ރާއްޖެ އާއި ތުރުކީ ވިލާތާއި ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރައްވައިފިއެވެ.

އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ކުރިއަށްދިޔަ ރަސްމީ ވާހަކަފުޅުގެ ތެރެއިން "އެގްރީމަންޓް އޮން ޓްރޭޑް އެންޑް އިކޮނޮމިކް ކޯޕަރޭޝަން ބިޓްވީން ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރމަންޓް އޮފް ދަ ރިޕަބްލިކް އޮފް ތުރްކިއޭ" ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދެވެ. ތުރުކީވިލާތުގެ ފަރާތުން، ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓްރޭޑް ޕްރޮފެސަރ ޑރ. އޮމަރ ބޮލަޓްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ތުރުކީވިލާތުގެ ރައީސް އުރުދުޣާންގެ ކުރިފުޅުމަތީގައެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ވިޔަފާރި އާއި އިންވެސްޓްމެންޓްތައް ފުޅާ ކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަަމަށެވެ. އަދި ދެ ގައުމުގެ ވެރިން ބައްދަލުވުމުގެ ސަބަބުން އިގްތިސޯދީ ގޮތުން އެއްބާރުލުން ދިނުމުގެ އާ ޒަމާނަކަށް މަގުފަހިވެގެން ދާނެ ކަމަށް ވަޒީރު ސައީދު ވަނީ ވިދާޅުވެފައެވެ.