އިންޑިއާ އާއި ނޭޕާލާއި ދެމެދު ގިނަ މާލީ ހިދުމަތްތަކެއް ދެވޭނެހެން ރިޒާވް ބޭންކް އޮފް އިންޑިއާއިން އެކުލަވާލާފައިވާ އާ ގަވާއިދުތަކަށް ނޭޕާލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ތައުރީފު ކުރައްވައިފިއެވެ.

ނޭޕާލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޝަންކަރު ޝަރުމާ ވިދާޅުވެފައިވަނީ ނޭޕާލުގެ ރައްޔިތުންނަށް މިހާރު 2 ލައްކަ ރުޕީސް އެއްފަހަރާ ނޭޕާލަށް ފޮނުވޭނެ ކަމަށާއި، އަދި ވޯކްއިން ކަސްޓަމަރުންނަށް 50،000 ރުޕީސް އެއްފަހަރާ ފޮނުވޭނެ ކަމަށެވެ.

އަދި ވަގުތުން ވަގުތަށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ޑިޖިޓަލް ނިޒާމެއް ވަރަށް އަވަހަށް ތައާރަފް ކުރެވިގެން ދާނެ ކަމަށާއި، އޭގެ ސަބަބުން އަތުގައި ފައިސާގެ ނޫޓުތައް ގެންގުޅުމުގެ ބުރަ އިތުރަށް ކުޑަ ވެގެންދާނެ ކަމަށްވެސް ސަފީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އިންޑިއާ އާއި ނޭޕާލާއި ދެމެދު ޑިޖިޓަލް ޕޭމެންޓު ނިޒާމުގެ ފުރަތަމަ މަރުހަލާ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަސް ނިމުމުން ފެށޭނެ ކަމަށް ލަފާ ކުރައްވާ ކަމަށް ނޭޕާލަށް ކަނޑައަޅާފައި ހުންނަ އިންޑިއާގެ ސަފީރު ނަވީން ޝަރިވާސްތަވާ ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާން ކުރައްވާފައެވެ.

އޮންލައިން އަދި ޑިޖިޓަލްކޮށް ފައިސާގެ މުއާމަލާތުތައް ކުރެވޭ ނިޒާމުތައް ކަމަށްވާ އިންޑިއާގެ ޔުނިފައިޑް ޕޭމެންޓް އިންޓަފޭސް (ޔޫޕީއައި) އަދި ނޭޕާލްގެ ނެޝަނަލް ޕޭމެންޓް އިންޓަފޭސް އޮފް ނޭޕާލް ބޭނުން ކޮށްގެން އިންޑިއާއާއި ނޭޕާލާ ދެމެދު ފައިސާގެ މުއާމާލާތުތައް ކުރުމަށް ފަސޭހަ ކޮށްދިނުމަށް އިންޑިއާގެ އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓްސް ލިމިޓެޑް އާއި ނޭޕާލް ކްލިއަރިންގް ހައުސް ލިމިޓެޑް އިން ވަނީ 2023 ވަނަ އަހަރުގެ ޖޫން މަހު ގުޅިގެން މަސައްކަތް ފަށާފައެވެ.