ގދ. ފަރެސްމާތޮޑާގައި ތަރައްގީކޮށްފައިވާ އެއާރޕޯޓު ސަރަހައްދުގައި ގެސްޓު ހައުސް ހަދަން ގިނަ ބިންތަކެއް ކުއްޔަަށް ދޫކުރަން ނިންމައިފިއެވެ.

ފަރެސްމާތޮޑާ އެއާރޕޯޓު ހިންގާ ރީޖަނަލް އެއާރޕޯޓްސް ކޮމްޕެނީން އިއްޔެ ކުރި އިއުލާންގައި ބުނީ ގެސްޓު ހައުސް ހަދަން 18 ބިމެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް ދޫކުރަން ނިންމި ބިންތަކުގެ ސައިޒެއް ހާމަ ކޮށްފައެއްް ނުވެއެވެ.

ރީޖަނަލް އެއާރޕޯޓްސްއިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެކަން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ފަރެސްމާތޮޑާ އެއާރޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ އިއުލާން ކުރެއްވި މަޝްރޫއެކެވެ. ނިމިދިޔަ ޕީޕީއެމް ސަރުކާރުގައި ފަރެސްމާތޮޑާ އެއާރޕޯޓުގެ އަމަލީ މަސައްކަތް ވެސް ފެށިއެވެ. އެކަމަކު ވެރިކަން ބަދަލުވުމާއި ގުޅިގެން ތަފާތު އެކިއެކި ސަބަބުތަކާ ހުރެ، އެ މަޝްރޫއު ލަސްވެގެން ދިޔައީއެވެ.

އެންމެ ފަހުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި އެއާރޕޯޓު ނިންމައި ހުޅުވާފައި ވަނީ މިދިޔަ މާޗު މަހު އެވެ.

ޖުމްލަ 144.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 1200 މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އަކާއި އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކޮށްފައި ވެއެވެ. އެއާޕޯޓް އަޅަން ބިން ހިއްކުމުގެ މަސައްކަތްކޮށްފައިވަނީ ގަލްފް ކޮބްލާ ޓެންސާ ކުންފުނިންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 2.5 މިލިއަން ޑޮލަރު (38 މިލިއަން ރުފިޔާ) އަށެވެ.

ފަރެސްމާތޮޑާ އެއާރޕޯޓު ހުޅުވާލާފައިވާއިރު، މޯލްޑިވިއަން އިންވަނީ އެ އެއާރޕޯޓަށް ދަތުރުތައް ފަށައިފައެވެ.