ސްރީލަންކާ އިން އެތެރެ ކޮށްފައިވާ އިރާނުގެ ތެލަށް އެ ގައުމުން ސައިފަތުން އަގު ދައްކައިފިއެވެ.

އިރާނާއި ސްރީލަންކާ އަށް ވެސް މިއީ ވަރަށް ފައިދާ ހުރި މުއާމަލާތެއް ކަމަށް ދެ ގައުމުގެ މީޑިއާ އިން ވެސް ވަނީ ބުނެފައެވެ.

މި ދެ ގައުމަކީ ވެސް އިގްތިސޯދީ ގޮތުން ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައިވާ ދެ ގައުމެވެ.

ސައިފަތަކީ އިރާނުގެ އެންމެ މުހިއްމު އެއް އިމްޕޯޓެވެ. އެއީ އެ ގައުމުގެ ރައްޔިތުންނަކީ ދުނިޔޭގެ ނިސްބަތުން ވެސް ސައިފަތް ގިނައިން ބޭނުން ކުރާ ގައުމަކަށް ވާތީއެވެ. ނަމަވެސް އެމެރިކާ އިސްވެ އެ ގައުމާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން އެ ގައުމަށް ވަނީ އިމްޕޯޓް ތައް ކުރުމުގައި ބޭރު ފައިސާ ލިބުން ވަރަށް ބޮޑަށް ދަތިވެފައެވެ.

ނަމަވެސް ސްރީލަންކާ އާއި އެކީ ވެފައިމިވާ އެއްބަސްވުމުގެ ދަށުން އިރާނަށް މިހާރު އެމެރިކާ ޑޮލަރާއި ނުލައިވެސް ސައިފަތް އިމްޕޯޓް ކުރެވިގެންދާނެއެވެ.

ސްރީލަންކާ އަކީ ވެސް ކޮވިޑް - 19 ގެ އާލަމީ ވަބާ އަށް ފަހު އިގްތިސޯދު މުޅިން ފުނޑުފުނޑުވެފައި އޮތް ގައުމެކެވެ. އެހެން ކަމުން ބޭރު ފައިސާ އާއި ނުލައި ތެޔޮ އެތެރެކުރުމުގެ ފުރުސަތަކީ އެ ގައުމުގެ އިގްތިސޯދު ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަންނަން ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

އިރާނާއި ސްރީލަންކާ އާއި ދެމެދު މި ފަދަ އެއްބަސްވުމެއް ފުރަތަމަ އެކުލަވައިލީ 2021 ވަނަ އަހަރުގައެވެ. ނަމަވެސް ސްރީލަންކާގެ އިގްތިސޯދު އާދަޔާ ހިލާފަށް ގޯސްވުމުން އެ ގައުމުން އޭރު ވަނީ އެ އެއްބަސްވުމަށް އަމަލުކުރުން ފަސްކޮށްފައެވެ.