ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގައި ހުންނަ ހޮސްޕިޓަލުތަކަށް ވަދެ ގަނެ، އެތަންތަނުގައު ހަަމަލާތައް ބަދަލު ކުރަމުންދާތާ އެތައް ދުވަހެއް ވެއްޖެއެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އެކި ހޮސްޕިޓަލުތަކުގައި ނިރުބަވެރިން އޮޕަރޭޝަންތައް ހިންގާފައި ވެއެވެ. ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިން ބިރުވެރިކަމެއްގެ ތެރޭގައި އުޅެމުންދާއިރު، އެ ހޮސްޕިޓަލްތަކުގެ ހިޔާވަހިކަން ހޯދަމުން އަންނަ ރައްޔިތުންނަށްވެސް ލިބިގެން ދިޔައީ މާޔޫސްކަމެވެ.

ރައްކާތެރި ތަންތަނުގެ ތެރޭގައި ބެލެވުނު ހޮސްޕިޓަލުތަކުގައިވެސް ނިރުބަވެރިން ދެމުން ގެންދިޔައީ ހަމަލާތަކެވެ. ބައެއް މީހުން ހޮސްޕިޓަލުން ބޭރުވެސް ކުރިއެވެ. މި ނިމުނީއެއް ނޫނެވެ. ޣައްޒާގެ އެކި ހޮސްޕިޓަލްތައް ފުރި، ފަރުވާ ދޭން ތިބޭ ސިއްހީ ހިދުމަތްތެރިން ވަރަށް ބޮޑަށް ވަރުބަލިވެއްޖެ ކަމުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

މީގެ ތެރެއިން ހާލަތު ގޯސްފައިވާ އެއް ހޮސްޕިޓަލުގެ ތެރޭގައި ޣައްޒާގެ އަލް އަގްސާ ހޮސްޕިޓަލު ހިމެނެއެވެ.

އުރުދުންގެ ކުޑަކުދިންގެ އިންޓެންސިވް ކެއާ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ ތާނިޔާ ހައްޖު-ހަސަން އަކީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރް އަލް ބަލާހްގައި ހުންނަ އަލް އަގްސާ ހޮސްޕިޓަލުގައި ދެ ހަފުތާގެ މުއްދަތަކަށް ވޮލަންޓިއަރކޮށް މަސައްކަތްކުރާ ހަތް ޑޮކްޓަރުންގެ ޓީމެއްގެ ތެރޭގައި ހިމެނޭ އެއް ޑޮކްޓަރެެވެ.

"މީހުން ތިބީ ވަރުބަލިވެފައި،". އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެެވެ.

"އަހަރެމެންގެ ޓީމުން މިކަން ކުރާތާ ފަސް ދުވަސް ވެއްޖެ، އަހަރެމެން މިތިބީ ވަރުބަލިވެފައި. ވަސީލަތްތަކާ ނުލައި 24 ގަޑިއިރު، އަދި 162 ދުވަސް ވަންދެން މިތަނުގައި ތިބި ޣައްޒާގެ ޓީމުން މަސައްކަތް ކުރަމުން ދަނީ ކިހިނެއްކަމެއް އަޅުގަނޑަކަށް ނޭނގެ،"، އޭނާ ވިދާޅުވެފައި ވެއެވެ.

އަލްއަގްސާ ޝަހީދުންގެ ހޮސްޕިޓަލުގައި 800 ބަލި މީހުން ތިބި ނަމަވެސް ހުރީ އެންމެ 160 އެނދެވެ. ގިނަ ބަޔަކަށް މަޖުބޫރުވަނީ ކޮރިޑޯތަކުގައި ހުރި ގޮދަޑިނުވަތަ ބްލޭންކެޓްމަތީގައި ތިބުމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރަމުންދާ މަދު މުވައްޒަފުންގެ މަދު މެމްބަރުން 24 ގަޑިއިރު މަސައްކަތް ކުރާއިރު ގިނަ ފަހަރަށް އަމިއްލަ ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ.

އުރުދުންގެ ނަރުހެއް ކަމަށްވާ މުސްތަފާ އަބޫ ޤާސިމް ވިދާޅުވީ މެޑިކަލް ޓީމުތަކުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ދަރިންނާއި އަނބިދަރިން ނުވަތަ މައިންބަފައިން ގެއްލިފައިވާ ކަމަށްވެސް ބުންޏެވެ. އެހެންނަމަވެސް އެމީހުން ދަނީ އެމީހުންގެ މަސައްކަތް ތައް ކުރިއަށް ގެންދަމުންނެވެ.

"މިކަމުން އެނގެނީ އެމީހުންނަށް ކުރިމަތިވެފައިވާ ނަފްސާނީ ޕްރެޝަރު،،". އޭނާ ވިދާޅުވިއެވެ.