މި އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައި ފަތުރުވެރިންގެ އަދަދަށްވުރެ %7 އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރު މި މުއްދަތާ އަޅާ ބަލާއިރު މިއަހަރު މިހާތަނަށް 45،000 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ އެވްރެޖުކޮށް ދުވާލަކު 5،600 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް އައިސްފައިވަނީ ދުވާލަކު އެވްރެޖްކޮށް 5،300 ފަތުރުވެރިންގެ މަގުން 42،000 ފަތުރުވެރިންނެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ މިމަހު 2 ވަނަ ދުވަހުގައެވެ. އެދުވަހު ރާއްޖެއަށް 6،640 ފަތުރުވެން ޒިޔާރަތްކުރިއެވެ.

މި އަހަރުގެ މިހާހިސާބަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައި ގައުމަކީ ރަޝިއާއެވެ. މިގޮތުން އެ ގައުމުން ވަނީ 7601 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެވަނަގައި އަށް 7،204 ފަތުރުވެރިންނާއި އެކު އިޓަލީ އޮތް އިރު، ތިން ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އިއިންޑިޔާއިންނެވެ. އެއީ 3،791 ފަތުރުވެރިންނެވެ.

މިދިޔަ އަހަރުގެ މުއްދަތަށް ބަލާއިރު ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އާއި އިންޑިއާ އާއި އިޓަލީންނެވެ.

މި އަހަރުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.