މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަހަރުު ޙައްޖަށް ދާން ހޮވުނު ފަސް މުވައްޒަފުންނަށް އެކަމުގެ ލިޔުން މިއަދު ހަވާލުކޮށްފިއެވެ.

2019 ވަނަ އަހަރު ކޮވިޑާއި ގުޅިގެން، ކުންފުނީގެ ޚަރަދުގައި މުވައްޒަފުން ހައްޖަށް ފޮނުވުން މެދުކަނޑާލާފައި އޮތުމަށްފަހު، އަލުން މުވައްޒަފުން ހައްޖަށް ފޮނުވުމަށް ނިންމައި، މުވައްޒަފުންނަށް ލިޔުން ހަވާލުކޮށްފައިވަނީ މިއަދު ހުޅުލޭ އައިލަންޑް ހޮޓެލްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ލިޔުން މުވައްޒަފުންނާއި ހަވާލުކޮށްދެއްވާފައިވަނީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މަހްޖޫބު ޝުޖާއުއެވެ.

ފޮޓޯ: އެމްެއޭސީއެލް

އެމްއޭސީއެލްގެ ޙައްޖު ސްޕޮންސަރޝިޕަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުންފުނީގައި ގިނަ ދުވަހު މަސައްކަތް ކުރަމުންދާ ހީވާގި މުވައްޒަފުންނަށް އެމީހުންގެ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ދެވޭ ސްޕޮންސަރޝިޕެކެވެ. ކޮވިޑާއި ގުޅިގެން މެދުކެނޑިފައި އޮތުމަށްފަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދެވޭގޮތްވުމާއިއެކު، މިދިޔަ އަހަރުން ފެށިގެން ޙައްޖު ކޯޓާ ހޯދުމަށް އެމްއޭސީއެލް އިން ކަމާ ބެހޭ ފަރާތްތަކާއެކު ދިޔައީ މަޝްވަރާކުރަމުންނެވެ. މި ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒަށް، ރިޒާވްކޮށްފައިވާ ކޯޓާގެ ތެރެއިން، އެމްއޭސީއެލްއަށް ވަނީ ފަސް ޖާގަ ހަމަޖެހިފައެވެ.

ފޮޓޯ: އެމްއޭސީއެލް

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، އިބްރާހިމް ތޯހާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމާއި ތަރައްޤީއަށް އަދި އެހެނިހެން ފުރުސަތުތައް ހޯދައިދިނުމަށްވެސް ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، މުވައްޒަފުން ޙައްޖަށް ފޮނުވުމުގެ ސްޕޮންސަރޝިޕަކީވެސް މިގޮތުން ފާހަގަކުރެވޭ ކާމިޔާބީއެއް ކަމަށް ތޯހާ ވިދާޅުވިއެވެ.

މި އަހަރު ޙައްޖު ދަތުރަށް ޖާގައިގެ ފުރުޞަތު ދިނުމުގައި ކުންފުނިން ބަލާފައިވަނީ ކުންފުންޏަށް އެންމެ ގިނަ ދުވަހު ޚިދުމަތް ކޮށްފައިވާ މުވައްޒަފުންގެ ތެރެއިން، ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް އެކަށައަޅާފައިވާ ޝަރުތުތައް ހަމަވާ މުވައްޒަފުންނަށް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.