ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބު އުރުދުޣާން އާއި ހަމާސް ގެ ލީޑަރު އިސްމާއިލް ހަނިއްޔާ ބައްދަލު ކުރައްވައިފިއެވެ.

އިސްތަންބޫލް ގައި ބޭއްވި ދިގު ބައްދަލުވުމަށް ފަހު އުރުދުޣާން ވަނީ އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަ ވުމަށް ގޮވާލައްވާފައެވެ.

"މި ހާލަަތުގައި ފަލަސްތީނުގެ ރައްޔިތުން އެއްބައިވަންތަވެ އެކަތިގަނޑަކަށްވުން ވަރަށް މުހިންމު. އިސްރާއީލަށް ދެވޭނެ އެންމެ ބޮޑު ރައްދަކީވެސް އަދި ކާމިޔާބީގެ މަގުވެސް ވަނީ އެއްބައިވަންތަކަމާއި ނަޒާހާތްތެރިކަމުގައި." ހަނިއްޔާ އާއި ބައްދަލުކުރެއްވުމަށްފަހު އުރުދުޣާން ވިދާޅުވެފައި ވެއެވެ.

އިރާނާއި އިސްރާއީލާއި ދެމެދުގެ މަސްރަހު ވެސް ހޫނުވެފައި ވާއިރު، އުރުދުޣާން ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ވީ ކަންތަކާއި ހެދި އިސްރާއީލަށް އިތުރު ކާމިޔާބީ ލިބުނަ ދީގެން ނުވާނެ ކަމަށާއި، ޣައްޒާގެ މައްސަލައިން ސަމާލުކަން ނުގެއްލޭނެ ގޮތަކަށް ހަރަކާތްތައް ބެހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

ލިބޭ ކޮންމެ ފުރުސަތެއްގައިވެސް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށާއި، ޣައްޒާގައި ފަަލސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކަން ބައިނަލު އަގުވާމީ މުޖުތަމައުގެ ސަމާލުކަން ހޯދަން ޑިޕްލޮމެޓިކް ގޮތުން ހުރިހާ މަސައްކަތެއް ތުރުކީން ކުރާނެ ކަަމަށް ވެސް އުރުދުޣާން ވަނީ ވިދާޅުވެފައެވެ.

2011 ވަނަ އަހަރުން ފެށިގެން ހަމާސް ގެ އޮފީހެއް ތުރުކީވުލާތުގައި ހުރެއެވެ. އޭރުއްސުރެ ހަނިއްޔާ ވަރަށް ގިނައިން ތުރުކީ އަށް ޒިޔާރަތް ކުރައްވާ އިރު، އުރުދުޣާން ގެންދަވަނީ ހަނިއްޔާ އާއި ހަމާސް އާއި އެކު ގުޅުންތައް ދަމަހައްޓަވަމުންނެވެ.

"އަހަރެން، ތޮއްޔިބު އުރުޣާން އެކަނި ހުރި ނަމަވެސް، މާތްރަސްކަލާނގެ އަހަރެންގެ ފުރާނަ ނުގެންދަވާހާ ހިނދަކު އަހަރެން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ދިފާއުކޮށް، އަޅުވެތިވެފައިވާ ފަަލަސްތީނުގެ ރައްޔިތުންގެ އަޑު ކަމުގައި ވުން މަތީ ދެމިހުންނާނަން." ހަނިއްޔާގެ ޒިޔާރަތް އިއުލާން ކުރައްވަމުން އުރުދުޣާން ވިދާޅުވެފައި ވެއެވެ.

އިސްރާއިލުން ދިން އަނިޔާވެރި ހަމަލާއެއްގައި ހަނިއްޔާގެ ދަރިންނާއި ކާފަދަރިން ޝަހީދު ކޮށްލާފައިވުމުން އުރުދުޣާން ވަނީ ހަނިއްޔާއަށް ތައުޒިޔާ ވެސް ވިދާޅުވެފައެވެ.

އިސްރާއީލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އިސްރާއީލަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ލީޑަރަކީ ތުރުކީގެ ރައީސް އުރުދުގާނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހަސަނު

    މިއީ އިސްލާމުންގެ ގޮތުގައި ތިބެއުޅެންޖެހޭގޮތަކީ... ރައީސުލްފަޚާމާ އުރުދޮގާނަށް ދިގު ޢުމުފުޅަކާ ބާއްޖަވެރިކަމަށްއެދި ދުޢާކުރަން. އާމީން.

    13
  2. ހަސަން

    މުސްލިމުންގެ ސަލާމަތާއިރައްކާތެރިކަމަށް ހަތިޔާރުއުފުލުމާއި އެކަމަށްވާގިވެރިވުމުގެ އިންސާނީހައްޤު އޮންނަންޖެހޭނެ!

  3. އަށްޒާމު

    އުރުދުގާން އަކީ ހުސްއަނގަ ތަޅާ ތާކުން ތާކުން ނުޖެހޭ ފިނޑިއެއް މުނާފިގެން ބޮޑުއަނގައެއް އުރުދުގާންގެ ނެތް އެއްވެސް އުރަށްޕެތް ބަލާއެއް ތިޔަ އުރުދުގާނަކީ ހުދު މުހުތާރު ވެރިއެއް މިކަހަަލަ މުނާފިގުން ލަށްވާނީ ނަރަކައިގަ އަޑީގައި

  4. ނަޞްރުﷲ

    އައްޒާމަށް މާތްﷲ ތެދުމަގު ދައްކަވާށި!
    ޚަވާރިޖުންގެ ނުރައްކާ ފިކުރުން ސަލާމަތް ކުރައްވާށިއެވެ!
    ތުރުކީގެ ރައީސް ބޭނުންފުޅު ވިޔަސް ތުރުކީގެ އަސްކަރިއްޔާއާއި ސިފައިން އެހެން ގައުމަކާ ހަނގުރާމައަށް ނުފޮނުވޭނެ ކަމުގާ ވިސްނެއެވެ. ފަލަޞްތީނަކީ އަދިވެސް އދ.ގެ ގައުމެއްގެ ގޮތުގާ ނުހިމެނޭ ބައެކެވެ. އެހެން ކަމުން ތުރުކީއަކީ ނޭޓޯގެ ބައިވެރި ލަޝްކަރެއް އޮތްގައުމަކަށް ވުމާއި އެގައުމުގެ އަސްކަރިއްޔާއަކީ ސަރުކާރަށްވުރެ ނުފޫޒުގަދަ ބަޔަކަށް ވުމުން ސަރުކާރުން ބޭނުން ވިޔަސް އެކަން ނުވާނެތީއެވެ.. އެ ލަޝްްކަރު ތަބަޢަވާ އެއްބަސްވުން ތަކާއި މުޢާޙަދާތައް ހުންނާނެ ކަމުގާ ވެސް ގަބޫލުކުރަން ޖެހެއެވެ. ތުރުކީގެ ސަރުކާރަށް ވިޔަސް އެހެން ގައުމެއްގެ ސަރުކާރަކަށް ވިޔަސް ފަލަޞްތީނުގެ ދިފާޢުގާ އިޒުރޭލާ ދެކޮޅަށް ލަޝްކަރެއް ފޮނުވޭން ފުރުޞަތު ނެތީކަމުގާ ބުނަން ޖެހެއެވެ. ކުރެވޭނެ ކަންތަކަކީ މުޖާހިދުންނަށް ސިއްރިޔާތުގާ ހަތިޔާރާއި މަދަދު ދިނުން ކަމުގާ ވާތީވެ އެކަން ކުރާނެ ކަމުގާ ގަބޫލު ކުރަންޖެހެއެވެ. އެއީ ޔުކުރޭނުގާ އެކުރާ ހަނގުރާމައަށް ނޭޓޯ ނުވަތަ އެމެރިކާ އަދި އީޔޫ ގެ ސިފައިން ހަނގުރާމަކުރަން ފާޅުގާ ބައިވެރި ނުވާ ފަދައިންނެވެ.
    މި ގައުމުގާ އެއްބަޔަކު ހަމާޒް ޖަމާޢަތަކީ ޝިޢަޢީން ކަމުގާ ބުނެ އެމީހުން ކާފަރު ކުރާފަދައިން އައްޒާމު އުރުދުޢާން ވެސް ކާފަރު ކުރީ އެކަމުގެ ބުރަދަން ނުވިސްނޭތީ ކަމުގާ ގަބޫލު ކުރަމެވެ. ރުޅީޔާ ޖަޒުބާތުގެ ވަގުތުގާވެސް ރީތި އަޚުލާގު ދައްކަވަން މަސައްކަތް ކުރައްވާށެވެ!