ޕާކިސްތާނުން ސައުދީ އަރަބިއްޔާއަށް ވަކިން ހާއްސަކޮށް މަދީނާއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކަމުންދާތީ ސައުދީ ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ސައުދީ ސަރުކާރުން ބުނީ އެ ގައުމަށް ޕާކިސްތާނުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަމުންދާ ކަމަށާއި މައްކާގެ މާތް ބިމުގައި އެފަދަ ކަމެއް ކުރަމުންދާތީ އެކަމާ ނުހަނު ކަންބޮޑުވާ ކަމަށެވެ. އެ ގައުމުގެ ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.

މިދިޔަ ހަފްތާގައި މަދީނާގައި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ހިންގި އޮޕަރެޝަނެއްގައި ޕާކިސްތާނުގެ ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުން ހައްޔަރު ކުރެވުނީ ކްރިސްޓަލް މެތަމްފެޓަމިން ވިއްކުމުގެ ކުށުގައި ކަމަށް ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިވެރިންނާ ދެކޮޅަށް ސައުދީގައި ހިންގި އޮޕަރޭޝަން ތަކުގައި އަތުލައިގަނެވުނު ޕާކިސްތާނުގެ މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ މަޝްހޫރު މެތަމްފެޓަމިންގެ އިތުރުން ހެރޮއިން ވެސް ވިޔަފާރި ކުރާ ކަމުގެ ތުހުމަތެވެ.

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ސައުދީގެ ކަމާއި ބެހޭ ފަރާތްތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެތައް ސަތޭކަ މީހުުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭ ގިނައީ ޕާކިސްތާނުގެ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި އެމީހުން ޑްރަގް ޓްރެފިކިންގގެ މަސައްކަތް މައިގަނޑު ގޮތެއްގައި ހިންގަމުން ދިޔައީ މައްކާ، ރިއާދު އަދި ސައުދީގެ އިރުމަތީ ސަރަހައްދުތަކުގައެވެ.

މިދިޔަ އޭޕްރީލް 15 ވަނަ ދުވަހު ރިޔާދު ރީޖަން ޕޮލިސްގެ ސައުދީ ކްރިމިނަލް އިންވެސްޓިގޭޝަން އެންޑް ސާޗް ޑިޕާޓްމަންޓުން ވަނީ 13،000 މަސްތުވާތަކެތީގެ ޓެބްލެޓް ވިއްކަމުން ދިޔަ ޕާކިސްތާނުގެ ދެ މީހަކު ހައްޔަރުކޮށްފައެވެ. އަދި މެތަމްފެޓަމިން ބެހުމުގެ މަސައްކަތުގައި ބައިވެރިވި ކަމަށް ބުނާ ޕާކިސްތާނުގެ އެހެން މީހަކުވެސް ހަފްރު އަލް ބަޓިން ސިޓީން ވަނީ ހައްޔަރުކޮށްފައެވެ.

މީގެ ކުރިން ޖެނެރަލް ޑިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް އިން ވަނީ ޖިއްދާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ދެ މީހަކު ކަމަށްވާ ޕާކިސްތާނާއި ފިލިޕީންސްގެ މީހަކު ހައްޔަރުކޮށްފައެވެ. ހަމައެއާއެކު ވަކިވަކި ހާދިސާތަކުގައި ޕާކިސްތާނުގެ ގާތްގަނޑަކަށް ހަތަރު ރައްޔިތަކު ވަނީ ސައުދީއަށް މަސްތުވާތަކެތި އެތެރެކުރަން ނުވަތަ ވިއްކަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައެވެ.

މަސްތުވާތަކެތި ވިއްކާ މީހުންނާއި އެތެރެކުރާ މީހުންނާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން ހަރުކަށި ފިޔަވަޅު އަޅަން ފަށާފައިވާ މި ދަނޑިވަޅުގައި ގިނައިން ހައްޔަރު ކުރަނީ ޕާކިސްތާނުގެ މީހުންނެވެ.

6 ސެޕްޓެމްބަރު 2023 ގައި ސައުދީ ކޯޓަކުން ވަނީ ޕާކިސްތާނުގެ 11 މީހަކު، ކޮންމެ މީހަކު 7 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ. އެމީހުންގެ މައްޗަށް ކުރެވުނީ މަކަރާއި ހީލަތުން ފައިސާ ހޯދި ކަމުގެ ދައުވާއެވެ. އެގޮތުން މީހުންނަށް ޓެކްސްޓް މެސެޖު ފޮނުވައި، ފޯނުން މުއާމަލާތްކޮށް، ބޭންކުގެ މައުލޫމާތު އަޕްޑޭޓް ކުރުމަށް އިލްތިމާސްކޮށް، އެއަށްފަހު އެމީހުންގެ ޒާތީ މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެމީހުންގެ ބޭންކް އެކައުންޓަށް ވަދެ އެމީހުންގެ ފައިސާ ވަގަށް ނެގުން ފަދަ ކަންތައް އެމީހުން ވަނީ ސައުދީގައި ކޮށްފައެވެ.

މީގެއިތުރުން މިދިޔަ އަހަރު ސައުދީ އަރަބިއްޔާގެ ޖިއްދާ ސިޓީގެ ފުލުހުން ވަނީ ވެހިކަލް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ ޕާކިސްތާނުގެ 13 މީހުންގެ ގްރޫޕެއް ހައްޔަރުކޮށްފައެވެ. ސައުދީ ފުލުހުން ބުނި ގޮތުގައި އެ މީހުން ވަގަށް ނަގާފައި ވަނީ އެތައް ވައްތަރެއްގެ 19 ވެހިކަލެވެ. އެ އުޅަނދުތައް ފަހުން ރޫޅާލައި ބައިބަޔަށް ވިއްކާލާފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އެކިއެކި ޖިނާއީ ކުށްތަކުގައި 3،400 އާ ގާތްކުރާ އަދަދަކަށް ޕާކިސްތާނު މީހުން ސައުދީ އަރަބިއްޔާގައި ޖަލަށްލާފައިވާއިރު، ޕާކިސްތާނުގެ މީހުންނަކީ ސައުދީގެ ޖަލުތަކުގައި އުޅޭ އެންމެ ގިނަ މީހުންނެވެ.

2019 ވަނަ އަހަރު ކުރީގެ ބޮޑުވަޒީރު އިމްރާން ހާނާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ދެމެދު އެއްބަސްވުމަކަށް އައިސް، ޕާކިސްތާނުގެ 2،100 ގައިދީން ދޫކޮށްލުމަށް ސައުދީން އެއްބަސްވި ނަމަވެސް، ޕާކިސްތާނުގެ ބަންދުގައި ތިބި މީހުންގެ ތެރެއިން %60 މީހުން މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވާތީ ދޫކޮށްލެވޭ ގޮތެއް ނުވިއެވެ.

ގައުމީ މަޖިލީހުގެ ދާއިމީ ކޮމިޓީގެ ސަބް ކޮމިޓީ އޮން އޯވަސީސް ޕާކިސްތާނީންގެ ޖަލްސާގައި މިފަދަ މައުލޫމާތު ހިއްސާކުރިއިރު، ޗެއާ މެހެރީން ރައްޒާކް ބުޓޯ ވަނީ ޕާކިސްތާނުން އިނގިރޭސިވިލާތާއި ސައުދީ އަރަބިއްޔާއަށް 29 ކިލޯގެ ހެރޮއިން ގެންގޮސްފައެވެ. ޕާކިސްތާނުގެ އެއާޕޯޓުން މިހާ ބޮޑު އަދަދަކަށް މަސްތުވާތަކެތި ދޫކޮށްލެވޭނީ ކިހިނެއްތޯ ވަނީ ކޮމިޓީގައި ސުވާލުކުރެވިފައެވެ.

މަސްތުވާތަކެތި ޓްރެފިކިންގެ އިތުރުން ޕާކިސްތާނުގެ މީހުން ހަށިވިއްކުމާއި އަންހެނުންނާއި ކުޑަކުދިންގެ ވަގުފާރަކުރުމުގެ އިތުރުން، ވައްކަން، މަނީ ލޯންޑަރިން ފަދަ އެހެން ޖަރީމާތަކާ ގުޅުން ހުރިކަމަށްވެސް ސައުދީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު