ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ރޭ ޣައްޒާގެ ދެކުނުން އޮންނަ ރަފާހުގައި ހުންނަ މިސްކިތެއް ސުންނާފަތިކޮށްލައި، އެސަރަހައްދުން ތިން މީހަކު ޝަހީދު ކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާއެއް ކަމަށްވާ "ވަފާ" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިރުބަވެރިން ރަފާހަށް ވަނުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރޭ ވަނީ ވަރުގަދަ ހަމަލާތަކެއް ރަފާހަށް ދީފައެވެ. އެގޮތުން ދިން ވައިގެ ހަމަލާތަކުގައި އެސިޓީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

ރޭ ނިރުބަވެރިން ދިން ހަމަލާގައި ރަފާހުގެ ޝަބޫރާ ކޭމްޕް ސަރަހައްދުގައި ހުރި އަލް-ފާރޫގް މިސްކިތް ވަނީ ސުންނާފަތި ކޮށްލާފައެވެ. ބޮމުގެ ހަމަލާތަކުގެ އަޑު އެސަރަހައްދުން ކެނޑިގެން ގޮސްފައި ނުވާއިރު، މިހަމަލާތަކުގައި ރޭ އެެސަރަހައްދުން ތިން މީހަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އަދި އެތައް ހާސް ބަޔަކަށް ވަނީ ސީރިއަސް ޒަހަމްތަކެއް ލިބިފައެވެ.

ރަފާހަށް ދިން މި ހަމަލާގެ އިތުރުން ވެސް ރޭ ނިރުބަވެރިން ވަނީ ރަފާހުގެ ސަލާހް އަލް-ދިން ގޭޓް އާއި ޚާބިތް އަލް-އަދަސް ސަރަހައްދަށް ވެސް ވައިގެ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. ނަމަވެސް މިހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 30،000 އާއި ގާތް ކުރާ އަދަދެއްގެ ރައްޔިތުން ވަނީ ޝަހީދުވެފައެވެ. އަދި ޒަހަމްވި މީޙުންގެ އަދަދު މިހާރު 70،000 އާއި ގާތްކުރެއެވެ.