ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އަށް އަމާޒުކޮށް ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި ޔަހޫދީންގެ 17 ސިފައިން ޒަހަމްކޮށްލައިފިއެވެ.

ޔަހޫދީ އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފައިވަނީ ފަލަސްތީނުގެ ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ 17 ސިފައިންނަށް އެކި ވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް އިސްރާއީލްގެ އަސްކަރިއްޔާ އިން މައުލޫމާތުދީފައިވާ ކަމަށެވެ.

އެ ނޫހުން އިސްރާއީލްގެ އަނިޔާވެރި އަސްކަރިއްޔާ އާއި ހަވާލާދީ ބުނެފައިވާ ގޮތުގައި ޒަހަމްވި ޔަހޫދީންގެ ސިފައިންގެ ތެރެއިން 3 މީހަކަށް ވަނީ ވަރަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ. އަދި ޔަހޫދީންގެ އަސްކަރިއްޔާ އިން ޒަހަމްވި ހުރިހާ ސިފައިންނަށް ވެސް އިސްރާއީލްގެ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާ ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ޖަމާއަތްތަކުން ދަނީ އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާ އަށް ދެމުންދާ ހަމަލާތައް ގިނަކޮށްފައެވެ. އަދި މިހާރު ޔަހޫދީންގެ އަސްކަރިއްޔާ އަށް އަމާޒުކޮށްދޭ ހަމަލާތައް ވަނީ ކުރިއަށް ވުރެ އިތުރަށް ވަރުގަދަ ކޮށްފައެވެ.

އެގޮތުން ޣައްޒާގައި ހަރަކާތްތެރިވާ ޔަހޫދީ ސިފައިންނަށް އިއްޔެ ދިން ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ ހަތަރު މީހުން ވަނީ މަރުވެފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތުގެ އަނިޔާވެރި އަސްކަރިއްޔާ އިން ވަނީ ފަލަސްތީނުގެ ޣައްޒާގެ ރަފަހް އަށް އެއްގަމު މަގުން އަރަން ތައްޔާރުވަމުންދާ ކަން އިއުލާން ކޮށްފައެވެ. އަދި ޔަހޫދީންގެ އަސްކަރިއްޔާ އިން މިހާރު ދަނީ ރަފަހްގައި ތާށިވެފައިތިބި ފަލަސްތީނުގެ ރައްޔިތުން އެތަން ދޫކޮށް ޣައްޒާގެ އެހެން ހިސާބުތަކަށް ބަދަލުވުމަށް އަންގަމުންނެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު މިސްރުގެ ވެރި ރަށް ޤާހިރާގައި ކުރިއަށް ދިޔަ ހަނގުރާމަ ހުއްޓާލުމުގެ ސުލްހައިގެ ވާހަކަތައް ވަނީ އަލި މަގެއް ނުލިބި ނާކާމިޔާބުވެފައެވެ.