ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރް.އޭ.ސީ.އެލް) އިން އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގ (އޭއާރްއެފްއެފް)ގެ ބޭސިކް ކޯސް ޓްރޭނިންގ ކޯސް ފަށައިފިއެވެ.

މިއީ އެ ކުންފުންޏާއި އަލަށް ގުޅުނު ފަޔަރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ބޭސިކް ލެވެލްގެ ކޯހެކެވެ. މަސް ދުވަހުގެ މި ކޯހުގައި ޖުމްލަ 20 ދަރިވަރުން ބައިވެރިވެފައިވެއެވެ.

އާރްއޭސީއެލްއިން ބުނީ އެ ކުންފުނިން ހިންގާ އެއަރޕޯޓްތަކުގައި އަމަލުކުރުމަށް ގާއިމްކޮށްފައިވާ އެއަރޕޯޓް އިމަޖެންސީ ޕްލޭން (އޭއެސްޕީ)އަށް އަމަލުކުރަން ދަސްކޮށްދިނުމުގެ އިތުރަށް އެއަރޑްރޯމްގައި (މަތިންދާބޯޓު އޮޕަރޭޓް ކުރާ ސަރަހައްދު) ދިމާވެދާނެ އެކިއެކި އަލިފާނާއި ގުޅުންހުރި ހާދިސާތަކުން ރައްކާތެރިވެ ސަލާމަތްވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ގާބިލުކަން މި ކޯހުގެ ބައިވެރިންނަށް ދޭނެ ކަމަށެވެ.

އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގގެ ބޭސިކް ކޯސްގެ ތެރެއިން: ފޮޓޯ: އާރްއޭސީއެލް

މި ކޯހުގައި ބައިވެރިން ޕްރެކްޓިކަލް އަދި ތިއަރީއިން އިމްތިހާނުކުރެވިގެންދާއިރު، އާރްއޭސީއެލްގެ ޓްރެއިނަރުުންނަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހުއްދަ ލިބިފައިވާ ތަޖުރިބާ އަދި ގާބިލުކަން ހުރި އިން ހައުސް ޓްރެއިނަރުންގެ ޓީމެއްގެ ގޮތުގައި އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ރާއްޖޭގެ އޭވިއޭޝަން ދާއިރާ ހަރުދަނާކޮށް އަދި ފުޅާކުރުމަށް ބޭނުންވާ ތަމްރީންތައް އޭވިއޭޝަން ސިނާއަތަށް ފޯރުކޮށްދިނުމަކީ އާރްއޭސީއެލްގެ ވަރަށް ބޮޑު އަމާޒެކެެވެ. މިގޮތުގެ މަތިން ކުންފުނިން ދަނީ ޓްރެއިނިންގ އެކަޑަމީއެއް ގާއިމްކުރުމުގެ ތައްޔާރީތައް ވަމުން ކަމުގައި އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ.

އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރ ފައިޓިންގގެ ބޭސިކް ކޯސްގެ ތެރެއިން: ފޮޓޯ: އާރްއޭސީއެލް

އަދި ކުރިއަށް އޮތް ތަނުގައި ކުންފުނިން ހިންގާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެހެން ކުންފުނިތަކާއި ޢާންމުންނަށް ހުޅުވިގެންދާނެކަމަށްވެސް އާރްއޭސީއެލްއިން ބުނެފައިވެއެވެ.

ރާއްޖޭގައި ގާއިމްކޮށްފައިވާ ހަމައެކަނި އެއަރޕޯޓް ފަޔަރ ސިމިއުލޭޓާވެސް ގާއިމުކުރެވިފައިވަނީ އާރްއޭސީއެލް ކުންފުނިން ހިންގާ ހޯރަފުށި އެއަރޕޯޓްގައެވެ.