ޗައިނާގެ ތިން އެއާލައިނަކުން މި މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ހާމަކޮށްފިއެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން މެނޭޖަރު ޝައްމާން ޝާކިރު "ވަގުތަށް" ވިދާޅުވީ މިމަހު 18 ވަނަ ދުވަހުން ފެށިގެން ޗައިނާގެ ތިން އެއާލައިނަކުން ރާއްޖެއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝައްމާނު ވިދާޅުވީ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ ބެއިޖިން ކެޕިޓަލް އެއާލައިން، ޗައިނާ އީސްޓަން އެއާލައިން އަދި ހޮންކޮންގް އެއާލައިނެވެ.

ބެއިޖިން ކެޕިޓަލް އިން މި މަހުގެ 18 އިން ފެބްރުއަރީ 22 ގެ ނިޔަލަށް ބެއިޖިން ޑެކްސިން އިންޓަނޭޝަނަލް އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 306 މީހުންގެ ޖާގައިގެ ބޯޓެއް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. މި އެއާލައިނުން ހަފްތާއަކު ހަތަރު ދަތުރު ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ހަމައެއާއެކު ޗައިނާ އީސްޓަން އެއާލައިނުން ޖެނުއަރީ 28 އިން ފެށިގެން ހަފްތާއަކު އެއް ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 232 މީހުންގެ ޖާގައިގެ ބޯޓެކެވެ.

މީގެއިތުރުންހޮންކޮންގް އެއާލައިނުން މާޗް 23 ގެ ނިޔަލަށް ދަތުރު ކުރުމަށް ވަނީ ޝެޑިއުލްކޮށްފައެވެ. މިދަތުރުގައި ބޭނުންކުރާނީ 292 މީހުންގެ ޖާގައިގެ ބޯޓުތަކެކެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ މަންޒިލަކަށްވީ ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފާއިތުވީ ތިން އަހަރުވެސް ރާއްޖެއަށް ޗައިނާގެ ފަތުރުވެރިން އައިސްފައިނުވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

2019 ވަނަ އަހަރަކީ ޗައިނާއިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި އަހަރެވެ. އެއަހަރު ޗައިނާއިން 284،029 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.

މިއީ ކޮވިޑް-19 އަށްފަހު ޗައިނާއިން ރާއްޖެއަށް ދަތުރުތައް ފަށާ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ސަބަބުން ޗައިނާގައި އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދެމުން އަންނައިރު މިމަހު 8 ވަނަ ދުވަހުން ފެށިގެން އެ ޤައުމަށް އެތެރެވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަރަންޓީނު އުވާލާ ގޮތަށް އެގައުމުން ވަނީ ނިންމާފައެވެ.

އެހެންކަމުން މިއީ ޗައިނާ އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ގުޅުމަށް އިތުރުވެގެންދާނެ ބޮޅެކެވެ.
ޗައިނާގައި އެންމެ ފުޅާ ދާއިރާއެއްގައި އޮންލައިން ޓްރެވަލް އެޖެންޓުކަމުގެ ޙިދުމަތްދޭ، ސީ-ޓްރިޕުން، ޗައިނާ އައުޓްބައުންޑު ޓޫރިޒަމް ރިސަރޗު އިންސްޓިޓިއުޓް އިން ނެރުނު ޗައިނީސް ހައި- އެންޑު އައުޓްބައުންޑް ކަސްޓަމައިޒްޑު ޓްރެވަލް ރިޕޯޓުގައި ބުނާގޮތުން ރާއްޖެއަކީ ޗައިނާގެ ފަތުރުވެރިންގެ މެދުގައި ހަތަރު ވަނައަށް އެންމެ މަޤްބޫލު މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ރައްޔިތުންނަށް ނުބަލަ އެވެ. ހުޅުވާލަނީ އެވެ. ޗައިނާ ގަ ހެސް ކިޔާފަ ކޮވިޑް އެވެ.

    4
    2
  2. އަލްޖިބްރާ

    ޑޮލަރާ އެކު ކޮވިޑް އަންނަނީ !

    3
    1
  3. ހަސަނު

    އަބަދުވެސް ސޯލިހުވިސްނާނި ސޯލިހުމެންގެ ޖީބަށް
    ޑޮލަރުއަޅާނެގޮތެއް..
    އެހެން ގައުމުތަކުން ޗައިނާގެ ފަތުރުވެރިން ކަރަންޓީނުކުރަން ފެށީމަ މީނަވީ މިގައުމަށް ހެސްކިޔާފަ
    އެތެރެކުރުން..
    ރިޒޯޓުގަތިއްބަސް އެތަނުގެ މުވައްޒަފުން މާލެއައިސް ރަށްރަށަށް ދެވޭގޮތަށް އޮތުމުން ރިޒޯޓަށް އަޔަސް އޮތީކޮން ރަށްކަލެއް..
    ވެންޓިލޭޓަރުގަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްންނަން ދިންލާރިވެސްކާލީ..ސޯލިހުގެ ހެޔޮކަމުންނޯ އެވެސް ނުވާކަމަކަށް ހަދާފަ ހިންދާލީ...
    ރައްޔިތުންދެކެ ލޯބިވާނަމަ ތިހެނެއް ނުހަދާނެދޯ މިދަނޑިވަޅުގަ..މާމޮޅު މީހަކަށް ވެގެން..

    1
    1