ގދ.މަޑަވެލީ ޓީއެސްލައިން ދޯނިން އިއްޔެ މިފްކޯ އަށް 73 ޓަނު މަސް ކިރުވައިގެން 1.2 މިލިއަން ރުފިޔާ ހޯދައިފިއެވެ. އެއާއިއެކު ޓީއެސްލައިން ދޯނިން ވަނީ ރާއްޖޭގެ މަސް ދޯންޏަކުން އެއްދުވަހުން އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް ވެސް އާކޮށްފައެވެ.

އެއް ދުވަހުން އެންމެ ގިނަ މަސް ބޭނުމުގެ ރެކޯޑް އެންމެ ފަހުން އޮތީ ގދ.ފަރެސްމާތޮޑާ ބާޚިރާ ދޯނީގައެވެ. އެއީ ކޫއްޑޫއަށް 58.6 ޓަނުގެ މަސް ކިރުވައިގެންނެވެ. ނަމަވެސް އޭގެ ކުރިން 57 ޓަނު މަސް ކިރުވައި، އެ ރިކޯޑު އޮތީ އިއްޔެ ރެކޯޑް އާކުރި ޓީއެސްލައިން ދޯނީގައެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހު މަސްވެރިކަން ކުރަން ފެށި ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނައިން މަސް ކިރުވި އުޅަނދުގެ އެވޯޑު ހޯދާފައެވެ. ޓީއެސްލައިން ދޯންޏަށް ހަނދާނީ ފިލާ ލިބުނީ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ގދ. ފަރެސްމާތޮޑާގައި ޑިސެމްބަރު މަހު ބޭއްވި ޖަލްސާގައެވެ. ޓީއެސްލައިން ދޯނިން ވަނީ 2021 ވަނަ އަހަރު ޖުމްލަ 1095.805 ޓަނުގެ މަސް ކޫއްޑޫއަށް ކިރުވާފައެވެ.

މިދުވަސްވަރު އަނެއްކާވެސް ދެކުނުގެ މަސްވެރިކަން ރަނގަޅު ކަމަށް މަސްވެރިން ބުނެއެވެ. ނަމަވެސް އައިސް ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ބޭނުންވާ ވަރަށް މަސްވެރިކަން ކުރަން ދަތިތައް އެބަހުރި ކަމަށް މަސްވެރިން ބުނެއެވެ.