އިންޑިއާ އާ އެކުގައި ގުޅުން ބަދަހި ކުރުމަކީ އަރްމޭނިއާ އިން އިސްކަން ދޭ ކަމެއް ކަމުގައި އަރްމޭނިއާގެ ލޭބާ މިނިސްޓަރު ނަރެކް މަކަރްޗިޔަން ވިދާޅުވެއްޖެއެވެ.

އަރުމޭނިއާގެ މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ކުރިއަށް ދިޔަ ރައިސިނާ ޑައިލޮގްގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވެފައި ވަނީ އަރްމޭނިއާގެ ހާރިޖީ ސިޔާސަތުގެ އެޖެންޑާގެ ތެރޭގައި އިންޑިއާއާ ގުޅުން ބަދަހި ކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށެވެ.

އިންޑިއާ އާއި އަރްމޭނިއާއާ ދެމެދު އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެއް ގައުމު އަނެއް ގައުމަށް ދެމުން އަންނަ އެހީތެރިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ވަރުގަދަވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނިއުދިއްލީގައި ބޭއްވި މި ޑައިލޮގަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނުން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީއާ ގުޅިގެން ބޭއްވި ޑައިލޮގެކެވެ.

"ދެ ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމާއި އެއް ގައުމުން އަނެއް ގައުމަށް ދެމުން އަންނަ އެހީތެރިކަމުގެ ސަބަބުން ފާއިތުވެދިޔަ 30 އަހަރު ވެސް ގުޅުން ވަނީ އިތުރަށް ވަރުގަދަ ވެފައި. ހާއްސަކޮށް މިދިޔަ މިދިޔަ ތިން އަހަރު ސިޔާސީ ގުޅުން އިތުރަށް ވަރުގަދަވި. ހާރިޖީ ސިޔާސަތުގެ އެޖެންޑާގައި އެންމެ އިސްކަމެއް ދޭ ކަމަކީ އިންޑިއާއާ ގުޅުން ބަދަހި ކުރުން،" އަރްމޭނިއާގެ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މި ގުޅުމުގެ ސަބަބުން އިގްތިސާދާއި ޓެކްނޮލޮޖީ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާއާ ސަގާފީ ދާއިރާ ކުރިއެރުވުމުގައި އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އިގްތިސާދު ކުރިއަރުވަން ބޭނުން ނަމަ، ދެ ގައުމުން ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒު ހިފަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމުގައި ސީދާ ދަތުރުތައް ފެށިގެން ދިއުމަކީ ވަރަށް މުހިންމު ކަމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަސްދޫނި

    ކަލޯ ވިސްނާތި. ތި މީހުނާ ގުޅުން ގާއިމު ކުރިޔަސް ގާތް ކުރަން ޖެހޭނީ ބަލައިގެން. އިނގިލިދީފިއްޔާ މުޅި އަތުގަ ދަތްއަޅާ ބައެއްތި!

    2
    2
  2. ބީނޫ

    އިނަޑިއާ ގޮތް ނޭގެނީ

  3. އއ

    އިންޑިޔާއަކީ ކޮންކަހަލަ ޚަޞީލަތެއް ގެންގުޅޭ ބައެއްކަން، 30 އަހަރު ވީއިރުވެސް ތިޔަ މިނިސްޓަރަށް ނޭނގުނުދޯ؟ މާރޮނޑަކަށްވުރެ ހަންގަނޑު ބޯވާނެ. ވިސްނައިގެން އުޅޭތި. ރައްކާވެ ތިބީއްޔާ ދަތުރު.