ކަސްޓަމަރުންގެ އެކައުންޓްތަކުން މަކަރާއި ހީލަތުން ފައިސާ އަތުލުމާއި ގެއްލުމުގެ މައްސަލަތައް ކުރިމަތިވަނީ ބޭންކުގެ އެއްވެސް ސިސްޓަމެއް ކޮމްޕްރޮމައިޒް ވެގެން ނޫން ކަމުގެ ޔަގީން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަނެއްކާވެސް ދީފިއެވެ.

ބީއެމްއެލްގެ މާކެޓިންގ މެނޭޖަރ މުހައްމަދު ސައީދު ވިދާޅުވީ، ސްކޭމްތަކުގެ ކަންކަން ގިނަވެ، ކަސްޓަމަރުންގެ ފައިސާ ގެއްލިގެން ދިޔުމަކީ ބޭންކުން ހިތާމަކުރާ ކަމެއް ކަމަށެވެ.

"އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކަކީ ހަމައެކަނި ރާއްޖެއަށް ކުރިމަތިވާކަމެއް ނޫން. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރުވެސް ސްކޭމްތައްހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކިގޮތްގޮތަށް ބަދަލުކުރަމުންދޭ". އޭނާ ވިދާޅުވިއެެވެ.

އެގޮތުން ބޭންކިންގ އާއި ގާނޫނުތަކާއި ގަވައިދުތައް އެންމެ ހަރުދަނާ އެއް ގައުމުކަމަށްވާ ސިންގަޕޫރަށް ބަލާއިރު މިވޭތުވެދިޔަ 2022 ވަނަ އަހަރަކީ ރެކޯޑް މިންވަރަށް އެކި ސްކޭމްތަކުގައި ފައިސާ ގެއްލުނު އަހަރެކެވެ. އެގޮތުން މިދިޔަ އަހަރު އެ ގައުމުން 33،000 އަށް ވުރެ ގިނަ ސްކޭމް ކޭސްގައި 661 މިލިއަން ސިންގަޕޫރު ޑޮލަރު ) 7.5 ބިލިއަން ދިވެހި ރުފިޔާ) ގެއްލިފައިވެއެވެ.

އެ ބޭންކް އިން ފާހަގަކުރާގޮތުގައި، ސްކޭމް ހިންގާ ފަރާތްތަކުން އެ މީހުންގެ އުކުޅުތައް އެކި ދުވަސްވަރު އެކި ގޮތްގޮތަށް ބަދަލުކުރަމުން ދެއެވެ. އަދި އެ ޓްރެންޑްތައް ބަދަލުވާގޮތަށް ބަލައި ބީއެމްއެލްއިން އެވަގުތަށް އަޅަން ޖެހޭ ފިޔަވަޅުތަކެއް އަޅަމުން ގެންދެއެވެ.

"މިދިޔަ އަހަރު ފަހުކޮޅުގައި ގިނަވެގެންދިޔައީ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް، ޕާސްވޯޑް އަދި ޖީމެއިލް ކޮމްޕްރޮމައިޒް ވެގެން ފައިސާގެ މުއާމަލާތްތަކެއް ކުރި މައްސަލަތަކެއް. މިކަމަށް ބަލާލާއިރުވެސް ކަސްޓަމަރުގެ ޔޫސަރނޭމް، ޕާސްވޯޑް އަދި އީމެއިލްގެ ޕާސްވޯޑަކީ ބޭންކުގެ މުވައްޒަފުންނަށްވެސް އެނގޭނެ މައުލޫމާތެއް ނޫން. އަދި ބޭންކުގައި ރައްކާކޮށްފައި ހުންނަ މައުލޫމާތެއްވެސް ނޫން. މިކަމަށް ހައްލެއް ގެނައުމުގެ ގޮތުން ބޭންކުންވަނީ ޑިފޯލްޓްކޮށް އޯޓީޕީ ފޮނުވާ ޗެނަލްއެއްގެ ގޮތުގައި އީމެއިލް ހުއްޓާލާއި އޮތެންޓިކޭޓަރ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖައްސާފަ. އަދި މިއަހަރު ތެރޭ ކިއުއާރު ޕޭމަންޓްތަކާ ގުޅޭ ސްކޭމްތައް އިތުރުވުމާއެކު މިވަނީ ކިއުއާރު ޕޭމަންޓްތަކަށްވެސް ލިމިޓްތަކެއް ކަނޑައަޅާފައި".

ސައީދު ވިދާޅުވީ، މިކަން މިގޮތަށް ހެދިޔަސް އަދިވެސް އެ ބޭންކްއަށް ހުށަހެޅޭ މައްސަލަތަކަށް ބަލާއިރު ލިންކްތަކަށް ފިތައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑް ކޮމްޕްރޮމައިޒްވެފައި ހުރި ކަމަށް ފާހަގަވެފައިވާ ކަަމަށެވެ. އަދި ކާޑުގެ މައުލޫމާތު ޖަހަން ފޮނުވާ ލިންކްތަކުން ވަދެވޭ ސައިޓްތަކުގައި ކާޑުގެ ޑީޓެއިލްވެސް ޖަހާފައި ހުންނަ ކަމަށް ވިދާޅުވިއެވެ.

"މި ހިސާބުން ސްކޭމް ހިންގާ ފަރާތްތަކަށް ކާޑުގެ ޑީޓެއިލްވެސް ލިބޭ.ކާޑުގެ ޑީޓެއިލް ލިބުމުން އޮތެންޓިކޭޓަރ އެޕް އަޅައިގެން އޮޓީޕީ ބޭނުންކޮށްގެން މުއާމަލާތްކޮށްފައި އެބަހުރި. އަދި ހަމައެހެންމެ ބައެއް މައްސަލަތަކަށް ބަލާއިރު އީ ސިމް ބޭނުންކޮށްފައިވެސް އެބަހުރި. އަދި މީގެ އިތުރުން މި މައުލޫމާތުތައް ބޭނުންކޮށްގެން އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ސެޓިންގ ހަދާފައިވެސް ހުރޭ. އެހެންކަމުން އަނެއްކާވެސް އީމެއިލް އަށް އޯޓީޕޭ ގެނެސް މުއާމަލާތްކުރުމުގެ ފުރުސަތު އެބަ އޮވޭ".

ބީއެމްއެލް އިން ވަނީ އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އަދި ޕާސްވޯޑްވެސް އަދި ހަމައެހެންމެ ކާޑުގެ މައުލޫމާތުވެސް ސައްހަ ނޫން ވެބްސައިޓްތަކުގައި ބޭނުން ނުކުރުމަށް އަދި ގޮތް ނޭނގޭ ލިންކްތަކަށް ނުފިތުމަށް އިލްތިމާސްކޮށްފައެވެ.

އަދި ބޭންކުން ކެނޑިނޭޅި ކަސްޓަމަރުންގެ އެކައުންޓުން ހިންގާ މުއާމަލާތްތަކުގެ އެލާރޓް އެސްއެމްއެސް މެދުވެރިކޮށްނާއި ޕުޝް ނޯޓިފިކޭޝަން މެދުވެރިކޮށް ފޮނުވަމުންދާކަންވެސް ފާހަގަކޮށްލެެވެއެވެ.

ބީއެމްއެލް އިން ވަނީ އިންޓަރނެޓް ބޭންކިންގ ކޮމްޕްރޮމައިޒްވެފައިވާ ކަމަށް ޝައްކު ކުރެވޭނަމަ ޕާސްވޯޑް ބަދަލުކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރިސާރޗް

    ކަސްޓަމަރުންގެ އަތުގައި ހުންނަ މައުލޫމާތު ކަސްޓަމަރަށް އޮޅުވައިލައިގެން ލިންކެއް ފޮނުވައިގެން ހޯދައިގެންް ސްކޭމް ކުރުން ހުއްޓުވޭނެ ، ކޮންމެ އެކައުންޓަކަށްވެސް އެކްސެސް ވެވޭ ޑިވައިސް ރަޖިސްޓްރީކޮށް އިތުރު އެއްވެސް ޑިވައިސް އަކުން ނުވެވޭ ގޮތަށް އިންޓަރނެޓް ބޭންކިން ސިސްޓަމް ބަދަލު ކުރަންވީ..

    20
    2
    • ގަމާރު

      ރަޖިސްޓްރީ ކުރާ ޑިވައިސް ހަލާކުވީމަ އޭރުން ހުންނާނީ ރާކަނިމަސް ކެވިފަތާ

      6
      7
    • ނަރީޝް(ޑެޕިއުޓީ މޭޔަރު ފުރޮމް މާލޭސިޓީ)

      ދޮންކަލޯ! މިރާއްޖޭގަ ގިނައީ ދެއިރު ދެދަޅަޔަށް ތިޔަބުނާ ޑިވައިސް ބަދަލުކުރާމީހުން! އަލައް ފޯނެއް ބާޒާރައް ނުނިކުމެގެން ތިބޭނީ ހަމަ ނިކުންނައިރަށް ދަރާވިކިގެންވެސް ޑިވައިސް ބަދަލުކޮށްލާމެ!

      8
      1
    • އޯޓީޕީ

      އޯޓީޕީ ލެބެން ޖެހޭ މޮބައިލް ނަމބަރ
      އޯޓީޕީ ލިބެންޖެހޭ ޑިވައިސް މެކް އެޑްރެސް
      އޯޓީޕީ ލިބެންޖެހޭ ގައުމު (އައިޕީ ރޭންޖް)

      މިކަންކަން އާއްމުކޮށް ރާއްޖޭގައި އުޅޭ ހުރިހާ ފަރުދުންނަށް ހަދައި ދިނުމުން ތިކަން ނިމިދާނެ.

  2. އިބްރާހިމް މަނިކު

    ކިތަންމެ ބަދަލެއް ގެނަޔަސް އޯޓީޕީ ދޭހާ އިރަކު މިކަމަށް ހައްލެއް ނެތް.

  3. މާސްޓަރ.

    އަދި ބީ.އެމް.އެލް އިން ލާރިއެއް ގެއްލޭ އިރަށް އެއީ މައްސަލައެއް ނޫންކަމަށް ހަދަން ބޭރުގައުމުތަކުން ގެއްލޭވާހަކަ ކިޔަން ފަށާނެ. އެގައުމުތަކުން ގެއްލުނީމަ އަޅާ ފިޔަވަޅާއި އެކަން ކުރާ މީހުންނަށް ދޭ އަދަބުގެ ވާހަކަވެސް ދައްކާނަމަދޯ. ބޭކާރު ވާހަކައެއް ދައްކާނެކަމެއްނެތް. އެންމެ ރުފިޔާއެއްވެސް ކަސްޓަމަރަށް ނޭންގި ބޭންކުން ގެއްލިގެން ނުވާނެ. މޮޮޅުވާހަކައިން އެއީ މައްސަލައެއް ނޫންކަމަށް ޢާއްމުންނަށް ވިސްނައިދޭން އުޅޭނެ ކަމެއް ނެތް.

    15
    1
  4. ހޭލާ

    ދުވަހަކުވެސް އެއްވެސް ބޭރުގެ ސައިޓަކުން މުޢާމަލާއި ނުކުރާ ފަރާތަކުންވެސް މި މަައްސަލަ ދިމާވޭ.

    • މޫސް

      ބީއެމްއެލް މީހުން މަޑުންތިބޭ އަހަރެމެން ރުޅިނާރުވާ

  5. ނަނަނަ

    ބީއެމްއެލް ގެ ނަމުގަ އަންނަ މެސެޖް ތަކަށް ބޭންކުން ޒިންމާ ނަގަން ޖެހޭނެ.. ކޮން ބޭރު ގައުމެކޭ ކިޔާކަށް..

  6. ނަނަނަ

    ބީއެމްއެލް ގެ ނަމުގަ އަންނަ މެސެޖް ތަކަށް ބޭންކުން ޒިންމާ ނަގަން ޖެހޭނެ.. ކޮން ބޭރު ގައުމެކޭ ކިޔާކަށް.. މީ ބޭންކަށް ބޯ ދަމައިގަނެވޭނެ ކަމެއް ނޫން. އެހެންވެ ކޯޓަށް މި މައްސަލަ ވައްދަން ވަރަށް ސީރިއަސްކޮށް އެބަ ވިސްނަން.. ހިތުން ބޭރު ގައުމަތަކޭ ކިޔައިގެން ފޭކް ވާހަކަ ދައްކާ މަވޯޓާ ލައްވާ ކަސްޓަމަރުންނޭ ކިޔައިގެން ޕީއާރ ޖައްސަނީ ވާނުވާ ނޭނގޭ ކަމަށްތަ؟

    12
  7. ނަން

    އޯޓީޕީ އޭ ސޯޓޭ. މުންޖެކޭ ކިޔާނެ ކަމެއް ނެތް. ތި ބޭންކަށް ޖަމާކުރާ ލާރި ގެއްލެނީ، . ގާބިލްކަން ނެތިއްޔާ ޗެކް ފޮތްގަޑު ދީފަ ފިންގަރ ޕްރިންޓް ޖަހާގެން ދޫކުރާގޮތަށް ހަދާ،

    10
  8. ކާމިލް ދަރްމެން

    އެހެން ބެންްކް ތަކުން ކީއްވެބާ ތިހެން ނުވަނީ؟ ހަަމައެކަނި ބިއެމްއެލް ގެ ކަސްޓަމަރުންނަށް ވާގޮތެއްތަ؟ ސެކިއު ރިޓީ ކަޑަވެ އެތެ ރޭގައި ވަގު ސްޓާފުން އުޅޭކަމަކަށް އެއްބަހެއްނުވާނެ

    16