ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާގެ ރަފާހަށް އެއްގަމު މަގުން އަރާނެ ކަން އިއުލާން ކުރުމުން ޣައްޒާ އާއި ބޯޑަރު ހިއްސާކުރާ މިސްރުން ބޯޑަރު ސަރަހައްދުގައި ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފިއެވެ.

މިސްރުގެ މީޑިއާތަކުން މައުލޫމާތުދޭ ގޮތުގައި ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާގެ މި ނިންމުމާއި ގުޅިގެން ރަފަހް ގައި ވަރުގަދަ ހަނގުރާމައެއް ހިނގާނެ ކަމަށް ބަލައި މިސްރުން ވަނީ އެ ގައުމުގެ ބޯޑަރު ސަރަހައްދަށް އަސްކަރިއްޔާގެ ސިފައިން ޖަމާކުރަން ފަށާފާއެވެ. މިސްރުގެ އަސްކަރިއްޔާ އިން މިހާރު ވަނީ ރަފަހް އާއި ޖެހިގެން އޮންނަ ސިނާއީ ޕެނިންސުލާގެ އަސްކަރީ މަރުކަޒުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަ ކޮށްފައެވެ.

މިސްރުގެ ސަރުކާރުންވަނީ މިދިޔަ ފެބްރުއަރީ މަހު ފަލަސްތީނުގެ ޣައްޒާ އާއި އެ ގައުމާއި ގުޅޭ ސަރަހައްދީ އިން ކައިރީގައި ބޮޑެތި ކޮންކުރީޓް ބުލޮކްތައް ބޭނުން ކޮށްގެން ބަފަރ ޒޯނެއް ޤާއިމުކޮށްފައެވެ.

މިސްރުގެ އަސްކަރިއްޔާ އިން މި ފަދަ ގޮތަކަށް ސަރަހައްދީ އިން ބަންދުކޮށްފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އަރައިފިނަމަ ފަލަސްތީނުގެ އެތައް ލައްކަ ރައްޔިތުންނެއް ސަލާމަތްތެރިކަން ހޯދަން މިސްރަށް ވަދެފާނެތީއެވެ.

މިސްރުން މީގެ ކުރިން ވެސް ބުނެފައިވަނީ ފަލަސްތީނުގެ ރައްޔިތުން ރެފިއުޖީންގެ ގޮތުގައި އެ ގައުމަށް ނުވަތަ އެހެން ގައުމަކަށް ދިޔުން އެއީ ދާއިމީ ހައްލެއް ނޫން ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުން ތިބެންވާނީ ފަލަސްތީނުގެ ބިމުގައި ކަމަށާއި އިސްރާއީލުން ހަމަލާތައް ހުއްޓާލަން ޖެހޭ ކަމަށް ކުރިން ވެސް މިސްރުން ވަނީ ބުނެފައެވެ.

ޔަހޫދީން ކުރިން ވެސް ފަލަސްތީނުގެ ބިންތައް ފޭރިގަނެފައި ވަނީ ހަނގުރާމަ އަށް ފަހު ފަލަސްތީނުގެ ރައްޔިތުން މިސްރަށާއި ލުބުނާންގެ އިތުރުން އުރުދުން އަށް ހިޖުރަކުރުމުން ކަމަށާއި އަނެެއްކާ ވެސް އެކަން ތަކުރާރުވިޔަ ދީގެން ނުވާނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަބްދުﷲ

    ފުރަނައަށް ނުރައްކާވާ ޙާލަތުގައި ހިޖުރަ ކުރުމަކީ އެދެވިގެންވާ ކަމެއް. ނަމަވެސް މުސްލިމުންގެ މުޤައްދަސް ބިން ދިފާޢުކުރުމަށް މުޅި އުއްމަތް އެކީގައި މަސައްކަތް ކުރަން ޖެހޭނެ. އެއީ ހަމަ އެކަނި، ފަލަސްތީނަށް ދޫކޮށްލައިގެން ތިބެންވާވަރު ކަމެއް ނޫން.

  2. މޫސަބޭ

    ސީސީއަކީ ނަތަންޔާހޫއަށް ވުރެން އަނިޔާވެރިކަން ކުޑަ މީހެއް ނޫނެވެ. މިސްރުގެ ބޯޑަރު ބަންދުކޮށްފާއެވަނީ ޔަހޫދީންގެ ހަމަލާތަކުން ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ފަނާވެ ނިމި ދިޔުމަށް ނޫންހެއްޔެވެ.

    10