ބާރުގަދަ ތޫފާނެއް ޕިލިޕީންސްގެ ދެކުނުގެ ސަރަހައްދަކަށް އަރައިފިއެވެ.

މަންޚޫތުގެ ނަމުން ނަންދީފައިވާ މި ތޫފާނަކީ މި އަހަރު މިހާތަނަށް ފިލިންޕީންސް އަށް އަރާފައިވާ އެންމެ ބާރުގަދަ ތޫފާނެވެ. ތޫފާނުގައި ދަނީ ގަދަ ވަޔާ އެކު ބޯކޮށް ވާރޭ ވެހެމުންނެވެ.

މި ތޫފާންގައި ގަޑިއަކު 125 މޭލު ބާރު މިނުގައި ވައިޖެހުމުންދާއިރު ފިލިޕީންސްގެ ލުޒޯން ސަރަހައްދުގައި ދިރިއުޅޭ ހަތަރު މިލިޔަނަށް ވުރެ ގިނަ މީހުން މިހާރު ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކުރެވިފައެވެ.

ތޫފާނުގައި ހާލުގައި ޖެހުނު އެތަށް ހާސް ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު ތޫފާންގައި ބޮޑެތި ގެއްލުންތައް އެ ސަރަހައްދަށް ކޮށްފައިވާ ކަމަށް ވެއެވެ. މި ތޫފާނުގެ ސަބަބުން ލުޒޯން ސަރަހައްދުން ކަރަންޓް ކެނޑިފައިވާއިރު، އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މީގެއިތުރުން ކަރަންޓު ފޯރުކޮށްދޭ ނިޒާމަށާއި މަގުތަކަށާއި ދަނޑުބިމަށާއި އާންމުންގެ ގެދޮރަށް ބޮޑެތި ގެއްލުން ތަކެއް ލިބުނެވެ. އަދި ކޯރުތައް ބަންޑުންވެ ގިނަ ހިސާބުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

މިތޫފާނުގެ ސަބަބުން ދަތުރު ފަތުރު ވެސް ވަނީ ހުއްޓިފައެވެ. އެ ގޮތުން ފިލިޕީންސްގެ އެކި ބަނދަރުތަކުގައި 15000 ވަރަކަށް މީހުން ވަނީ ތާށިވެފައެވެ.

މި ތޫފާން އެ ގައުމުގެ ބައެއް ޖަޒީރާތަކަށް އަރައިފާނެ ކަމަށް އިއްޔެ ވަނީ ދުރާލައި އިންޒާރު ދީފަ އެވެ. އަދި ތޫފާނުގައި އެންމެ ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާ ކުރެވޭ ސަރަހައްދުތަކުގައި އިއްޔެއިން ފެށިގެން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފަ އެވެ.

އާންމުގޮތެއްގައި ކޮންމެ އަހަރަކު ވެސް ފިލިޕީންސަށް ވިއްސަކަށް ތޫފާން އަރައެވެ. ފިލިޕީންސަކީ ދުނިޔޭގެ ނިސްބަތުންވެސް ތޫފާން އެރުން ގިނަ ގައުމެކެވެ. ފަހުގެ ތާރީހެއްގައި ފިލިޕީންސަށް އެރި އެންމެ ގެއްލުން ބޮޑު ތޫފާން އެރީ 2013 ވަނަ އަހަރުއެވެ. އެ ތޫފާނުގައި 7300 މީހުން މަރުވިއެވެ.