ރަޝިޔާގެ ވެރިރަށް މޮސްކޯގައި ބޭއްވި ކޮންސަޓެއްގައި އެތައް ބަޔަކު ބަޑި ޖަހައި މަރާލި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައި ވަނީ ތަޖިކިސްތާނަށް އުފަން ހަތަރު ފިރިހެނުންނާ ދެކޮޅަށް ކަމަށް މޮސްކޯގެ ބަސްމަނީ ޑިސްޓްރިކްޓް ކޯޓުން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދަލެދްޒޮން މިރުޒޮޔޭވް އާއި ސައިދަކްރަމީ މުރޮޑާލީ ރަޗަބަލިޒޯޑާ އާއި ޝަމްސިއްދީން ފަރުދޫނީގެ އިތުރުން މުހައްމަދުސޮބީރް ފޭޒޯވް އެވެ. އަަދި އެމީހުން މެއި މަހުގެ 22 އާ ހިސާބަށް ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މީހުން އަތުލައިގަތީ ހަމަލާ އަށް ފަހު، ޔުކްރެއިން އަށް ދާން މަސައްކަތް ކުރަމުން ދަނިކޮށް ކަމަށް ރަޝިއާ އިން ބުނެފައިވެއެވެ.

މޮސްކޯގެ ކްރޮކްސް ހޯލްގައި ކުރިއަށް ދިޔަ ކޮންސަޓަށް ދިން ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން ވަނީ ނަގާފައިއެވެ. އަދި މި ހަމަލާއާ ޔޫކްރެއިން ގުޅުން އޮތް ކަމަށް ރަޝިއާ އިން ވަނީ ތުހުމަތުކޮށްފައެވެ.

ކޮންސަޓަށް ދިން މިހަމަލާގައި 137 މީހަކު މަރުވެ، 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ. ހަމަލާދިން އިރު ކޮންސަޓް ބަލަން 6،200 އެއްހާ މީހުން ވަދެ ތިއްބެވެ.