ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން އއ. ބޮޑުފޮޅުދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ބޭނުންކުރާ ފެނަކީ ރައްކާތެރި ފެން ކަމުގައި ހެދުމަށްޓަކައި ރަށު ސްކޫލުގައި އާރު.އޯ މެޝިނެއް ބަހައްޓައިފިއެވެ.
ބީއެމްއެލްއިން ބުނީ އެ ޕްރޮޖެކްޓް ގެ އަމާޒަކީ ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ބުއިމަށް ރައްކާތެރި ފެން ފޯރުކޮށްދިނުމާއި އެއްފަހަރާ ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުން ކަމަށެވެ.
އެގޮތުން، އިންޑަސްޓްރިއަލް އާރު.އޯ މެޝިނެއް ބަހައްޓައި އެ މެޝިނުން އުފައްދާ ފެން ރައްކާކުރެވި ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުންނަށް ފަސޭހައިން ބޯން ލިބޭނެހެން ސްކޫލުގައި ވަނީ 2 ވޯޓާ ޑިސްޕެންސާވެސް ބަހައްޓާފައި ކަމަށެވެ.
ކޮމިއުނީ ފަންޑުގެ ދަށުން އެ ޕްރޮޕޯސަލް ކާމިޔާބު ކުރި ރިވޮލިއުޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން ފަރާތުން މުސްތަފާ އަހްމަދު ވިދާޅުވީ އެ ޕްރޮޖެކްޓް ގެ ސަބަބުން މި ރަށު ސްކޫލުގައި ކިޔަވަމުންދާ 186 ދަރިވަރުންނާއި މުވައްޒަފުންގެ އިތުރުން ސްކޫލަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ރައްކާތެރި ބޯފެން ފަސޭހަކާމާއެކީ ލިބޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮޖެކްޓްގެ ސަބަބުން ރަށުގެ ރައްޔިތުންގެ މިކަމާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެގެން ދިޔުން." މުސްތަފާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓް ގެ ދަށުން ކޮލަމާ ޖަމިއްޔާ ގެ ފަރާތުން ވަނީ ކޮންމެ ދަރިވަރަށާއި މުވައްޒަފަކަށް ރިޔޫސަބަލް ފުޅިއެއް ހަދިޔާކޮށް ސްކޫލުގެ ދަރިވަރުންނާއި މުވައްޒަފުން ތިމާވެއްޓާއި ރައްޓެހި ގޮތް ހިޔާރުކުރުމަށްޓަކައި އަޒުމް ކަނޑައަޅާފައެވެ.
އެ ޕްރޮޖެކްޓަކީ ދެމެހެއްޓެނެވި ކާމިޔާބު ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިޔަށް ދިއުމަށް މަގުފަހި ކުރުމަށްޓަކައި އެ ޖަމިއްޔާގެ ފަރާތުން ބެހެއްޓިފައިވާ ޕްލާންޓާއި ފިލްޓާ އަދި ޑިސްޕެންސަރުތަކަށް ބޭނުންވާނެ މެއިންޓެނަންސް މަސައްކަތްކުރަމުންދާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.