މަޑަގަސްކަރައިގެ އުތުރު ސަރަހައްދަކަށް ތޫފާން (ގަމަނޭ) އަރައި 11 މީހުން މަރުވެ އެތައް ސަތޭކަ ގެއެއް ހަލާކުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

އިންޑިއާ ކަނޑުގެ ޖަޒީރާ ރަށްތަކަށް މިތޫފާނުގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވުނު ނަމަވެސް ތޫފާނުގެ މިސްރާބު ބަދަލުވެ މިއަދު ހެނދުނުގެ ވަގުތެއްގައި މަޑަކަސްކަރައިގެ ވޮހެމާ ޑިސްޓްރިކްޓަށް ތޫފާން އަރާފައިވެއެވެ.

ވީޑިއޯ ތަކުން ފެންނަ ގޮތުގައި ރަށްރަށުގެ ތެރެއިން ފެން ކޯރުތައް ހެދިފައިވާ މަންޒަރުފެނެއެވެ. އަދި ގޭގޭގައި ނުނިކުމެވި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށް އެހީތެރިވުމަށް ދިޔައިރު، ކަކުލާއި ހަމައަށް ފެންގަނޑު ބޮޑުވެފައިވެއެވެ. ތޫފާނުގެ ސަބަބުން ގިނަ އަދަދެއްގެ މަގުތަކާއި ބްރިޖްތައް ވެސް ވަނީ ބަންދުކޮށްފައިއެވެ.

ތޫފާނުގެ ސަބަބުން ވެއްޓުނު ގަސްތަކާއި ގެތަކުގެ ދަށުވެ 5 މީހަކު މަރުވެފައިވާއިރު، ފެންގަނޑުގެ ތެރެއަށް ގެނބިގެން 6 މީހަކު ވަނީ މަރުވެފައިއެވެ. ޖުމްލަ ގޮތެއްގައި 7،000 އެއްހާ މީހުންނަށް ވަނީ މި ތޫފާނުގެ ސަބަބުން ގެއްލުމުގެ އަސަރުކޮށްފައިވެއެވެ.

ތޫފާނުގެ ސަބަބުން ލިބުނު ސީދާ ގެއްލުމުގެ މިންވަރު އަދި ސާފުނުވާއިރު އެސަރަހައްދުގެ ގިނަ ރަށްތަކާއި އެގައުމުގެ އެހެން ސަރަހައްދުތަކާ ގުޅުން ވަނީ ކެނޑިފައިއެވެ. އަދި އެކަމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށް ދިނުމާއި، މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ޓީމުތަކަށް އެސަރަހައްދައް ވަދެވޭނެ ގޮތް ވަނީ ދަތިވެފައެވެ.

މި ތޫފާން އެގައުމުގެ ހުރަސްކޮށް ދަތުރުކުރިއިރު އެވްރެޖްކޮށް ގަޑިއަކު 150 ކިލޯމީޓަރުގެ ބާރުމިނުގައި ވައިގަދަވެ ބޯކޮށް ވާރޭވެހިފައިވެއެވެ. ބައެއް ހިސާބުތަކުގައި ގަޑިއަކު 210 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައިވެއެވެ.

އެފްރިކާގެ އިރުދެކުނު ކަނޑުގެ އައްސޭރީގައި އޮންނަ މަޑަގަސްކަރަކީ ގަވާއިދުން މޫސުން ގޯސްވުމުގެ އަސަރު ކުރާ ތަނެކެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން ތޫފަން "ފްރެޑީ" ވަނީ އެގައުމުގެ އިތުރުން އަވަށްޓެރި ގައުމުތައް ކަމަށްވާ މޮޒެމްބިކް އާއި މަލާވީ ވެސް އަރާފައެވެ. އަދި އެ ތޫފާނުގައި 500 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ވަނީ ގެއްލިފައިއެވެ.