ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.

ބީއެމްއެލުން ކުރި ޓްވީޓެއްގައި އެ ބޭންކުގެ ނަމުގައި ކަސްޓަމަރުންގެ ނަންބަރުތަކަށް ލިންކެއް ފޮނުވަމުންދާ ކަމަށާއި އެފަދަ ލިންކުތަކަށް ނުވަނުމަށް އެދޭ ކަމަށެވެ. ބީއެމްއެލް އިން އެއްވެސް ކަސްޓަމަރަކަށް މިފަދަ ލިންކުތަކެއް ނުފޮނުވާނެ ކަމަށްވެސް ބީއެމްއެލް އިން ބުނެފައި ވެއެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވާ މެސެޖްގައި ލިޔެފައި އޮންނަނީ ބޭންކަށް ދީފައިވާ މައުލޫމާތު އަޕްޑޭޓް ކުރުމަށް ލިންކަކަށް ވަނުމަށް އެދޭކަމަށެވެ. އެލިންކުން މައުލޫމާތު އަޕްޑޭޓް ކުރުމުން އެމައުލޫމާތު ލިބެނީ މަކަރާއި ހިލާތް ހަދައިގެން ފައިސާ ހޯދާ މީހުންނަށެވެ.

ކުންފުނިތަކާއި މުއައްސަސާތަކުގެ ނަމުގައި ވެސް ސްކޭމް މެސެޖުތަކާއި ފޯން ކޯލްތައް ކުރުން ވަނީ ވަރަށް ބޮޑަށް އާއްމުވެފައެވެ. އެފަދަ މެސެޖްތަކާއި ކޯލްތަކަށް ސަމާލުވާން އިދާރާތަކުން އަންނަނީ ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.

ނަމަވެސް އަދިވެސް މިފަދަ ކަންކަން ކުރާ މީހުން އެތައް ބައެއްގެ އަތުން އަންނަނީ ފައިސާ ފޭރެމުންނެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 89 މައްސަލައެއް މިދިޔަ މަހު ވެސް ފުލުހުންނަށް ހުށަހެޅުނެވެ. މިދިޔަ މަހު ފަސްވަނަ އަށް އެންމެ ގިނައިން ފުލުހުންނަށް ހުށަހެޅުނީ މަކަރާއި ހީލަތުގެ މައްސަލަތަކެވެ.

ފުލުހުން ވަނީ އެ އިދާރާއަށް ގުޅައިގެންނާއި އޮންލައިން ކްރައިމް ރިޕޯޓިން ޕޯޓަލް މެދުވެރިކޮށް މައްސަލަތައް ރިޕޯޓް ކުރަން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސައިން

    ވައްކަން ކުރުވާފައިވެސް ތިހެންބުނާނެ

  2. ަިޒަހީނު

    ބޭންކު ތީ ހިތުން ސަލާތީކަންތަކަށް ފުރިހަމަ ބައެކޯ..