ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އޮންނަ އޮތުން ނިމުމަކަށް ގެނެސް، މިފްކޯ "ނެޝަނަލައިޒް" ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ މިފްކޯއާ ގާތުން މަސްވެރިން މަސައްކަތް ކުރުމަށާއި މިފްކޯގައި މަސްވެރިންގެ ދައުރު އިތުރު ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ވަރަށް ބޮޑަށް އޮތް ކަމެއް ކަމަށެވެ. އެ މަގަށް ވާސިލްވުމަށްޓަކައި މިހާރު ވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

އެއް ކަމެއްގެ ގޮތުގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންފައި ވަނީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮންނަ އޮތުން ނިމުމަކަށް ގެނައުމެވެ. މިފްކޯ ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގާ ނަމަ ފައިދާތަކެއްވެ، މަސްވެރިންނަށް ވެސް ރަނގަޅު ކަންތައްތަކެއް ވާނެ ކަމުގައި ޝިޔާމް ވިދާޅުވިއެވެ. އެކަމުގައި މިފްކޯ އާއި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

މިހާތަނަށް އައިއިރު، މިފްކޯ އާއި އެސްޓީއޯ އާއި ފިނޭންސް މިނިސްޓްރީ އަދި ފިޝަރީޒް މިނިސްޓްރީ ހިމެނޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ކަރުދާހެއް ހުށަހަޅާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުއްވީ، އެ ބަދަލު ވީހާވެސް އަވަހަށް ގެންނެވުމަށް ރައީސް މުއިއްޒު ބޭނުންފުޅުވުމުންނެވެ.

ޝިޔާމް "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ޝިޔާމް ވިދާޅުވީ އެސްޓީއޯ އިން މިފްކޯ އަށް ތެޔޮ ފޯރުކޮށްދެމުން އަންނަ އިރު، މިފްކޯ އިން ދައްކަން ޖެހޭ ބިލްތަކެއް ވެސް ނުދައްކާ އެބައޮތެވެ. އެހެންވެ، މިފްކޯ ވަކި ކުންފުންޏަކަށް ބަދަލު ކުރާ އިރު، މި ހުރިހާ ކަމެއް ވެސް ހައްލު ކުރައްވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ އޮންނަތާ ވަރަށް ގިނަ އަހަރުތަކެއްވެއްޖެ. އެހެންކަމުން އެސްޓީއޯ އިން މިފްކޯ އަށް ތެޔޮ މި ފޯރުކޮށްދެނީ. ބައެއް އައުޓްސްޓޭންޑިން އެބަހުރި އެސްޓީއޯ އަށް ދައްކަން ޖެހޭ. ހަމަ ބޮޑު އަދަދެއް އެބައޮތް. ދެން އެކަންތައްތައް ކުރާނެ ގޮތަކާއި ކޮން ގޮތަކަށްތޯ މިކަންކަން ނިންމައި މިފްކޯ އޭގެ ޒާތުގައި އަމިއްލައަށް، އަނެއްހެން ދަންނަވާ ކަމުގައިވާ ނަމަ، މިފްކޯ ނެޝަނަލައިޒް މި ކުރެވެނީ،" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިފްކޯއާ އެކު މަސްވެރިން މަސައްކަތް ކުރާނެ މާހައުލެއް ގާއިމު ކުރައްވާނެ ކަމަށެވެ. މިފްކޯ ފުޅާ ކުރުމަށް ގިނަ ކަންކަން ކުރަން ހުރި ކަން ފާހަގަ ކުރައްވައި ޝިޔާމް ވިދާޅުވީ އޭގެތެރޭގައި ކޭޝްފްލޯ ރަނގަޅު ކުރުމާއި ބޮޑުކަންނެލި މިފްކޯ އަށް ގަތުމާއި ކަނޑުއޮއްގިރި އޮޕަރޭޝަނަށް ގެންނަން ޖެހޭ ކަމަށެވެ.

"ބޮޑު ކަންނެލި ގަތުމަށްޓަކައި ކަނޑުއޮއްގިރި އޮޕަރޭޝަނަށް ގެނެސްގެން މިފްކޯގެ ދައުރު ފުޅާވެގެން އަދި މި ދަންނަވާހެން މިފްކޯ ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށްޓަކައި އެއްކަލަ މާހައުލު އުފައްދައި މިދެނީ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންނާ އެކު އަހަރަކު ދެ ފަހަރު ބައްދަލުކޮށް މަޝްވަރާ ކުރި ކަމުގައި ވިޔަސް، މިފްކޯގެ އޮޕަރޭޝަންގައި ހުރި ކަންބޮޑުވުންތައް ހައްލުވާނެއެވެ. އޭރުން ޝަކުވާތައް ރަނގަޅަށް އަޑުއެހި، އެ ޝަކުވާތަކަށް ދޭން ޖެހޭ ހައްލު ގެނެސްދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވާހަކަ ދައްކާ މާހައުލަކަށް ވުރެ ބޮޑަށް ކަންކުރާ މާހައުލަކަށް އެ މާހައުލު ނޫނީ ޕްލެޓްފޯމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ގާއިމުކުރާނަން،" ޝިޔާމް ވިދާޅުވިއެވެ.