ހއ ހޯރަފުށީ އެއާޕޯޓަށް ރޭގަނޑުގެ ދަތުރުތައް ފަށައިފިއެވެ.

އެގޮތުން ރޭ ޖެއްސި ފުރަތަމަ ފްލައިޓްގައި ވަނީ މާލެއިން ސަރުކާރުގެ އިސް ބޭފުޅުން ހިމެނޭހެން ވަފުދެއް ވަޑައިގެންވިއެވެ. މި ވަފުދުގައި ހޯރަފުށީ ދާއިރާގެ މެންބަރ އަހަމަދު ސަލީމްއާއި ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓާރ މުހައްމަދު ރިޒްވީ އަދި ހޯރަފުށީ ކައުންސިލް ގެ ރައީސް މުހައްމަދު ވަހީދު ހިމެނިވަޑައިގަންނަވައެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ނިކުމެ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކުރީގައި ވެސް ރޭގަނޑު ދަތުރު ފެށުމައް ރާވަމުން ދަނިކޮށް އެ ސަރަހައްދައް ރާޅުއެރުމުގެ ސަބަބުން ވަނީ އެ މަސައްކަތް މަޑުޖައްސާލާފައެވެ. އަދި އެމްޓީސީސީއާއި ރިވެޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ދުވާލަކު 3 ފްލައިޓު ހޯރަފުށީ އެއާޕޯޓުގައި ޖައްސާކަމަށް އެރަށުގެ ކައުންސިލުން މައުލޫމަތު ދެއްވައެވެ،

މި އެއާޕޯޓު ފުރަތަމަ ހުޅުއްވައި ދެއްވީ 19 ނޮވެމބަރު 2019 ވަނަ ދުވަހު ރައީސް ޞާލިހް އާއި ޓްރާންސްޕޯޓު މިނިސްޓާރ ޢާއިޝަތު ނަހުލާއެވެ.

ރޭގަނޑު ދަތުރުތަކުގެ ސަބަބުން އިހަވަންދައްޕޮޅު ރައްޔިތުންނަށް ވަރަަށް ބޮޑު ލުޔެއްވާނެކަމަށާއި ފަތުރުވެރިކަމަށްވެސް ކުރިއެރުން ލިބިގެން ދާނެ ކަމަށް ރީޖަނަލް އެއާޕޯޓުގެ މެނޭޖިން ޑިރެކްޓާރ މުހައްމަދު ރިޒްވީ ވިދާޅުވިއެވެ.