މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ "މުވައްޒަފުންގެ ސްކީމް"ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައިވެރިވެއްޖެއެވެ.

އެމްޕީއެލް އިން ވިދާޅުވީ އެ ކުންފުނީގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޑިޕާޓްމެންޓުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން އެމްޕީއެލްއިން "މުވައްޒަފުންގެ ސްކީމް"ގައި ބައިވެރިވެ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެކަމަށްޓަކައި މިއަދު އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ނަޖީލް އަހުމަދެވެ. އަދި އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ސީއީއޯ ޝާހިދު އަލީއެވެ.

އެމްޕީއެލް އިން ހާމަކުރެއްވިގޮތުގައި މި ސްކީމްގައި ވައިވެރިވާ މުވައްޒަފުން ހައްޖާއި އުމްރާއަށް ދިއުމަށް ކޮންމެ މަހަކުވެސް މުސާރައިން ވަކި އަދަދެއް ކަނޑާނެއެވެ. އަދި ސްކީމަށް މުސާރައިން ކަނޑާ އަދަދު ކަނޑައަޅާނީ އެ މުވައްޒަފެއް ކަމަށްވެސް އެމްޕީއެލް އިން ހާމަކުރެއްވިއެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އެމްޕީއެލް އިން ދަނީ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން ކޮންމެ އަހަރަކުވެސް މުވައްޒަފުން ހައްޖާއި އުމްރާއަށް ފޮނުވަމުންނެވެ. އެގޮތުން މި އަހަރުވެސް އެ ކުންފުނިން ވަނީ ތިން މުވައްޒަފުން ހައްޖަށް ފޮނުވައިފައެވެ.