ރަޝިޔާގެ ވެރިރަށް މޮސްކޯގެ ކްރޮކަސް ސިޓީގެ ކޮންޕްލެކްސް އަކަށް ރޭ ދިން ހަމަލާއާ ގުޅިގެން މާޗް މަހުގެ 24 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި އެ ޤައުމުގެ ރައީސް ރައީސް ވްލަޑިމިއާ ޕޫޓިން ހަމަޖައްސަވައިފިއެވެ.

މިއަދު ޤައުމާ މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވަނީ މި ހަމަލާއަކީ ނިރުބަވެރި އަނިޔާވެރި އަމަލެއް ކަމަށް ސިފަކުރައްވައި، އެކަން ކުރި މީހުންނަށް އަދަބު ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އަދި ޔޫކްރެއިންއިން އެމީހުން ފިލަން އެހީވުމަށް "ވިންޑޯއެއް" ތައްޔާރުކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ޕޫޓިން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވައި، މި ހަމަލާއާ ގުޅިގެން ރަޝިއާގެ އިމަޖެންސީ ސާވިސަސް އިން ދިން އިޖާބައަށް ޝުކުރު އަދާކުރައްވާފައެވެ.

މޮސްކޯގެ ކްރޮކަސް ސިޓީ ހޯލަށް ދިން ނުރައްކާތެރި ހަމަލާގައި 130 މީހުން މަރުވެ 100 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލުމުގެ ޒިންމާ އައިއެސްއައިއެސް-ކޭ (އައިއެސްއައިއެލް) ޖަމާއަތުން ވަނީ އުފުލާފައެވެ.

ހަމަލާގެ ޒިންމާ ނެގި އައިއެސްއައިއެލް އިން ވަނީ ހަމަލާދިން މީހުން ކަމަށް ބުނެ، ޓެލެގްރާމް ޗެނަލެއްގައި އެމީހުންގެ ފޮޓޯއެއް އާންމުކޮށްފައެވެ. އެ ޖަމާއަތުން ބުނީ މި ހަމަލާއަކީ އިސްލާމްދީނާ ދެކޮޅަށް ހަނގުރާމަކުރާ ގައުމުތަކާއި ދެކޮޅަށް އެ ޖަމާއަތުން ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ ތެރެއިން ދިން ހަމަލާއެއް ކަމަށެވެ.

ކްރެމްލިންއާ ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ދުރުގައި އޮންނަ ކޮންސެޓް ހޯލަށް ކޮމްބެޓް ހެދުން އަޅައިގެން ތިބި އެތައް ބަޔަކު ވަދެ، އެތެރޭގައި ތިބި މީހުންނަށް ބަޑި ޖަހާފައިވާ ކަމަށް ރަޝިޔާގެ ޕްރޮސެކިއުޓާ އޮފީހުން ވަނީ ބުނެފައެވެ.

ރަޝިޔާގެ ފެޑެރަލް ސެކިއުރިޓީ ސަރވިސްއިން ބުނީ މި ހަމަލާއާ ގުޅިގެން ރަޝިޔާގެ ކަމާބެހޭ ފަރާތްތަކުން 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ސީދާ ބައިވެރިވި ހަތަރު މީހުން ވެސް ހިމެނޭ ކަމަށެވެ.

މޮސްކޯގެ ހުރިހާ އާންމު ހަރަކާތެއް މި ހަފުތާ ބަންދުގައި ކެންސަލްކޮށްފައިވާއިރު، އެ ސިޓީގެ މައި ހަތަރު އެއާޕޯޓު ވަނީ އެންމެ ބޮޑަށް އެލާޓަށް ގެނެސްފައި ކަމަށް އަލްޖަޒީރާގެ ޑޯސާ ޖައްބަރީ އިން ވަނީ ބުނެފައެވެ.

އދ.ގެ ސަލާމަތީ މަޖިލީހުން ވަނީ ކްރަސްނޯގޯސްކްގައި ދިން ނުރައްކާތެރި އަދި ބިރުވެރި ނިރުބަވެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު