ.ހެކަތަންއަށް އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރާ 50 ފަރާތަށް ބައިވެރިވުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ހެކަތަން ފެށުމަށް ހަމަޖެހިފައިވަނީ 14 އޮކްޓޯބަރު، 14:00 ގައި ހޮޓެލް ޖެންގައެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން ވިދާޅުވީ އެންމެ ފަހުގެ ޓެކްނޮލިޖީގެ އެހީގައި ބޭންކިންގ ދާއިރާއަށް ބަދަލު ގެނައުމަށް ފިންޓެކް ކޮމިއުނިޓީ އާއި ޑިވެލޮޕަރުންގެ ފަރާތުން އަބަދުވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. މި ހެކަތަންގެ އެހީގައި ރާއްޖޭގެ ޓެކް ކޮމިއުނިޓީ މެދުވެރިކޮށް ކަސްޓަމަރުންނަށް ދޭ ހިދުމަތް އިތުރަށް ފުޅާކުރުމަށް ބޭންކިންގ ސޮލިއުޝަންސް ފޯރުކޮށްދިނުމާއި އަދި އެންމެ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވިގެން ދިޔުމަކީވެސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.

"ހެކަތަން ކާމިޔާބު ކުރާ ޓީމުތަކުން ހުށަހަޅާ ހިޔާލު ހަގީގަތަކަށް ހެދުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް އަޅުގަނޑުމެންގެ އިނޮވޭޝަން ލެބްގައި އިންތިޒާމްވެގެންދާނެ."

މި ހެކަތަންގައި 3 ޓީމު ހޮވައި މި ޓީމްތަކުން ހުށަހަޅާ ހިޔާލު ކާމިޔާބުކަމާއެކު ނިންމާލުމަށް ބީއެމްއެލް އިނޮވޭޝަން ލެބްގައި މަސައްކަތްކުރުމަށް 6 މަސް ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގައި ބޭންކުގެ ފަރާތުން ތިރީގައިވާ ކަންކަން ފުރިހަމަކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މަސައްކަތްކުރުމަށް ހާއްސަ އޮފީހެއް (ތަނެއް) ހަމަޖައްސައިދިނުން
ކޮންމެ ޓީމަކަށް އެލަވަންސްގެ ގޮތުގައި މަހަކު 20،000 ރުފިޔާ
ޑިވެލޮޕްކުރާ ސޮލިއުޝަންއަށް ދިގު މުއްދަތެއްގެ މެއިންޓެނަންސް ކޮންޓްރެކްޓެއް


މި
ހެކަތަންއާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރައްޔިތުން

    ކަލޭމެންގެ އަކައުންޓްތައް ސެކިޔޯ ކޮށްބަލަ ފުރަތަމަ. މިހާރު އެބަ ވިސްނަންޖެހޭ ތިބޭންކުގަ އެކައުންޓުގަ އެއްވެސް ލާރިއެއް ބަހައްޓާނެތޯ. ބޯ ހަލާކު