ސަލާމަތީ ގެރެންޓީއެއް ނެތި އެއްވެސް ޝަރުތަަކާއި ނުލައި ފަލަސްތީނުގެ ސަރަހައްދުތަކުން ފައިބަން އިސްރާއީލަށް އަމުރު ކޮށްގެން ނުވާނެ ކަމަށް އެމެރިކާއިން އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި ބުނެފިއެވެ.

އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ މައްސަލައިގައި ކޯޓުގެ ހިޔާލެއް ހޯދުމަށް ހުށައަޅާފައިވާ މައްސަލައިގައި މިހަފްތާ ކޯޓުން ދަނީ އަޑުއެހުންތައް ބާއްވަމުންނެވެ. މި އަޑުއެހުންތަކުގައި 50 އެއްހާ ގައުމުން ވަކާލާތު ކުރަން ވަނީ ހަމަޖެހިފައެވެ.

1967 ވަނަ އަހަރު ކުރެވުނު 6 ދުވަހުގެ އަރަބި-އިސްރާއީލު ހަނގުރާމައަށް ފަހު، އިސްރާއީލުން ފަލަސްތީނުގެ ބޮޑުބައެއް ހިފައިގެން އަޅުވެތިކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެނައުމަށް ކޯޓުގައި ކުރިން ވާހަކަ ދެއްކި ބައެއް ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ނަމަވެސް އިއްޔެ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުގެ އެކްޓިންގް ލީގަލް އެޑްވައިޒަރު ރިޗާޑް ވިސެކް ވާހަކަ ދައްކާފައިވަނީ މުޅީން ތަފާތު ކޮށެވެ.

”ހިފާފައިވާ ސަރަހައްދުތަކުން ވަގުތުން އަދި ޝަރުތަކާއި ނުލައި ފައިބަން ގާނޫނީ ގޮތުން އިސްރާއީލަށް މަޖުބޫރުވާކަމަށް ކޯޓުން ބުނެގެން ނުވާނެ.” ވިސެކް ބުނެފައި ވެއެވެ.

”ހުޅަނގު އައްސޭރިންނާއި ޣައްޒާއިން އިސްރާއީލު ފޭބުމާއި ދިމާލަށް ކުރެވޭ ކޮންމެ މަސައްކަތެއްވެސް ކުރުމަށް އިސްރާއީލުގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަން ޖެހޭނެ.” އޭނާ ބުނެފައި ވެއެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުގެ ސަލާމަތީ ބޭނުންތައް އެންމެނަށް ހަނދާން އާކޮށްދީފައިވާ ކަމަށާއި، އަދިވެސް އެ ބޭނުންތައް އެގޮތުގައި އެބަ ހުރި ކަމަށެވެ. އަދި އެ ކަންތައްތައް ގިނަ ގައުމުތަކަކުން އަޅާނުލައި ދޫކޮށްލާފައިވާ ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެމެރިކާ އިން ދުނިޔޭގެ ކޯޓުގައި މިފަދަ ވާހަކަތަކެއް ދައްކާފައި މިވަނީ ޣައްޒާގައި ކުރެވެމުންދާ ހަނގުރާމަ ހުއްޓާލަން ގޮވާލާ އަންގާރަ ދުވަހު އދ ގެ ސަލާމަތީ މަޖިލީހުގައި ވޯޓަށް އެހި ގަރާރެއް ވީޓޯ ކުރުމަށް ފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    އެމެރިކާ އަކީ ހުރިހާ އިސްލާމީ ގައުމެއްގެ ހަލާކު.

    32
  2. Anonymous

    އެމެރިކާތީ އިސްރާއީލްގެ ޑޯގް

    16
  3. Anonymous

    ކަލޭމެންނަށް ހަލާކުހުރި!

    18
  4. އިބްނުސީނާ

    އަންގަންވީ އެއްޗެހިވެސް، ދުނިޔޭގައި ހިންގާ އެންމެ ބޮޑެތި ގަތުލް އާއްމުތަކުގައިވެސް އެންމެ ބޮޑަށް ވާގިވެރިވެ ޓެރަރިސްޓު އަމަލުތައް ހިންގަނީވެސް މި އެމެރެކާ. މީ ދުނިޔޭގެ ހަމަ ޖެހުމަށްވެސް އޮތް އެންމެ ބޮޑު ނުރައްކާ!
    އެމެރިކާ އަދި މިހާރު އަރަބި ގައުމުތަކުގެ ވެރިން ނެތިގެން ދިޔަ ދުވަހަކުން ނޫނީ އިސްލާމީ ބޮޑެތި ގައުމުތަކަށް ހަމަ ޖެހުމެއް ނާންނާނެ.